ފްރޭންކް ލަމްޕާޑް

މޮރީނިއޯގެ ޔުނައިޓަޑް ކަޓުވާލުން، ލަމްޕާޑަށް ބޮޑު ފަހުރެއް

މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ޑާބީ ކައުންޓީގެ ކުޅުންތެރިން ދެއްކި ކުޅުމާއެކު އޭނާ އަށް ވަރަށް ބޮޑު ފަހުރެއް ލިބިއްޖެ ކަމަށް ޑާބީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ޔުނައިޓަޑްގެ ކޯޗް ހޯޒޭ މޮރީނިއޯ، ޗެލްސީއަށް ކޯޗު ކޮށްދިން އިރު، ޗެލްސީގައި އޭނާއަށް ކާމިޔާބު ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ފްރޭންކް ލަމްޕާޑެވެ. މޮރީނިއޯ އަކީ ލަމްޕާޑްގެ "މެންޓާ" އެވެ. ކަރަބާއޯ ކަޕުގައި، ރޭ މެންޗެސްޓާ ޔުނައިޓަޑްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން 8-7 ޑާބީ ކައުންޓީ ކާމިޔާބު ހޯދުމުން، ކޯޗް ލަމާޕްޑްގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރު ވެފަ އެވެ.

ޔުނައިޓަޑްގެ އޯލްޑް ޓްރެފާޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، މެޗު ފެށިގެން ތިން ވަނަ މިނެޓްގައި ޔުނައިޓަޑުން ހުއާން މާޓާ ލީޑް ނެގި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ޑާބީން ވަނީ ނަތީޖާ ހަމަހަމަ ކޮށް، ލީޑްވެސް ނާގަފަ އެވެ. މެޗުގެ 59 ވަނަ މިނެޓްގައި، ޑާބީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ހެރީ ވިލްސަން އެވެ. މެޗުގެ 85 ވަނަ މިނެޓްގައި، ޑާބީން ލީޑް ނެގި އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖެކް މެރިޓް އެވެ. ޔުނައިޓަޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 95 ވަނަ މިނެޓްގައި މަރުއާން ފެލައިނީ އެވެ.

ޕެނަލްޓީގައި، ޔުނައިޓަޑަށް ނާކާމިޔާބު ވީ ފިލް ޖޯންސް ޖެހި ޕެނަލްޓީ އެވެ. އޭނާ ޖެހި ޕެނަލްޓީ ދިފާއު ކުރުމުން، މެޗުގައި ތަރިއަކަށްވީ ޑާބީގެ ކީޕަރު ސްކޮޓް ކާސަން އެވެ.

މެޗަށް ފަހު ލަމްޕާޑް ބުނީ، މެޗުގެ ކުރީ ކޮޅުގައި ޔުނައިޓަޑުން ލަނޑު ޖެހުމުން ޝޮކެއް ލިބުނު ކަމަށާއި ނަމަވެސް ކުޅުންތެރިން ކުރި ބުރަ މަސައްކަތުން އެއިން އަރައިގަނެވުމުން ފަހުރުވެރިވާ ކަމަށެވެ.

"އަހަރެން ހައިރާންވި، އޯލްޑް ޓްރެފާޑްގެ ދަނޑުގައި އެހާ އަވަހަށް ފަހަތުގައި އޮންނަން ޖެހުމުން، ނަމަވެސް އެންމެ ފަހުން ކުޅުން ރަނގަޅުކޮށް އެކަމުން އަރައިގަނެވުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން، އަހަންނަކީ ފަހްރުވެރި މެނޭޖަރެއް [ކޯޗެއް]،" ލަމްޕާޑް ބުންޏެވެ.

"މެޗަށް އަހަންނަށް ނެރުނު ކުޅުންތެރިންނަކީ މިހާތަނަށް އަހަރެން އެންމެ ފަސޭހައިން ނެގި ޓީމު، އެންމެ ފަހުން ބްރެޓް ފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި މި ކުޅުންތެރިން ވަނީ ވަރަށް ރަނގަޅަށް ކުޅެފައި، މި ކުޅުންތެރިންނަށް ހައްގު ޔުނައިޓަޑާ ދެކޮޅަށް އޯލްޑް ޓްރެފާޑްގައި ކުޅުން."

"އަހަރެން ބޭނުންވީ ވަރުގަދައަށް ވާދަ ކުރާ ކުޅުންތެރިންތަކެއް ގެނައުން."

ޑާބީގެ ކޯޗު ކަމާ، ލަމްޕާޑް ހަވާލުވީ، މިއަހަރުގެ މެއި މަހު އެވެ. އޭނާ އާއެކު އެ ޓީމުން ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. އިނގިރޭސި ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ޓީމު އޮތީ ހަ ވަނައިގަ އެވެ. މިދިޔަ ސީޒަންގައި އެ ޓީމު ވަނީ ޕްރިމިއާ ލީގްގެ ޖާގަ ހޯދުމާ ވަރަށް ގާތަށް ޖެހިލާފަ އެވެ.