ދިވެހި ސިނަމާ

ނިއުމާގެ ނިވައިރޯޅި ފަސްކުރަން ޖެހިއްޖެ

އަހަރުގެ އެންމެ އިންތިޒާރުކުރެވުމުން އައި ދިވެހި ފިލްމު، ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ފަސްކުރުމަށް ނިންމައިފި އެވެ.

މި ފިލްމު ފަސްކުރަން ނިންމީ ނިއުމާގެ ބަލި ހާލަތު ހުރިގޮތުން ކަމަށް ނިއުމާ ރޭގައި އާންމުކުރި ފޭސްބުކް ވީޑިއޯ ޕޯސްޓެއްގައި ވަނީ ބުނެފައި އެވެ. ނިއުމާ ބުނީ މި ހަބަރަކީ އޭނާގެ ފޭނުންނަށް ވަރަށް ހިތާމަވެރި ހަބަރަކަށް ވާނެކަން އިނގޭ ކަމަށާއި ފިލްމު ފަސްކުރަންޖެހުނީ އިތުރު ގޮތެއް ނެތުމުން ކަމަށެވެ.

"ރޯގާ ޖެހިގެން އަޑުދިޔަ ގޮތަށް މިހާރު ދެ މަސްވެއްޖެ. އަޑު ގޮސްގެން ފިލްމަށް ޑަބްނުކުރެވިގެން މި އުޅެނީ، އެހެންވެ ފިލްމު ލަސްކޮށްލަން މި ޖެހުނީ، އިނގޭ ފޭނުން ވަރަށް ދެރަވާނެކަން، އެކަމަކުވެސް އުއްމީދުކުރަން އިންތިޒާރުކުރާނެ ކަމަށް،" ފިލްމު ގެނެސްދޭނީ އަންނަ އަހަރު ކަމަށް ނިއުމާ ބުންޏެވެ.

ނިއުމާ ފޭސްބުކްގައި ޕޯސްޓުކުރި ވީޑިއޯ މެސެޖް.

"ނިވައިރޯޅި" ގެ ޓްރެއިލާ ވަނީ މިދިޔަ ހަފްތާގައި ދޫކޮށްލާފައި އެވެ. ޓްރެއިލާ ދޫކޮށްލުމަށް ބޭއްވި ހަފްލާގައިވެސް ނިއުމާ ވަނީ އޭނާ ބަލިވެ އުޅޭ ކަމަށް ބުނެފައި އެވެ. އަދި މިއީ ވަދާއީ ފިލްމަށްވުމުން އެ ރޭގައި ފޭނުންނަށް ސްޕީޗެއް ދިނުމަށްވެސް ވަރަށް ބޭނުންވެފައި ހުރިކަމަށާއި ނަމަވެސް އަޑު ނާންނާތީ އެކަން ކުރެވެން ނެތުމުން ދެރަވާކަމަށް ބުނެފައި އެވެ.

ނިއުމާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރިޕްޓާއި ޑައިރެކްޝަންގެ މަސައްކަތްކޮށްފައި ވަނީ މޫމިން ފުއާދު އެވެ. ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ރ. އިނގުރައިދޫ އާއި މާލޭގައި އެވެ.