ބޮލީވުޑް

އަޖޭ ކުރިކަމަކުން ކާޖޮލް ރަތަށް

ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކާޖޮލްގެ ފޯނު ނަންބަރު އޭނާގެ ފިރިމީހާ އަޖޭ ދޭވްގަން ޓުވިޓާގައި އާންމުކުރުމާއެކު އިއްޔެ މީޑިއާގައި އެންމެ ގަދައަށް ދެކެވުނީ މި ވާހަކަ އެވެ.

އަޖޭ ކުރި ޓުވީޓުގައި ބުނީ ކާޖޮލް މި ވަގުތު ގައުމުގައި ނެތްކަމަށާއި ކާޖޮލްގެ ވަޓްސްއެޕް ނަންބަރުން އޭނާއާ ވާހަކަ ދެއްކުމަށެވެ. އަޖޭ ވަނީ ކާޖޮލްގެ ނަންބަރު ކަމަށް ބުނެ ނަންބަރެއްވެސް އާންމުކޮށްފަ އެވެ. އެއާއެކު ގިނަ ބަޔަކު ވަނީ އެ ނަންބަރަށް ގުޅާއި، މެސެޖުތައްވެސް ކޮށްފައި އެވެ.

ބައެއް މީހުން ހީކުރީ އަޖޭގެ އެކައުންޓް ހެކުކުރީ ކަމަށެވެ. ނަމަވެސް އެ ޓުވީޓް ވައިގައިހިފި ތަނާއިހެން އަޖޭ ފަހުން ކުރި ޓުވީޓެއްގައި ބުނީ އެއީ މަޖަލަކަށް އޭނާ ކުރިކަމެއް ކަމަށެވެ. އެކަމާއި މެދުގައި ހިތްހަމަނުޖެހި ރުޅިއައިސްގެން ކާޖޮލް ވަނީ ފަހުން ޓުވީޓެއްކޮށްފައި އެވެ.

"އަޖޭ މިހާރު ތިކަހަލަ ސަމާސާތައް ހަމައެކަނި ކުރަނީ ސްޓޫޑިއޯއަކު ނޫން ދޯ.. އެކަމަކު ބުނަން ތިކަހަލަ ސަމާސާތައް ކުރަން ގެއަށް ވަނިއަކަށް ނުދޭނަން،" ކާޖޮލް ކުރި ޓުވީޓްގައި ބުންޏެވެ.

ފިލްމު ސްޓޫޑިއޯތަކާއި ސޫޓިންތަކުގައި އެކި މީހުނާއި ސަމާސާކުރުމަކީ އަޖޭ ވަރަށް އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. އޭނާ ކުޅޭ ފިލްމުތަކާއި ގުޅިގެން އަބަދުވެސް އެކަހަލަ ވާހަކަތައް އިވެ އެވެ. އެކަމަކު މިފަހަރު އޭނާގެ ސަމާސާ މި އޮތީ ސްޓޫޑިއޯއިން ބޭރަށް އަނބިމީހާއާއި ހިސާބަށް ގޮސްފައި އެވެ.