ވިޔަފާރި

ވިޔަފާރީގެ ފަހި ފުރުސަތުތަކާއެކު ހޮޓެލް އޭޝިއާ ހުޅުވައިފި

ވިޔަފާރީގެ ގިނަ ފުރުސަތުތަކާއެކު، ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެެލެންޖު، ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ.

ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ހޮޓެލް އޭޝިއާ ފެއާ ހުޅުވައިދެއްވީ ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ކުރީގެ ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އެވެ.

ރާއްޖޭގައި ވިޔަފާރީގެ ފެއާތައް ފުރަތަމަ ފެށުމުގައި އިސް ދައުރެއް އަދާކުރެއްވި ގާސިމް މި ރަސްމިއްޔާތުގައި ވިދާޅުވީ ހޮޓެލް އޭޝިއާ ހުޅުވަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އޭނާ ވިދާޅުވީ ހޮޓެލް އޭޝިއާއަކީ މުދާ ގަންނަން ބޭނުންވާ ވިޔަފާރިވެރިންނަށްވެސް ލިބިގެން ދިޔަދާ ފުރުސަތެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

"މި މަސައްކަތް [ފެއާތައް ބޭއްވުން] ފެށިގެން އައީ ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އުފައްދައިގެން އެ ދުވަސްވަރު ފުރަތަމަ. މިއަދު މިކަން [ފެއާ ބޭއްވުން] މިކަން ސިލްސިލާއެއްގެ ގޮތުގައި ކުރި އަށް ދަނީ،" ވިޔަފާރިވެރިންގެ ޖަމިއްޔާ އުފެއްދި އެއް ބޭފުޅާ ކަމަށްވާ ގާސިމް ވިދާޅުވި އެވެ.

ހޮޓެލް އޭޝިއާއަކީ 2000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފެއާއެވެ. މިއީ ހޮޓެލް އޭޝިއާ ފެއާ ބާއްވާ 14 ވަނަ އަހަރެވެ. މި އަހަރުގެ ފެއާގައި ވެސް 46 ގައުމަކުން 250 ކުންފުނި ބައިވެރިވެ އެވެ. އަދި މި ކުންފުނި ތަކުން 2،000 އަށްވުރެ ގިނަ ބްރޭންޑް ޑިސްޕްލޭ ކުރާނެ އެވެ. ހޮޓެލް އޭޝިއާ ފެއާގެ މި އަހަރުގެ މެއިން ސްޕޮންސާއަކީ ވެސް ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ލޯކަލް ބާޒާރާއި ރާއްޖޭގެ އެންމެ މަތީ ފެންތީގެ ރިސޯޓުތަކަށް ބޭނުންވާނެ ތަފާތު އުފެއްދުންތައް ފޯރުކޮށްދޭ ކުންފުންޏެވެ. ދުނިޔޭގެ އެންމެ ގިނަ ޕްރޮޑަކްޓްތައް އުފައްދާ ކުންފުނި ޔުނިލިވާގެ ގިނަ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކާ ކުންފުނިން މި ފެއާގެ މެއިން ސްޕޮންސާގެ ގޮތުގައި ބައިވެރިވާތާ ވަނީ ގިނަ އަހަރުތަކެއް ވެފަ އެވެ. މީގެ އިތުރުން ފެއާގެ ސްޕޮންސަރުގެ ގޮތުގައި ހިމެނެނީ ކަލިނަރީ އިކްއިމްޕަންޓް ސްޕޮންސަރުގެ ގޮތުގައި އީވޯ ހޯމް އެވެ. އަދި ލޮޖިސްޓްރިކް ޕާޓްނަރަކީ ޓީޓީއެސް މޯލްޑިވްސް އެވެ. އަދި ޔުނީފޯމް ޕާޓްނަރަކީ ރެޓްރިއާ އެވެ. މީގެ އިތުރުން އިވެންޓް ޕާޓްނަރުންނަކީ އިވެންޓް މޯލްޑިވްސް އާއި އަސަރީ ސާވިސް އެވެ. އަދި އޮފިޝަލް މެގަޒިން ޕާޓްނަރަކީ ހޮޓެލިއާ މޯލްޑިވްސް އެވެ. މީގެ އިތުރުން އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ. އޮފިޝަލް ޓެލެކޮމް ޕާޓްނަރަކީ ދިރާގު އެވެ.

ހޮޓެލް އޭޝިއާ ބާއްވާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) ގެ ޑިރެކްޓަރު މުހައްމަދު ޖަމީޒް ވިދާޅުވީ މި އަހަރުގެ ފެއާގައި 160 ސްޓޯލް ބެހެއްޓިފައި ހުރިއިރު، މިއީ ދަރުބާރުގެ ފުލްކޮށް ބާއްވާ ފެއާއެއް ކަމަށާ، ފެއާ އިން ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

"މިއީ ވަން ސްޓޮޕް ގޮތަށް އެއް ތަނަކުން ބޭނުންވާ ސާމާނު ހޯދޭނެ ފެއާއެއް،" ޖަމީޒް ވިދާޅުވި އެވެ.

މި ފެއާގައި އޮންނަ އެންމެ ހާއްސަ އެ އިވެންޓަކީ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖެވެ. ކަލިނަރީ ޗެލެންޖުގެ ޖަޖުންނަކީ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑް ޝެފްސް- ޑަބްލިއުއޭސީއެސް) އިންނެވެ. އެންމެ ފަހުން ބޭއްވި މި މުބާރާތުގައި 550 މީހުން ބައިވެރިވެފައިވެ އެވެ. މިއަހަރުގެ ފެއާގައި 620 މީހުން ކައްކާ އިން ބައިވެރިވާނެ އެވެ. މިބައިގައި 70 ރިސޯޓުން ބައިވެރިވެ އެވެ. އަދި 23 މުބާރާތުގައި ލައިފް ކުކިންގެ ގޮތުގައި ކެއްކުމުގެ އަށް މުބާރާތެއް ކުރިއަށްދާނެ އެވެ.