ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫ މާދަމާ އުމްރާއަށް ފުރާވަޑައިގަންނަވަނީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މާދަމާ އުމްރާއަކަށް ފުރާވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.

އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ ދީދީ މިއަދު ވިދާޅުވީ އިބޫ އުމްރާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދި އަރަބިއްޔާގެ އޮފިޝަލުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

އުމްރާއަކަށް ސައުދި އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން އިބޫ އަމިއްލަ ދަތުރުފުޅެއްގައި ބޭރަށް މީގެކުރިން ވަޑައިގެންނެވި އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު ރާއްޖެ ވަޑައިގަތުމަށް ސްރީލަންކާއަށް ވެސް ވަޑައިގެންނެވި އެވެ.

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މި މަހުގެ 17 ވަނަ ދުވަހު ބާއްވާއިރު އެ ރަސްމިއްޔާތަށް ސައުދި އަރަބިއްޔާގެ އިސް ބޭފުޅުންނަށް ވެސް ވަނީ ދައުވަތު ދެއްވާފަ އެވެ. ސައުދި އަރަބިއްޔާއަކީ އިބޫއަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.