ދިވެހި ޕްރެމިއާ ލީގް

އީސާގެ ހެޓްރިކުން ވިކްޓަރީގެ މައްޗަށް މާޒިޔާއަށް ބޮޑުމޮޅެއް

އީސްމާއީލް އީސަގެ ހެޓްރިކުން، އުނދަގޫ ހާލަތެއްގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މައްޗަށް 5-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މާޒިޔާއިން ބޮޑު މޮޅެއް ހޯދައިފި އެވެ.

ނިމިދިޔަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގައި ހިމެނުނު މާޒިޔާގެ ހަތް ކުޅުންތެރިންގެ ތެރެއިން، މާޒިޔާއިން ލީގް އަލުން ފެށި މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ދިނީ ދެ ކުޅުންތެރިންނަށެވެ. އެއީ ޑިފެންޑަރު ސަމޫހް އަލީ 'ސަމުއްޓޭ' އާއި ނާއިޒު ހަސަން 'ދާދު' އަށެވެ.

ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން، އަހްމަދު އިމާޒު 'އާއްކޮ' އާއި އަސަދުﷲ އަބްދުﷲ ކުޅެން ނިކުތީ ބަދަލު ކުޅުންތެރިންގެ ގޮތުގަ އެވެ. ގޯލްކީޕަރު ހުސައިން ޝަރީފް އާއި މިޑްފީލްޑަރު މުހައްމަދު އިރުފާން އަށް ކޯޗް އިސްމާއީލް މަހްފޫޒް ވަނީ ރެސްޓް ދީފަ އެވެ. ކީޕަރު ހުސައިންގެ ބަދަލުގައި މާޒިޔާއިން ގޯލްކީޕަރަކަށް ފުރުސަތު ދިނީ ބަދަލު ކީޕަރު އިޔާން އަބްދުލް އަލީމް އަށެވެ. އެއީ މާޒިޔާގެ ސީނިއާ ޓީމުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މަހްފޫޒް 'އިންމަ' ބުނީ، ގައުމީ ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންނަށް ރެސްޓް ދިނުމަށް ފަހު މެޗަށް ނެރުނު އެހެން ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

އަނިޔާގެ ސަބަބުން 10 މަސް ދުވަހު ކުޅުމާ ދުރުގައި ހުރި ޑިފެންޑަރު އަމްދާން އަލީ 'އެންޑީ' ވަނީ ދެވަނަ ހާފުގައި ކުޅެން ނިކުމެފަ އެވެ.

މާޒިޔާއިން ވިކްޓަރީ ކޮޅަށް ޖެހި ފަސް ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ ނުވަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ އީސަ އެވެ. ދެ ވަނަ ލަނޑު 26 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކޯނޭލިއަސް ސްޓެވާޓް 'ކޯނޭ' އެވެ. ތިން ވަނަ ލަނޑު 30 ވަނަ މިނެޓްގައި ކާމިޔާބު ކުރީ 'ދާދު' އެވެ. އަނެއް ދެ ލަނޑު އީސަ ކާމިޔާބު ކުރީ މެޗުގެ 42 ވަނަ މިނެޓާއި 44 ވަނަ މިނެޓްގަ އެވެ.

ތިން މަހުގެ މުސާރަ ނުދީ އޮތުމުން، މައްސަލަ ގޯސްވެފައި އޮތް ވިކްޓަރީއަށް މެޗުގައި ކުރެވުނު އެއްވެސް ކަމެއް ނެތެވެ. މާޒިޔާގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި އެންމެ ބޯޅައެއްވެސް އެ ޓީމަށް ފޮނުވާލެވިފަ އެއް ނުވެ އެވެ. ކީޕަރު އިޔާންއަށް ވެސް ކިރިޔާވެސް ސަމާލުކަން ދީގެން ހުރެ ދިފާއު ކުރަން ޖެހުނީ އެންމެ ބޯޅައެކެވެ. އެއީ ފުރަތަމަ ހާފުގައި ލިބުނު ކޯނަރެއް އޭނާ ވަނީ ދީފާއުކޮށްފަ އެވެ. އެ ބޯޅަ ފިޔަވައި އޭނާއަށް ހުންނަން ޖެހުނީ މެޗު ބަލަހައްޓައި ގެންނެވެ.

ވިކްޓަރީގައި މުސާރައިގެ މައްސަލަ ޖެހުމުން، އެ ޓީމުގެ ކޯޗަކަށް ހުރި ލާޒްލޯ ކިސް ވަނީ ރާއްޖެ ދޫކޮށް ގޮސްފަ އެވެ. ޖުލައި މަހު ފަހު ކޮޅު ލީގް މެދުކަނޑަލި ފަހުން އެ ޓީމުން ޕްރެކްޓިސް ކޮށްފަ އެއް ނުވެ އެވެ.

އެ ޓީމުގެ ކޯޗުގެ މަސްއޫލިއްޔަތު އަދާކޮށްގެން ބެންޗުގައި ހުރީ އެސިސްޓެންޓް ކޯޗް އަހްމަދު ނިޔާޒު އެވެ. މެޗަށް ފަހު އޭނާ ބުނީ ކުޅުންތެރިންނަށް ގުޅައިގެން ކުޅުންތެރިން ހަމަކޮށްގެން ދަނޑަށް ކުޅުންތެރިން އައީ ކުޅެން ބޭޏުންވާތީ ކަމަށެވެ. ޓީމުގެ އޮތް ހާޅަތާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ބުނީ އެ ސުވާލު މެނޭޖްމެންޓާ ކުރުމަށް އެދޭ ކަމަށެވެ.