ރާއްޖޭގައި ބާއްވާ ވިޔަފާރީގެ އެންމެ ބޮޑު ފެއާ ކަމަށްވާ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2018، އަންނަ މަހު ދަރުބާރުގޭގައި ބާއްވަން ނިންމައިިފި އެވެ.
ހޮޓެލް އޭޝިއާ ބާއްވާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިން ބުނީ މިމަހު ކުރިން ބާއްވަން ނިންމާފައި އޮތް ހޮޓެލް އޭޝިއާ ދެން އޮންނާނީ އަންނަ މަހުގެ 10-12 އަށް ދަރުބާރުގޭގައި ކަމަށެވެ.
މެކްސް އިން ބުނީ ދެކުނު އޭޝިއާގައި ވެސް ބާއްވާ އެންމެ ބޮޑު އެއް ފެއާ 2000 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވަމުންދާއިރު، މި އަހަރުގެ ފެއާގައި ވެސް 46 ގައުމަކުން 250 ކުންފުނި ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ކުންފުނިތަކުން 2،000 އަށްވުރެ ގިނަ ބްރޭންޑް ޑިސްޕްލޭ ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މެކްސް އިން ބުނީ މި އަހަރުގެ ފެއާގައިވެސް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކުން ފެއާގައި ބައިވެރިވެ، ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށް ނެރެފައިވާ އެންމެ ފަހުގެ އުފެއްދުންތަކާއި ފަރުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ދައްކާލާނެ ކަމަށެވެ. އަދި ފެއާގެ ތެރޭގައި ކެއުން ބުއިމަށް ހާއްސަކޮށް ތަކެތި އުފައްދާ ކުންފުނިތަކުގެ އުފެއްދުންތަކާއި އިމާރާތްތައް ފަރުމާކުރުމާއި ކުނި ނައްތާލަން ބޭނުންކުރާ ފަހުގެ ޓެކްނޮލޮޖީސްތައް ދައްކާލަން ބަހައްޓާނެ ކަމަށެވެ. އަދި އައުޓް ޑޯ ފަރުނީޗަރާއި ސޮފްޓްވެއާ ސިސްޓަމްތަކާއި ސެކިއުރިޓީ އާލާތްތައްވެސް ދައްލާނެ ކަމަށެވެ.
ހޮޓެލް އޭޝިއާ ފެއާގެ ތެރޭގައި އޮންނަ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަކީ މިގޮތަށް ބާއްވާތާ އެންމެ ދުވަސްވީ އެއް ހަރަކާތެވެ. ރާއްޖޭގެ ގިނަ ރިސޯޓުތަކާއި ދުނިޔޭގެ އެތަށް މިތަނުން ކައްކާއިން ބައިވެރިވެގެން ބާއްވާ މި ފެއާގެ ތެރޭގައި އޮންނަ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑް ޝެފްސް- ޑަބްލިއުއޭސީއެސް) އިންނެވެ. އެންމެ ފަހުން ބޭއްވި މި މުބާރާތުގައި 550 މީހުން ބައިވެރިވެފައިވެ އެވެ.
މި އަހަރުގެ ހޮޓެލް އޭޝިއާ ފެއާގައި ރާއްޖޭގައި ހުރި އެންމެ ފެންވަރު މަތީ ރިސޯޓުތަކަށް ހާއްސަ ގިނަ ޕްރޮޑަކްޓްތަކެއް ދައްކާލާނެ އެވެ. ނަމަވެސް ހޮޓެލް އޭޝިއާ އެންމެ ފުރަތަމަ ފެށިއިރު ބާއްވާފައިވަނީ 60 ސްޓޯލާއި 10 ފަރާތާއެކުގަ އެވެ. ނަމަވެސް މިހާރު ފެއާ ވަނީ 180 ސްޓޯލަށް އިތުރުވެފަ އެވެ. އަދި ފެއާގައި އޮސްޓްރޭލިއާ އާއި ކެނެޑާ އަދި ޗައިނާގެ އިތުރުން ދުބާއީ އާއި ޔޫއޭއީ އަދި ހޮންކޮންގް އާއި އިންޑޮނޭޝިއާ އާއި އިޓަލީ އަދި މެލޭޝިއާ އަދި ސިންގަޕޫރާއި ސްޕެއިން އަދި ސްރީލަންކާ އާއި ތައިލެންޑް އަދި އިނގިރޭސި ވިލާތާއި އެމެރކާގެ ކުންފުނިތަކުން ބައިވެރިވެ އެވެ.
މި އަހަރުގެ ފެއާ ބާއްވަނީ ވެސް ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން އެންޑޯޒް ކޮށްގެންނެވެ.
މެއިން ސްޕޮންސާއަކީ ބީބީއެމް
ހޮޓެލް އޭޝިއާ ފެއާގެ މި އަހަރުގެ މެއިން ސްޕޮންސާއަކީ ވެސް ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ލޯކަލް ބާޒާރާއި ރާއްޖޭގެ އެންމެ މަތީ ފެންތީގެ ރިސޯޓުތަކަށް ބޭނުންވާނެ ތަފާތު އުފެއްދުންތައް ފޯރުކޮށްދޭ ކުންފުންޏެވެ. ދުނިޔޭގެ އެންމެ ގިނަ ޕްރޮޑަކްޓްތައް އުފައްދާ ކުންފުނި ޔުނިލިވާގެ ގިނަ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކާ ކުންފުނިން މި ފެއާގެ މެއިން ސްޕޮންސާގެ ގޮތުގައި ބައިވެރިވާތާ ވަނީ ގިނަ އަހަރުތަކެއް ވެފަ އެވެ.
މިދިޔަ އަހަރު ބޭއްވި ހޮޓެލް އޭޝިއާ ފެއާއަށް 3،000 މީހުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މީގެ އިތުރުން ރިސޯޓު އޯނަރުންނާއި ޖެނެރަލް މެނޭޖަރުން އަދި ޕާޗެސިން މެނޭޖަރުންނާއި އެކި ކުންފުނިތަކުގެ ވެރިން ޒިޔާރަތް ކުރެ އެވެ. މި ފެއާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.