ހަބަރު

ޒާތީއެއް ނުވާނަން، ނަމަވެސް ޔާމީން ހިންގާފައިވާ "ވައްކަން" ބަލާނަން: އެމްޑީޕީ

Sep 25, 2018
16

އެއްވެސް މީހަކާމެދު ޒާތީ ނުވާނެ ކަމަށާއި ނަމަވެސް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ހިންގާފައިވާ އަނިޔާއާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ގާނޫނީ އިމުގެ ތެރެއިން ބަލާނެ ކަމަށް އިންތިހާބު ކާމިޔާބު ކުރި އިއްތިހާދުގެ މައި ޕާޓީ އެމްޑީޕީން ބުނެފި އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު ވައުދަކީ އަދުލުއިންސާފު ގާއިމް ކުރެއްވުން ކަމަށާއި ނަމަވެސް ޒާތީ ގޮތުން މީހުންނާ މެދު ފިޔަވަޅު އަޅައިގެން އިންސާފު ގާއިމް ކުރަން އެމަނިކުފާނު މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

"އެގޮތަކަށް އެއްވެސް މީހަކާ ދޭތެރޭ، އެއީ ރައީސް ޔާމީން ކަމަށްވީ ނަމަވެސް، ޒާތީ ގޮތުން ރައީސް ޔާމީންނާ ދޭތެރޭ ދެރަ ގޮތަކަށް އެއްވެސް މީހަކު އަމަލެއް ނުކުރާނަން، އޭގެ މާނައަކީ ރައީސް ޔާމީން ކޮށްފައިވާ ވައްކަން ވިއްޔާ ވައްކަން، ނޫނީ ކޮރަޕްޝަން ވިއްޔާ ކޮރަޕްޝަން، ގައުމެއްގެ ނުހިނގާނެ ވާހަކައެއްވެސް ނޫން އެކަންކަން އެއޮންނަ އުސޫލެއްގެ މަތީން ބަލައި ޝަރީއަތަށް މައްސަލަ ހުށަހަޅައި ލިބެންވާ އަދަބެއް ލިބެންވާނެ، އެއީ އިންސާފު ގާއިމް ކުރެއްވުމަކީ،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، ރައީސް ޔާމީނާއެކު އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކާއެދު ފިޔަވަޅު އަޅާނެ ކަމަށާއި އެފަރާތްތަކުގެ މައްސަލަތައް ބެލިގެންދާނެ ކަމަށެވެ. އެއި އިންސާފު ގާއިމް ކުރުން ކަމަށްވެސް ހަސަން ވިދާޅުވި އެވެ. އެ ހުރިހާ ކަމެއް ވެސް ހިނގާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ތެރެއިން ކަމަށާއި ނުފޫޒެއް ނެތް ޝަރުއީ ދާއިރާއެއްގެ ތެރެއިން ކަމަށެވެ.

"ހުރިހާ ރަށަކުންވެސް ފެނިގެން ދިޔައީ ރަައްޔިތުން އެންމެ ކަންބޮޑުވާ ކަމަކީ ގައުމުގެ އިންސާފުނެތި ދިއުން، ޔަގީންވެ ކަށަވަރުވެގެން ދިޔަ ރައްޔިތުންނަށް އިންސާފު ނުލިބިގެން ދިޔަކަން، އެހިސާބުގަ އޮތް ގައުމެއް ރާއްޖެއަކީ، އެހެން ނަމަވެސް އުންމީދަކީ މިދެންނެވިހެން އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއާ އެކީގައި އިންސާފު ލިބިދާނެ ކަމުގެ އުންމީދު އޮތީ ރައްޔިތުންނަށް، އެއީ އެވޯޓް އެހާ ބޮޑު ތަނުން އަޅުގަނޑުމެންނަށް އެހާބޮޑު ކާމިޔާބީއެއް ލިބިގެންދިޔަ ކަމަކީ، ރައްޔިތުން އެންމެ ބޭނުންވާ ކަމަކަށްވީ އަސާސީ ހިދުމަތްތަކަށްވުރެ ބޮޑަށް އިންސާފު ހޯދުން، އަޅުގަނޑުމެން ޒާތީވެގެން މީހުންގެ މައްޗަށް ނުދާނެ، އެއާ ހިލާފަށް އަޅުގަނޑުމެން އެ މަރުހަލާތަކުގައި ގާނޫނުގައި އޮތް ގޮތަށް އެކަން ކުރަމުން ގެންދާނަން،"
ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، އޭނާއަށް އެޕާޓީގެ ގައުމީ މަޖިލީހުން ވަރަށް ބޮޑު މަސްއޫލިއްޔަތެއް ހަވާލުކޮށްފައިވާ ކަމަށާއި އެއީ ރައީސް ޔާމީންގެ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލު ކުރާނެ އުސޫލުތަކެއް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ހުވާ ކުރެއްވުމުގެ ކުރިން ދެނެގަނެ ހޯދުމުގެ މަސައްކަތް ކަމަށެވެ. އެކަން ފަށައިގެން ކުރިއަށްދާ ކަަމަށްވެސް ހަސަން ވިދާޅުވި އެވެ.

"އޭގެ ތެރެއިން ކަމެއް އެއީ އަޅުގަނޑުމެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާނެ، ވަގު ތެޔޮ ވިޔަފާރިއެއް ކިޔާ ސްޕެޝިއަލް ރިޕޯޓެއް، އެ ރިޕޯޓް ހުށަހެޅުމާއެކީގައި އޭސީސީން ބައްލަވާނެ ކަމަށް އުންމީދު ކޮށްގެން ހުރީ، އަދި މައުލޫމާތު ލިބިފައެއްނެތް އެ އެއްކޮށް ބަލާ ނިންމެވި ކަމެއް، ނަމަވެސް އޭގެ ތެރޭގައި ރައީސް ޔާމީންގެ އަތްޕުޅު ހިމެނިވަޑައިނުގަންނަވާކަމަށް ވާހަކަ ދައްކަވާފަ އެބަހުރި،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، އެކަންކަން ބަލަމުންދާ ކަމަށާއި އިބޫ ހުވާ ކުރުމުގެ ކުރިން އެކަންކަމުގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ލިބިފައިވާ މައުލޫމާތުގެ ދަށުން ބައެއް ފަރާތްތަކުގެ މައްސަލަތައް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށްވެސް ހަސަން ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ކޮރަޕްޝަންގެ ވާހަކަތަކާއި ވައްކަމުގެ މައްސަލަތަކުގެ އެންމެ ފުނަށް ދާނަން، އަދި ހަގީގަތްތައް ހޯދާނަން، އިބޫގެ ވައުދެއް އެއީ ހުރިހާ މައްސަލައެއް ފުރަތަމަ ދުވަހު ބައްލަވާނެ ކަމަށް، އެކަންކަމަށް މައުލޫމާތު އެއްކުރަމުން މިދަނީ،" ހަސަން ވިދާޅުވި އެވެ.