ދައުލަތުގެ ވަކިވަކި މުއައްސަސާތަކުން އެކިއެކި ކަންކަމުގައި އަމިއްލައަށް ދައުވާތައް ނުކުރެވޭ ގޮތަށް އޮންނަ އޮތުން ސުޕްރީމް ކޯޓުން އުވާލައި ވަކިވަކި މުއައްސަސާތަކަށް ވެސް ދައުވާ ކުރެވޭނެ ގޮތް ހަދައިފި އެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ އުސޫލެއްގައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކުގެ ފަރާތުން ދައުވާތައް ކުރާނީ އަދި ދައުލަތުގެ އެންމެހާ މުއައްސަސާތައް ކޯޓްގައި ތަމްސީލް ކުރާނީ އެޓާނީ ޖެނެރަލް އެވެ.
އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއި ކުރައްވާ ސުޕްރީމް ކޯޓުން މިއަދު އާންމު ކުރި ސިޓީގައިވާ ބުނެފައި ވަނީ، ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު ކަމަށް، ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވީނަމަވެސް، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ މުއައްސަސާތަކާއި، އިދާރާތަކުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކާއި އެ ފަރާތްތަކަށް ރައްދުވާ ގޮތަށް ހުށަހަޅާ މައްސަލަތަކުގައި އެ އިދާރާއެއް ނޫނީ މުއައްސަސާއެއް ތަމްސީލް ކުރާނީ އެ ފަރާތަކުން އަމިއްލައަށް ކަމަށެވެ.
އެ މައްސަލައަކީ މުޅި ދައުލަތުގެ މަސްލަހަތު އޮތް މައްސަލައަކަށް ވާނަމަ، އެ މައްސަލައެއް ހުށަހަޅާފައިވާ ކޯޓެއްގެ ހުއްދަ ލިބިގެން އެޓާނީ ޖެނެރަލްގެ އޮފީހަށް އެފަދަ މައްސަލައެއްގައި ވަކާލާތު ކުރެވިދާނެ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
"މީގެއިތުރުން، ބަޔާންވެދިޔަފަދަ ބާވަތުގެ މައްސަލަތަކުގައި ދައުލަތުގެ މަސްލަހަތެއް އޮތްކަމަށް މައްސަލަ ބަލާ ކޯޓަށް ފެންނަ ހާލަތުގައި، ބަންޑާރަނައިބުގެ ފަރާތުން ދައުލަތް ތަމްސީލުކުރުމުގެ ފުރުސަތު ދިނުމުގެ އިހުތިޔާރު އެ މައްސަލަ ބަލާ ކޯޓަކަށް ލިބިގެންވެއެވެ،" ސިޓީގައިވެ އެވެ.