ވިކްޓަރީ

މުސާރަ ނުދީ ވިކްޓަރީ ބޮޑު އަޑިގަނޑަކަށް، ކޯޗެއްވެސް ނެތް

ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް މުސާރަ ނުދޭ މައްސަލަ ފެންމަތިވެ، ކުލަބު ބޮޑު އަނދަވަޅަކަށް ވެއްޓިއްޖެ އެވެ.

ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު، ދިވެހި ޕްރިމިއާ ލީގް މާދަމާ އަލުން ފަށާއިރު، ވިކްޓަރީގެ ޕްރެކްޓިސް އަދިވެސް ނުފަށަ އެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ވިކްޓަރީ ނިކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. ވިކްޓަރީ އަނދަވަޅަކަށް ވެއްޓި، ކުލަބުގައި ތިބި ހަތަރު ބިދޭސީ ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިޔަކު ވަނީ އަމިއްލައަށް ޓީމު ދޫކޮށްލާފަ އެވެ.

ވިކްޓަރީގެ ކޯޗުގެ މަގާމުގައި ހުރި ހަންގޭރީގެ ލާޒްލޯ ކިސްވެސް ވަނީ ރާއްޖެ ދޫކޮށް ފުރާފަ އެވެ. އަވަސްއާ ވާހަކަ ދެއްކި ޓީމުގެ އޮފިޝަލަކު ބުނީ، ވިކްޓަރީގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި މާދަމާ ރޭ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ވިކްޓަރީގެ ކުޅުންތެރިން ދަނޑަށް ނިކުންނާނެ ކަމުގެ ގެރެންޓީއެއްވެސް ނެތް ކަމަށެވެ.

"ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އަޅުގަނޑުމެން ގުޅައިފިން، ޗެއާމަން [މުހައްމަދު އިސްމާއީލް] އާއި ވައިސް ޗެއާމަން [އަލީ އާރިފް] އަށްވެސް، އަދި މެނޭޖަރު ގާލިބުއަށްވެސް އެތައް ފަހަރެއްގެ މަތިން ގުޅިއްޖެ، ނަމަވެސް ފޯނަށް ޖަވާބެއް ނުދޭ،" ހިތްހަމަ ނުޖެހިފައި ހުރެ އޮފިޝަލް ބުންޏެވެ. "އެހެން ހުރިހާ ޓީމަކުން ޕްރެކްޓިސް ފަށައިގެން ކުރިއަށް ގެންދާތާ ކިތަންމެ ދުވަހެއް، މާދަމާ ރޭ މިއޮތީ ވިކްޓަރީގެ މެޗު، އަޅުގަނޑަކަށް ޔަގީނެއް ނޫން ކުޅުންތެރިން މެޗަށް ނިކުންނާނެ ކަމާ މެދަކުވެސް."

ޓީމު މެޗަށް ހާޒިރު ނުވެއްޖެނަމަ، އިދިކޮޅަށް ނިކުންނަ މާޒިޔާއަށް، މެޗުގެ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލް ލިބިގެންދާނެ އެވެ. އަދި ވިކްޓަރީއަށް 25000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ އެވެ.

މިއަހަރު ކުރީކޮޅު ވިކްޓަރީގެ ލީޑާޝިޕަށް ވަޑައިގެންނެވި، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ވައިސް ޗެއާމަން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފު ވަނީ ވިކްޓަރީ ގަދަ ބާރަކަށް އަލުން ހަދާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

މުހައްމަދު އިސްމާއީލް | ވިކްޓަރީގެ ޗެއާމަން

މާޗް މަހު ބޭއްވި އިންތިހާބުގައި، ޗެއާމަންކަމަށް ވަޑައިގެން، މުހައްމަދު އިސްމާއީލް ވިދާޅުވީ ފުޓްބޯޅައިގައި މާ ފަހަތުގައި އޮތުން ވިކްޓަރީ އަށް ހައްގު ނުވާ ކަމަށާއި، ވިކްޓަރީ ކުރިން އޮތް މާގަމަށް ގެންގޮސް ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ވިކްޓަރީގެ ސަޕޯޓަރުންގެ ބައިވެރިވުން ހޯދައިގެން، ކުޅުންތެރިންނާއި މެނޭޖުމެންޓުން އަޅުގަނޑުމެން މަސައްކަތް ކުރާނަން ވިކްޓާރީ ހޯދާފައިވާ ތަށިތަކުގެ ތެރެއަށް އިތުރު ތަށިތައް ހޯދުމަށް." މާޗް 31 ގައި ބޭއްވި ވިކްޓަރީގެ އިންތިހާބަށް ފަހު މުހައްމަދު އިސްމާއީލް ވިދާޅުވެފައި ވެއެވެ.

"މި ކުލަބަކީ ހިދުމަތްތެރި ކުލަބެއް މި ދިވެހިރާއްޖޭގެ ތާރީހްގައި، ކުޅިވަރުގެ ތާރީހްގައި، އެހެންވީމަ ކުޅުންތެރިންނަށްވެސް އަޅުގަނޑުމެން ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑުމެން ކުރިއަށް އޮތްތާންގައި މަސައްކަތް ކޮށްގެން، މި ކުލަބަކީ ކާމިޔާބު ހޯދާނެ ކުލަބަކަށް ހަދާނަން، އަޅުގަނޑުމެން މި އައީ މި ކުލަބަށް ހިދުމަތެއް ކުރަން." އިންތިހާބަށް ފަހު ވިކްޓަރީގެ ވައިސް ޗެއާމަން އަލީ އާރިފް ވިދާޅުވެފައި ވެއެވެ.

ވިކްޓަރީގެ ހާލަތު އޮތްގޮތާ މެދު އެ ކުލަބުގެ އިސް އޮފިޝަލަކާ ގުޅުމުން ވިދާޅުވީ، މާދަމާރޭ މެޗުގެ ކުރިން، ކުޅުންތެރިންނާ ގުޅޭ ކަންކަން ހަމަޖެއްސުމަށް މެނޭޖުމެންޓުން މަސައްކަތް ކުރަމުންދާ ކަމަށެވެ.