ދިވެހި ޕްރެމިއާ ލީގް

70 ދުވަސް ފަހުން ލީގް ފަށަނީ: "މީ އާ ސީޒަނެއް އަލުން ފެށުން"

މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ގަލޮޅު ދަނޑު ތައްޔާރު ކުރަން، ލީގް މެދު ކަނޑާލައިފި އެވެ. އޭރު ޝެޑިއުލް ކޮށްފައި އޮތީ އޭގެ އަނެއް ހަފުތާ ފަހުން ލީގް މެޗުތައް އަލުން ފަށާ ގޮތަށެވެ. ނަމަވެސް ދަނޑުގެ ވިނަގަނޑުގެ ހާލަތު ގޯސްވެ، އެ ހަފުތާގައިވެސް ލީގް އަލުން ނުފެށޭނެ ކަން އެފްއޭއެމުން، މީޑިއާގެ ވައިބާ ގުރޫޕްގައި އާންމު ކުރިއިރު އަޅުގަނޑާއި ނިއުރޭޑިއަންޓްގެ ކުރީގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ތިބީ 'ސީ ހައުސް ކެފޭ' ގަ އެވެ.

ލީގް މެޗުތައް ރީޝެޑިއުލް ކޮށްފި ކަމަށް އޭނާ ގާތު އަޅުގަނޑު ބުނުމުން، އަޅުގަނޑުމެން ދެމީހުން ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލުމަށް ފަހު އޭނާ ބުނީ، ދެ މަސް ދުވަހަށް ފަހު ލީގް އަލުން ފަށާއިރު ޓީމުތަކަށް ކޮންމެ ހާލަތެއްވެސް މެދުވެރިވެފައި އޮވެދާނެ ކަމަށެވެ. އަދި އެހާ ދިގު މުއްދަތަކަށް ފަހު މެދުކެނޑިފައި އޮތް ފުޓްބޯޅަ ސީޒަނެއް އަލުން ފެށުމަކީ، އާ ސީޒަނެއް ފެށުން ކަހަލަ ކަމެއްގެ ގޮތުގައި އޭނާ ސީފަ ކުރި އެވެ.

ކަންވީވެސް އެހެންނެވެ. އަޅުގަނޑު ވާހަކަ ދެއްކި ބައެއް ކުލަބުތަކުގެ ކޯޗުން ބުނީ، އަލުން ޕްރެކްޓިސް ފަށައިގެން ކުރިއަށް ގެންދިޔައީ ޕްރީ ސީޒަން ޕްލޭނެއް ގޮތަށް ކަމަށެވެ.

ލީގް މެދުކަނޑާލުމަށްފަހު، ޖުލައި މަހު ފަހުކޮޅު ގައުމީ ޓީމު ޕްރެކްޓިސް ފެށި އެވެ. މުޅި އޯގަސްޓް މަސް ހޭދަ ކުރީ، ގަތަރުގައި ކުރިއަށް ގެންދިޔަ ޓްރެއިނިންގް ކޭމްޕްގަ އެވެ. އޭގެ ނަތީޖާ ރަނގަޅެވެ. ސަރަހައްދުގެ ޗެމްޕިއަންކަން ރާއްޖެއަށް ލިބިއްޖެ އެވެ. ސާފް ސުޒުކީ ކަޕުގެ ކާމިޔާބާއެކު ފުޓްބޯޅަ ރަނގަޅު ކުރަން ޓާނިން ޕޮއިންޓެއް ދިވެހި ފުޓްބޯޅައަށް ލިބުނެވެ.

ނަމަވެސް ލީގް އަލުން ފަށަން ޖެހެނީ ކުލަބުތަކުގެ ޝަކުވާ އާއި ކުޅުންތެރިންގެ ޝަކުވާތަކާއެކު އެވެ. ކުޅުންތެރިންނާއެކު ކުލަބުތަކުން ހަދާފައިވާ ކޮންޓްރެކްޓްގެ ދަށުން، މެޗެއް ނުކުޅުނަސް ނުވަތަ ޕްރެކްޓިސް ނުކުރިޔަސް މުސާރަ ދޭން ޖެހޭނެ އެވެ. މީގެ އެންމެ ބޮޑު ތަކުލީފެއް އުފުއްލަން ޖެހޭނީ އަގުބޮޑުކޮށް ބިދޭސީ ކުޅުންތެރިން ގެނެއި ކުލަބުތަކުންނެވެ.

އެއަށްވުރެ ބޮޑު އުނދަގުލެއް އުފުލަން ޖެހޭ ބަޔަކީ، ލީގްގައި ވާދަ ކުރާ އަތޮޅު ތެރެއަށް ނިސްބަތްވާ ޓީމުތަކެވެ. ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެގެން ލިގް މެދުކަނޑާލަން ޖެހުމުން އަތޮޅު ތެރެއަށް ނިސްބަތްވާ ޓީމުތަކުން ވަނީ އޭގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފަ އެވެ.

"ހަގީގަތުގައި މީގެ އުނދަގޫ އެންމެ ބޮޑަށް އުފުލަން ޖެހޭނެ ބަޔަކީ އަޅުގަނޑުމެން ހަތަރު ޓީމު،" ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ އަތޮޅު ތެރޭގެ ޓީމެއްގެ އޮފިޝަލަކު ޖުލައި މަހު ބުނެފައިވެ އެވެ. "އަޅުގަނޑުމެން ކުރާނެ އެއްވެސް ކަމެއް ނެތް، އިތުރު ހަރަދުތަކެއް ހިނގާނީ، ސަރުކާރު ކުންފުނިތަކުން ލިބެންޖެހޭ ފައިސާ ހޯދަން އުފުލަން ޖެހޭ އުނދަގޫ އެހާ ބޮޑު، މިކަހަލަ ހާލެއްގައި އުޅޭއިރު އަދި ގިނަ ދުވަސްތަކަކަށް ލީގް މެދުކަނޑާލަން ޖެހުމުން މިއީ ވަރަށް ބޮޑު ގެއްލުމެއް."

ލީގް އަލުން ފަށާއިރު، އެންމެ އުނދަގޫ ހާލަތުގައި އޮތީ ވިކްޓަރީ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދޭތާ ތިން މަސް ވެއްޖެ އެވެ. ޓީމުގައި ތިބި ހަތަރު ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެންމެ ކުޅުންތެރިޔަކު ފިޔަވައި ދެން ތިބި ތިން ކުޅުންތެރިން ޓީމު ދޫކޮށްލައިފި އެވެ. ތަޖުރިބާކާރު ކޯޗް ހަންގޭރީގެ ލާޒްލޯ ކިސް ރާއްޖެ ދޫކޮށް ފުރައިފި އެވެ. މިރޭ މާޒިޔާއާ ދެކޮޅަށް މެޗު ކުޅެން ތައްޔާރުވެފައި އޮތް އިރު އެ ޓީމުގެ ކުޅުންތެރިން ދަނޑަށް ނިކުންނާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.

އެހެން ޓީމުތަކުން ޕްރެކްޓިސް ފަށާއިގެން ކުރިއަށްދާއިރު، ވިކްޓަރީގެ ޕްރެކްޓިހެއް ނުފަށެވެ. ކުޅުންތެރިން ބުނަނީ މެނޭޖުމެންޓްގެ އިސްވެރިން ފޯނަށް ޖަވާބު ނުދޭ ކަމަށެވެ. މެނޭޖުމެންޓުން ބުނަނީ މެޗުގެ ކުރިން ކުޅުންތެރިންނާ ގުޅޭ ކަންކަން ހަމަޖައްސެމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ވަކި ގޮތެއް ހަމަ ނުޖެހެ އެވެ.

މިއަދު ހަވީރު ލީގް ފަށާނީ، ތ. ތިމަރަފުއްޓާއި ފ. ނިލަންދޫ އެވެ. މިރޭ ކުޅޭ މެޗުގައި ވާދަ ކުރާނީ މާޒިޔާ އާއި ވިކްޓަރީ އެވެ. ވިކްޓަރީ މެޗަށް ނިކުންނާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އެ ޓީމު މެޗަށް ނުނިކުމެއްޖެނަމަ މާޒިޔާއަށް ދެ ގޯލާއި ތިން ޕޮއިންޓް ލިބިގެންދާނެ އެވެ. އަދި ވިކްޓަރީ އަށް 25000 ރުފިޔާގެ ޖޫރިމަނާއެއް ކުރިމަތި ވާނެ އެވެ.