އިމްރާން އަބްދުﷲ

"ޔާމީންގެ ވަސްފޯރާ ހިސާބުގައިވެސް އިދިކޮޅަށް ޖަލްސާއެއް ނުބޭއްވޭ"

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއްގައި ވަސްފޯރާ ހިސާބުގައިވެސް އިދިކޮޅު ބަޔަކު ޖަލްސާއެއް ބާއްވަން ފުރުސަތު ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އާއި ޕީޕީއެމްގެ ދެ ޖަލްސާ ރޭ އެއް ވަގުތެއްގައި އެއް ސަރަހައްދެއްގައި އެއްވެސް ހަމަނުޖެހުމަކާ ނުލައި ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އިދިކޮޅަށް ފުރުސަތު ނުދޭނެކަން ޕީޕީއެމުންވެސް ގަބޫލުކުރާ ކަމަށެވެ.

"ހަމަ ޔަގީނުންވެސް ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއްގެ ވަސްފޯރާ ހިސާބެއްގައިވެސް އިދިކޮޅު ބަޔަކު ޖަލްސާއެއް ބާއްވަން ފުރުސަތު ނުދެއްވާނެކަން ޕީޕީއެމް ބޭފުޅުން ވެސް ގަބޫލުފުޅު ކުރައްވާނެ." އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އިދިކޮޅު ޕާޓީގެ ޖަލްސާއެއް މަގުގެ އަނެއްފަޅީގައި މިނިވަންކަމާއެކު ބޭއްވުމުގެ ފުރުސަތު ފުރިހަމައަށް ދީގެން ރައީސަކު ޖަލްސާއެއް ކުރިޔަށް ގެންދިއުމުން އަންގައިދެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެތްތެރިކަމާއި ހިތްވަރުގަދަކަން ކަމަށެވެ. އަދި ހަމަހަމަ ފުރުސަތު ދީގެން މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި މިންވަރު ކަމަށް އިމްރާން ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި ކެމްޕޭން ޖަލްސާއެއް ވަނީ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައި ކުރިއަށް ގެންގޮސްފަ އެވެ. ހަމަ އެ ވަގުތު އާޓިފިޝަލް ބީޗްގައި އިދިކޮޅު ޕީޕީއެމުން ވެސް ވަނީ އެއްވުމެއް ބާއްވާފަ އެވެ.

އެއްވެސް ހަަމަނުޖެހުމަކާއި ނުލައި އެއް ސަރަހައްދެއްގައި ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީއާއި ޕީޕީއެމްގެ ދެ ޖަލްސާ ފާހަގަކުރައްވާ ރައީސް ސޯލިހްގެ ކެތްތެރިކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހްމަދުވެސް ވަނީ ތައުރީފު ކުރައްވާފަ އެވެ.