ހަބަރު

ސަރުކާރު އޮފީސްތަކުގެ ލިޔުންތައް ނައްތައެއް ނުލަން: ތަރުޖަމާނު

ސަރުކާރުގެ މުއައްސަސާތަކުގައި ހުރި މުހިންމު އެއްވެސް ލިޔުމެއް ނައްތާލުމުގެ މަސައްކަތް ނުކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ސަރުކަރު އޮފީސްތަކުގެ ލިޔުންތައް ނައްތާލާ ވާހަކަތައް އަޑު އިވެމުންދާ ކަމަށާއި އެއީ ބޮޑެތި ޖާނީ ކުށްތަކެއް ކަމަށެވެ. އަދި އެއިން އެއްވެސް އޮފީހެއްގައި އުޅުއްވާ ފަރާތްތަކުން ފޮޓޯ ނަގާ ވީޑިއޯކޮށް އެކަމުގެ ހެކިތައް އެއް ކުރަން އެދޭ ކަމަށާއި ލިޔުންތައް ނައްތާ ނުލެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"މާދަމާ ވެސް މިކަމާ ޖަވާބުދާރީ ވާން ތިއްބަވާނީ ތިބޭފުޅުން، އެހެންވެ ކިތަންމެ ގޮތަކަށް ބަޔަކު އެގޮތަށް މަޖުބޫރު ކުރުވި ކަމުގައި ވިޔަސް ތިބޭފުޅުން އެއްގޮތަކަށް ވެސް އެ މަޖުބޫރީ ހާލަތަށް ވަޑައިނުގަތުމަށާއި އަދި މިފަދަ ލިޔުންތައް ނައްތާ ނުލުމަށް އިލްތިމާސް ދަންނަވަން،" މާރިޔާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މުއާޒް ވިދާޅުވީ، ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ހުރި މުހިންމު އެއްވެސް ލިޔެކިޔުމެއް ނައްތައިނުލާ ކަމަށެވެ. ކުނީގެ ގޮތުގައި ބޭނުން ނެތިގެންދާ ކަރުދާސް ނައްތާލުމަށް ޕޭޕާ ޝްރެޑާ އަބަދުވެސް ސަރުކާރު އޮފީސްތަކުގައި ހުންނަ ކަމަށް މުއާޒް ވިދާޅުވި އެވެ.

"ފިތުނަވެރި، ބައިބައިވުން އުފެދޭ ވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރަން،" މުއާޒް ވިދާޅުވި އެވެ.

މާރިޔާ މިއަދު ވިދާޅުވީ، އެ މައްސަލާގައި ފުލުހުންގެ އެއްބާރުލުން ވެސް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކްޓިން ޕޮލިސް ކޮމިޝަނާ ނަވާޒްއާ އިބޫ ގުޅުއްވާ އެ މައްސަލަ ސަމާލު ކަމަށް ގެންނެވި ކަމަށާއި އެކަންކަން ހުއްޓުވުމަށް އެދިފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.