ސަރުކާރާ ހަވާލުވުމުގެ އިންތިގާލީ މަސައްކަތްތައް މިއަދު ފަށާފައިވާ ކަމަށާއި ރައްޔިތުން ބޭނުންވި ބަދަލުތައް ގެންނަވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވަހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައްޔިތުން އެމަނިކުފާނު އިންތިހާބު ކުރެއްވީ ބޮޑެތި އުންމީދުތަކާއެކުގައި ކަމަށާއި އެއީ އިންސާފު ގެއްލިފައި އޮތް އޮތުމާއި ވައްކަމާއި ކޮރޮޕްޝަން އޮތް މިންވަރުން އެކަން ބަދަލު ކުރަން ބޭނުންވެފައިވާތީ ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި އެކަންކަން ހާސިލް ކުރުމަށް ސަރުކާރާ ހަވާލުވުމަށް ކުރަން ޖެހޭ އިންތިގާލީ މަސައްކަަތްތައް މިހާރު ވެސް ފައްޓަވާފައިވާ ކަމަށެވެ. އަދި އެކަމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި، ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަސައްކަތްތަކަށް ބޭނުންވާ ކޮމިޓީތައް އެކުލަވާލެވި މިހާރު ވަނީ މަސައްކަތް ފެށިފަ އެވެ.
"ކުރިޔަށް އޮތީ ފަސޭހަ ދުވަސްވަރެއް ނޫން، ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ، މި ޓްރާންސިޝަންގެ ތެރޭގައި ވެސް އެންމެން އެކީގައި އެއްބާރުލުން ދިނުމަށް އެދެން, މަސައްކަތްތައް ފެށިގެންދާއިރު ވެސް ހާއްސަކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދައުރު ވަރަށް މުހިންމު ވާނެ،" އިބޫ ވިދާޅުވި އެވެ.
އިންތިގާލީ މަސައްކަތްތައް ހިނގަމުން އަންނަ އިރު ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބޭ ކަމަށާއި އެގޮތުން ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި އެކި މުއައްސަސަތަކުން އެއްބާރުލުން ދެމުން އަންނަ ކަމަށް އިބޫ ވިދާޅުވި އެވެ. އެހެންކަމުން ކުރިޔަށް އޮތީ ރަނގަޅު ދުވަސްތަކެއް ކަމަށް އުންމީދު ކުރައްވާ ކަމަށާއި ކޯލިޝަންގެ ޕާޓްނަރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މި މަރުހަލާ ވެސް އަމާންކަމާ އެކު ގެންގޮސް
ނިންމާލުމަކީ އަމާޒު ކަމަށް އިބޫ ވިދާޅުވި އެވެ.