ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވައިފި އެވެ.
ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީނާ ތުހުމަތު ކުރެވޭ ފައިސާ ގިނަ މައްސަލަތަކެއް އެމްޑީޕީގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާނެ ކަމަށެވެ. ލަސްނުކޮށް އެ މައްސަލަތައް ބަލަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޓެގް ކުރައްވައި ހަސަން ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ޓެގް ކުރައްވައި ހަސަން ލަތީފް މިހެން ވިދާޅުވިއިރު އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ދަނީ ރައީސް ޔާމީންގެ މައްޗަށް އަދިވެސް ތަހުގީގު ފަށާފައިނުވާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމީހުން ބުނާ ގޮތުން ރިޔާސީ އިންތިހާބުގައި ވޯޓު ދިނީ ރައީސް ޔާމީންގެ މައްސަލަތައް ތަހުގީގު ކުރެވޭނެ ގޮތް ހޯދުމަށެވެ.
ރޭ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ހޯމް މިނިސްޓަރުކަމާއި ހަވާލުވުމުން ދައުލަތުގެ ކަންކަން ބޮއްސުންލާފައިއޮތް ވަރު އިތިރަށް ސާފުވެއްޖެ ކަމަށާއި، ދައުލަތުގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަށާއި، ދެފުއްފެންނަ ތަހުޒީބު އުސޫލަކުން ކަންކަން ހިންގުމަށާއި، ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ އެޖެންޑާ ކާމިޔާބު ކުރުމަށް ކޮންމެ ގޮންޖެހުމަކާވެސް ކުރިމަތިލައްވާނެ ކަމަށެވެ.
އެމްޑީޕީއިން ވަނީ ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައެއް މިފަހުން ވެސް ފުލުހަށް ހުށަހަޅާފަ އެވެ. އޭގެއިތުރުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ރައީސް ޔާމީންގެ އަތެއްވާ ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ވެސް އެމްޑީޕީއިން އެދިފައިވެ އެވެ. ނަމަވެސް މިހާތަނަށް އެއިން އެއްވެސް ތަހުގީގަކަށް ކުރިއެރުމެއް ނުލިބެ އެވެ.