ޕީޕީއެމްގެ ކޮންގްރެސް ނުވަތަ ގައުމީ މަޖިލިސް އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާތީ، އެކަން ހުއްޓުވާނެ ކަަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ގައުމީ ޖަލްސާއެއް ބޭއްވުމަށް ކައުންސިލުން ނިންމާފައިވާތީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު މާލޭގައި ގައުމީ ޖަލްސާ ކުރިއަށް ދާނެ ކަމަށެވެ. ގައުމީ ޖަލްސާއެއް ބޭއްވުމަށް އެޕާޓީން ނިންމާފައިމިވަނީ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެ އެ ޕާޓީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕުން ނޫން ފަރާތަކަށް ޕީޕީއެމް ހަވާލުކޮށް ހިންގުމަށް އެއްވެސް ކޯޓަކުން ހުކުމް ކޮށްފައިނުވާ ކަމަށެވެ. ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕަށް ނޭންގި އެއްވެސް ފަރާތަކުން އެޕާޓީގެ ކޮންގްރެސްއެއް ބާއްވަން މަސައްކަތް ކުރާނަމަ އެފަރާތްތަކާމެދު މަދަނީ އަދި ޖިނާއީ މައްސަލަ ހުށަހަޅާނެ ކަމަށް ވައްޑެ ވިދާޅުވި އެވެ.
ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ޕާޓީތަކުގެ ގައުމީ ޖަލްސާ ބޭއްވުމަށް ގާނޫނު ލާޒިމްކުރާއިރު ޕީޕީއެމްގެ ގައުމީ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ޖަލްސާގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ޕާޓީގެ ރައީސްއެއްގެ ގޮތުގައި އިންތިހާބުކޮށްފަ އެވެ.
ނަމަވެސް ޕާޓީއިން އެމަނިކުފާނު މިހާރު ވަނީ ވަކިކޮށްފަ އެވެ. ގައުމީ ޖަލްސާގެ ބަހެއް ނެތި އެމަނިކުފާނު މަގާމުން ވަކިކުރީ ޕާޓީގެ ކައުންސިލުންނެވެ. ޕީޕީއެމްގެ ގައުމީ ޖަލްސާއެއް ބޭއްވުމަށް ސިވިލް ކޯޓުން ވެސް ހުކުމްކުރި އެވެ.
ޕީޕީއެމްގެ ބާރުތައް ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރި ސިވިލް ކޯޓުގެ ހުކުމްގައި ޕާޓީގެ ގައުމީ ޖަލްސާއެއް ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ބޭއްވުމަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް 2016 ވަނަ އަހަރުގެ އެ ހުކުމާ އެއްގޮތަކަށް ގައުމީ ޖަލްސާއެއް މިހާތަނަށް ބާއްވާފައެއް ނުވެ އެވެ.