ވިޔަފާރި

މެދުއިރުމަތީގެ އެންމެ ބޮޑު ކެއްކުމުގެ މުބާރާތުގައި ދެ ދިވެހިން ވާދަކުރަން ހަމަޖެހިއްޖެ

Dec 8, 2018

ކަލިނަރީ ދާއިރާގައި ހަރަކާތްތެރިވާ އެކި ޝެފުންނަށް ހާއްސަކޮށްގެން މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް މުބާރާތްކަމަށްވާ ލަ ކުއިސީން - ސިއަލް 2018 ގައި ރާއްޖޭގެ ދެ ޝެފުން ބައިވެރިވާގޮތަށް ހަމަޖެހިއްޖެ އެވެ.

"ލަ ކުއިސީން - ސިއަލް 2018" ގެ ނަމުގައި އަބޫދާބީގައި ބޭއްވި މި ފެއާގައި މި ކެއްކުމުގެ މުބާރާތުގައި ދިވެހި ދެ ޝެފުން ބައިވެރިވެފައިވަނީ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފެރެންސް ސާރވިސް، މެކްސް އަދި ހޮޓެލް އޭޝިއާގެ މެއިން ސްޕޮންސަަ ބެސްޓް ބައި މޯލްޑިވްސް، ބީބީއެމް އެވެ.

މި މަހުގެ 10 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް އަބޫދާބީގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާނީ ހޮޓެލް އޭޝިއާ 2018 ގެ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖުން އެއް ވަނަ ހޯދާފައިވާ ޝެފް އިބްރާހިމް ނާތިފް އަދި ޝެފް މުހައްމަދު އާދިލް އެވެ.

ބެސްޓް ބައި މޯލްޑިވްސްސީއީއޯ މުހައްމަދު މަޒްލޫމް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ކަލިނަރީ ދާއިރާ ކުރިއަރުވައި، މިދާއިރާ އަށް ގިނަ ޒުވާނުންތަކެއް ތައާރަފްކޮށްފައިވާކަމަށެވެ. އަދި ރާއްޖެއިން މިފަދަ މުބާރާތެއްގައި ބައިވެރިވުން މިއީ ރާއްޖޭގެ ކަލިނަރީ ދާއިރާ އިތުރަށް ފުޅާވެގެންދާނެ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލަ ކުއިސީން - ސިއަލް 2018 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝެފުން ބައިވެރިވާއިރު މި މުބާރާތުގައި ކެއްކުމުގެ ހުނަރު ދައްކާލުމުގެ އިތުރުން އިތުރު ހަރަކާތްތައް ކުރިއަށްދާނެކަމަށް މި މުބާރާތް އިންތިޒާމްކުރާ އެމިރޭޓްސް ކަލިނަރީ ގިލްޑް އިން ބުނެ އެވެ.

މި މުބާރާތުގައި 19 ދާއިރާއަކުން ހާހެއްހާ ޝެފުން ބައިވެރިވާއިރު، މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދުނިޔޭގެ ހުރިހާ ޝެފުންނަށް ވަނީ ހުޅުވާލާފަ އެވެ.