ކުޅިވަރު

ހަޒާޑްގެ މޮޅު ގޯލުން ޗެލްސީން ލިވަޕޫލު ކަޓުވާލައިފި

ލިވަޕޫލްގެ މުޅި ޑިފެންސް ޕެނަލްޓީ އޭރިއާ ތެރޭގައި ވަނިކޮށް، ޑިފެންސަށް ފުރުސަތު ނުދީ އެޑެން ހަޒާޑް ކާމިޔާބު ކުރި ލަނޑުން ކަރަބާއޯ ކަޕުން ޗެލްސީން ލިވަޕޫލް ކަޓުވާލައިފި އެވެ.

ޗެލްސީން މެޗު ކާމިޔާބު ކުރީ 2-1 އިންނެވެ. ފުރަތަމަ ލީޑް ނެގީ ލިވަޕޫލުންނެވެ. މެޗުގެ 58 ވަނަ މިނެޓްގައި ޑެނިއަލް ސްޓަރިޖު ކާމިޔާބު ކުރި ލަނޑަކީވެސް މޮޅު ލަނޑެކެވެ.

ލިވަޕޫލްގެ ނާބީ ކެއިޓާ ޗެލްސީގެ ގޯލްގެ ކަނާ އަމާޒު ކޮށް ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު ވިލީ ކެބެޔޭރޯ ދިފާއި ކުރުމުން ރީބައުންސްވެގެން އެބޯޅަ ދިޔައީ ޕެނަލްޓީ އޭރިއާގެ މެދު ތެރެއަށެވެ. ބޯޅަ ވައިގެ ތެރޭގައި ވަނިކޮށް ސްޓަރިޖު ވަނީ ބައިސްކަލް ކިކަކުން ހުހަށް އޮތް ޗެލްސީގެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ޗެލްސީން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 79 ވަަނަ މިނެޓްގަ އެވެ. ލިވަޕޫލްގެ ޕެނަލްޓީ އޭރިއާގެ ބޭރުން އަރިމަތިން ލިބުނު ހިލޭ ޖެހުން ލިވަޕޫލްގެ އޭރިއާ ތެރެއަށް ނެގުމުން ޗެލްސީގެ ކުޅުންތެރިން ބޮލުން ފޮނުވާލުމުން ލިވަޕޫލްގެ ކީޕަރު ސިމޯން މިނިއޯލޭ އެ ބޯޅަ ދިފާއު ކުރި އެވެ. އޭނާ ދިފާއު ކުރި ބޯޅަ ރީބައުންސަށް ނިކުތުމުން ޗެލްސީގެ ޑޮސް ސަންޓޯސް އިމާސަން ވަނީ ގޯލް ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

އެ ގޯލްގެ ސައްހަ ކަމާމެދު ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ވަނީ ސުވާލު އުފައްދާފަ އެވެ. އޭނާ ބުނީ ވީއޭއާރް ޓެކްނޮލިޖީ ބޭނުން ކުރިނަމަ އެ ގޯލް ސައްހަ ކަމަށް ކަނޑަނޭޅޭނޭ ކަމަށެވެ.

މެޗުގެ 85 ވަނަ މިނެޓްގައި، ހަޒާޑް ލަނޑު ޖެހީ ލިވަޕޫލްގެ މުޅި ޑިފެންސް އޭރިއާ ތެރޭގައި ތިއްބައި ބޯޅަ އޭނާ އަތުން ހޯދަން ކުރިމަތިލި ތިން ކުޅުންތެރިންވެސް ކަޓުވާލުމަށް ފަހު ގޯލް ދުރުކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.