ތ. ތިމަރަފުށި ޓީމުގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، 70 ދުވަސްވަންދެން މެދުކެނޑިފައި އޮތް ލީގް އަލުން ތިން ޕޮއިންޓާއެކު ނިލަންދުއިން އަލުން ފަށައިފި އެވެ.
ތިމަރަފުއްޓާއި، ނިލަންދޫ އަކީ، މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލު ރައުންޑްގައި ވާދަ ކުރި ދެ ޓީމެވެ. ނިލަންދޫގައި ކުޅުނު ގުރޫޕް ދޭއްގެ ފައިނަލު ރައުންޑުގެ އެއް ވަނަ ތިމަރަފުށި ހޯދީ، ނިލަންދޫ ފަހަތަށް ޖައްސާލުމަށް ފަހު އެވެ. އެ ދެ ޓީމު އޭރު ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
މިއަދު ހަވީރު ކުޅުނު މެޗު، ނިލަންދޫ ކާމިޔާބު ކުރުމުން، އެ ޓީމު ވަނީ ތާވަލުގެ ފުލުން ސަލާމަތް ވެފަ އެވެ. މެޗަށް ނިކުތުމުގެ ކުރިން، ނިލަންދޫ ތާވަލުގެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު ގެއްލުން 18 ގޯލާއެކު އެވެ. އެ ޓީމު މޮޅުވުމުން މިހާރު އެ ޓީމު ވަނީ، އަށް ވަނަ އަށް ޖެޖިލާފަ އެވެ. މިހާރު ތަވާލުގެ ފުލުގައި އޮތީ ތިމަރަފުއްޓެވެ.
މިއަދު މެޗު ފެށިގެން ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތާ ހަމަޔަށް، ތިމަރަފުށިން ވަނީ ނިލަންދޫ ހިފަހައްޓާލާފަ އެވެ. މ،ެޗުގެ 45 ވަނަ މިނެޓްގައި ނިލަންދޫއިން ލަނޑު ޖެހީ ތިމަރަފުށީގެ ޑިފެންސަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެންނެވެ. ނިލަންދޫގެ ބިދޭސީ ކުޅުންތެރިޔާ ކޮޑަކޫ ލޫކަސް ތިމަރަފުށީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ އެ ޓީމުގެ ބިދޭސީ ކީޕަރު ލޯރެންސް ދިފާއު ކުރުމުން އެ ބޯޅަ ރީބައުންސަށް ނިކުތެވެ. އެ ބޯޅަ ރީބައުންސަށް ނިކުތީ ކީޕަރަށް ރަނގަޅަށް އެ ބޯޅަ ދިފާއު ނުކުރެވުމުންނެވެ. ރީބައުންސަށް ނިކުތް ބޯޅަ ލޫކަސް ވަނީ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
ފނިލަންދޫގެ ދެ ވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ފުރުގާން އެވެ. އޭގެ ދެ މިނެޓް ފަހުން ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އާދިލް އަލީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާ އެވެ.
މިރޭ ކުޅޭ މެޗުގައި ވާދަ ކުރާނީ މާޒިޔާ އާއި ވިކްޓަރީ އެވެ. މެޗަށް ވިކްޓަރީ ނިކުންނާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ކުޅުންތެރިންނަށް ދޭން ޖެހޭ ތިން މަހުގެ މުސާރަ ނުދީ އޮތުމުން އެ ޓީމުން ޕްރެކްޓިހެއްވެސް ނުކުރެ އެވެ. ޓީމުގެ ކޯޗަކަށް ހުރި ހަންގޭރީގެ ލާޒްލޯ ކިސް ވަނީ ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފަ އެވެ.
ވިކްޓަރީ މެޗަށް ހާޒިރު ނުވެއްޖެނަމަ، މާޒިޔާއަށް ދެ ގޯލާއި ތިން ޕޮއިންޓް ލިބިގެންދާނެ އެވެ. އަދި ވިކްޓަރީ އަށް 25000 ރުފިޔާގެ ޖޫރިމަނާއެއް ކުރިމަތި ވާނެ އެވެ.