ވިޔަފާރި

ކާމިޔާބުކަމާއެކު ހޮޓެލް އޭޝިއާ ފެއާ ނިންމާލައިފި

Oct 13, 2018

ރާއްޖޭގެ އެންމެ ބޮޑު ފެއާ ކަމަށްވާ، ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ފެއާ ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ދަރުބާރުގޭގައި ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ ފެއާގައި 160 ސްޓޯލެއް ބެހެއްޓި އެވެ. އަދި މި ފެއާއަށް ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި ރާއްޖޭގެ ގިނަ ރިސޯޓުތަކުގެ އެންމެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ. މި ފެއާގައި މި އަހަރު ވެސް 46 ގައުމަކުން 250 ކުންފުނި ބައިވެރިވި އެވެ. އަދި މި ކުންފުނިތަކުން 2،000 އަށް ވުރެ ގިނަ ބްރޭންޑް ޑިސްޕްލޭ ކުރާނެ އެވެ. އަދި 100،000 އަށް ވުރެ ގިނަ ބްރޭންޑް ދައްކާލަން ބަހައްޓާފައިވެ އެވެ.

ހޮޓެލް އޭޝިއާ ފެއާގެ މި އަހަރުގެ މެއިން ސްޕޮންސާއަކީ ވެސް ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ލޯކަލް ބާޒާރާއި ރާއްޖޭގެ އެންމެ މަތީ ފެންތީގެ ރިސޯޓުތަކަށް ބޭނުންވާނެ ތަފާތު އުފެއްދުންތައް ފޯރުކޮށްދޭ ކުންފުންޏެވެ. ދުނިޔޭގެ އެންމެ ގިނަ ޕްރޮޑަކްޓްތައް އުފައްދާ ކުންފުނި ޔުނިލިވާގެ ގިނަ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކާ ކުންފުނިން މި ފެއާގެ މެއިން ސްޕޮންސާގެ ގޮތުގައި ބައިވެރިވާތާ ވަނީ ގިނަ އަހަރުތަކެއް ވެފަ އެވެ. މީގެ އިތުރުން ފެއާގެ ސްޕޮންސަރުގެ ގޮތުގައި ހިމެނެނީ ކަލިނަރީ އިކްއިމްޕަންޓް ސްޕޮންސަރުގެ ގޮތުގައި އީވޯ ހޯމް އެވެ. އަދި ލޮޖިސްޓްރިކް ޕާޓްނަރަކީ ޓީޓީއެސް މޯލްޑިވްސް އެވެ. އަދި ޔުނީފޯމް ޕާޓްނަރަކީ ރެޓްރިއާ އެވެ. މީގެ އިތުރުން އިވެންޓް ޕާޓްނަރުންނަކީ އިވެންޓް މޯލްޑިވްސް އާއި އަސަރީ ސާވިސް އެވެ. އަދި އޮފިޝަލް މެގަޒިން ޕާޓްނަރަކީ ހޮޓެލިއާ މޯލްޑިވްސް އެވެ. މީގެ އިތުރުން އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ. އޮފިޝަލް ޓެލެކޮމް ޕާޓްނަރަކީ ދިރާގު އެވެ.

މި އަހަރުގެ ފެއާއަކީ 14 ވަނައަށް ރާއްޖޭގައި ބޭއްވި ފެއާ އެވެ. އަދި މި އަހަރުވެސް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ކުރިއަށް ގެންދިޔަ އެވެ. ކަލިނަރީ ޗެލެންޖުގެ ޖަޖުންނަކީ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑް ޝެފްސް- ޑަބްލިއުއޭސީއެސް) އިންނެވެ. އެންމެ ފަހުން ބޭއްވި މި މުބާރާތުގައި 550 މީހުން ބައިވެރިވެފައިވެ އެވެ. މި އަހަރުގެ ފެއާގައި 620 މީހުން ކައްކާ އިން ބައިވެރިވާނެ އެވެ. މިބައިގައި 70 ރިސޯޓުން ބައިވެރިވެ އެވެ. އަދި 23 މުބާރާތުގައި ލައިވް ކުކިންގެ ގޮތުގައި ކެއްކުމުގެ އަށް މުބާރާތެއް ކުރިއަށް ގެންދިޔަ އެވެ.