އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ ގިނަ އަދަދެއްގެ ކައްކާއިންނާ ވާދަކޮށް، ބަރޮސް މޯލްޑިވްސްއަށް "ބެސްޓް ކަލިނަރީ އެސްޓާބްލިޝްމަންޓް" އެވޯޑު ލިބުނުއިރު، އެންމެ މޮޅު ޝެފުގެ އެވޯޑު، އެ ރިސޯޓުގެ އިބްރާހިމް ނާތިފު ހޯދައިފި އެވެ.
މި މުބާރާތުގެ މޮސްޓް އައުޑްސްސްޓޭޑިން ޝެފްގެ ވަނަ ނާތިފު އަށް ލިބުނުއިރު، އޭނާ އަށް ގިނަ ކެޓަގަރީތަކުން އެވޯޑު ލިބިފައިވެ އެވެ. މީގެ އިތުރުން ބަރޮސް މޯލްޑިވްސްގެ ޓީމުން ވަނީ ޓީމް ޗެލެންޖު ބައިގެ އެއްވަނަ ވެސް ހޯދާފަ އެވެ. މިބައިގައި ބަރޮސް މޯލްޑިވްސްގެ ފަރާތުން ވާދަކުރީ ނާތިފުގެ އިތުރުން އަހުމަދު ނަސީމް އެވެ.
ކަލިނަރީ ޗެލެންޖުގެ އެންމެ މޮޅު ޕޭސްޓްރީ ޝެފުގެ އެވޯޑު ލިބުނީ ޑަބްލިއު މޯލްޑިވްސްގައި މަސައްކަތް ކުރާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މަނޯޖް ސްރަންގާ އަށެވެ. އަދި އެންމެ މޮޅު ދިވެހި ޝެފުގެ ވަނަ 300 ޝެފުންނާ ވާދަކޮށް ހޯދާފައިވަނީ ވައްކަރު ރިސޯޓުގައި މަސައްކަތް ކުރާ މުހައްމަދު އާދިލް އަށެވެ. މީގެ އިތުރުން ބެސްޓް އާޓިސްޓުގެ އެވޯޑު ލިބުނީ ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގެ ސިސިރާ ކުމާރު އަށެވެ.
ކަލިނަރީ ޗެލެންޖުގެ މެއިން ސްޕޮންސަރު ބީބީއެމްގެ ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު މަޒްލޫމް ވިދާޅުވީ ކަލިނަރީ ޗެލެންޖުގެ ސަބަބުން ޒުވާނުންނަށް ފުރުސަތުތަކެއް ފަހިވެގެންދާ ކަމަށެވެ. އަދި މި އަހަރު ކަލިނަރީ ޗެލެންޖުގެ ޝެފުންގެ ބޮޑު ބަޔަކީ ދިވެހިން ކަމަށާ ގިނަ ވަނަތައް ހޯދީވެސް ދިވެހިންކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ވަރަށް ބޮޑު އުންމީދެއް ކަލިނަރީ ޗެލެންޖުގެ ތެރެއިން ދިވެހި ޝެފުންނަށް ފުރުސަތުދީ، އިތުރު ތަމްރީން ދިނުން،" މަޒްލޫމް ވިދާޅުވި އެވެ.
ބީބީއެމްއިން ވަނި މި މުބާރާތުގައި އެންމެ ބޮޑަށް ވިދާލި ދެ ޝެފުން ކަމަށްވާ ނާތިފް އާއި އާދިލް އަބޫދާބީގައި އޮންނަ ކެއްކުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދީފަ އެވެ
ދަރުބާރުގޭގައި މިމަހުގެ 9-12 އަށް ކުރިއަށް ދިޔަ ހޮޓެލް އޭޝިއާގައި ބޭއްވި ކަލިނަރީ ޗެލެންޖުގެ ފަޑިޔާރުކަން ކޮށްފައިވަނީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑް ޝެފްސް- ޑަބްލިއުއޭސީއެސް) ގެ ޖަޖުންގެ ޕެނަލަކުންނެވެ. މި މުބާރާތުގައި 620 ކައްކާއިން ބައިވެރިވެފައިވެ އެވެ. މިދިޔަ އަހަރު ބައިވެރިވީ 500 ކައްކާއިންނެވެ. ކަލިނަރީ ޗެލެންޖުގެ މައި ސްޕޮންސާއަކީ ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އެވެ.