ހަބަރު

ސައުދީ ރަސްގެފާނުގެ މަންދޫބެއް އިބޫއާ ބައްދަލު ކުރައްވައިފި

Sep 26, 2018
5

ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ހާއްސަ މަންދޫބެއް އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ބައްދަލު ކުރައްވައިފި އެވެ.

ސައުދީ ސަރުކާރުގެ ފަރާތުން އިބޫއަށް މަރުހަބާ ކިޔުމުގެ ގޮތުން އެމަނިކުފާނާ ބައްދަލު ކުރެއްވީ، ސައުދީ ފަންޑުގެ ހެޑް އަދި ސައުދީ މިލިޓްރީ އިންޑަސްޓްރީސް އަދި ސައުދީ އެންޓަޓެއިންމަންޓް އޮތޯރިޓީގެ ގަވާނާ އަހުމަދު އަލް ހަތީބެވެ. އެ ބައްދަލުވުމުގެ މައުލޫމާތު މިއަދު ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ހިއްސާ ކުރެއްވި އެވެ.

މާރިޔާ ވިދާޅުވީ އިބޫގެ ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމުގެ ޔަގީންކަން ސައުދީން ދިން ކަމަށާއި އިބޫގެ ސަރުކާރުން އެއްވެސް ކަމަކަށް ބޭނުންވެއްޖެނަމަ އެކަމެއް ފަހިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވާ ކަމަށެވެ.

ސައުދި އަރަބިއްޔާއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ވެސް ގާތް ގުޅުމެއް ބާއްވަމުންދާ ގައުމެކެވެ. އަދި ބޮޑެތި އިންވެސްޓްމެންޓްތަކާއި އެހީތައް ސައުދީން ރާއްޖެއަށް ދަނީ ދެމުންނެވެ.

ސައުދި އަރަބިއްޔާގެ އިތުރުން އިންޑިއާ، އެމެރިކާ، ސްރީލަންކާ، ޗައިނާއިން ވެސް ވަނީ އިބޫއަށް މަރުހަބާ ކިޔައި، އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ތިބިކަން ހާމަކޮށްފަ އެވެ.