(25 ސެޕްޓެމްބަރ 2018 އާ ގުޅޭ) -- ނިދުނުއިރެއް ނިމްރާއަކަށް ނޭނގެއެވެ. ހޭލެވުނީ ފޯނު އެލާމްވާ އަޑަށެވެ. ލޯހުޅުވާލި ގޮތަށް ފުންމައިގެން ތެދުވެވުނެވެ. އަދި އެނދުމަތީ އޮތް ފޯނުނަގައި އެލާމް ނިއްވާލާފައި ފޯނު ހުޅުވާލިއެވެ. އަރްސަލް ގުޅާފައި އޮތްތޯ ފުރަތަމަ ވެސް ނިމްރާ ބަލާލިއެވެ. މިސްކޯލެއް ނޫނީ މެސެޖެއް ވެސް އަރްސަލް ކޮށްފައި ނެތެވެ. ވަގުތުން އަރްސަލްގެ ނަންބަރަށް ނިމްރާ ގުޅިއެވެ. އޭރު ވެސް ފޯނު އޮތީ ނިއްވާލާފައެވެ. ތުންފިއްތާލުމާއެކު ނިމްރާގެ ނިތަށް ރޫގިނަވިއެވެ.
"އަރްސަލް" ނިމްރާއަށް އަރްސަލްގެ ނަމުން ގޮވާލެވުނެވެ.
އޮފީހަށް ނިކުންނަން ނިމްރާ ތައްޔާރުވިއެވެ. ޔަގީނުން ވެސް އޮފީހަށް އަރްސަލް އަންނާނޭކަން އެނގޭތީއެވެ. ހެނދުނު ސައި ވެސް ނުބޮއެ ނިމްރާ އަވަސް އަރުވާލާފައި އޭނާގެ އަތްދަބަސް ހިފައިގެން އެޕާޓްމެންޓުން ނުކުމެ އެލެވޭޓާއަށް އެރިއެވެ. ކެތްތެރިކަން ކުޑަވެފައި ހުރިވަރުން އޮފީސް ހުންނަ ބަޔަށް އަވަހަށް ދާން ބޭނުންވެ އެލެވޭޓާގައި ހުރި ފިތަށް ދެތިން ފަހަތަށް އިބާލިއެވެ. "ނޫޑްޕިންކް" ކުލަ ޖައްސާފައިވާ ނިމްރާގެ ތުންފަތަށް ގެންނަމުންދިޔަ ހަރަކާތްތަކުން ވެސް އޭނާގެ ޠަބީޢަތް ރަނގަޅުނޫންކަން ހާމަވެއެވެ.
ނިމްރާ އައިސް އޭނާގެ ކެބިންއަށް ވަންއިރު އީވާ ވެސް އަދި ނާދެއެވެ. އެކަމަށް ސަމާލުކަމެއް ނުދިނެވެ. ނިމްރާގެ މޭޒުމަތީ އޭނާގެ އަތްދަބަސް ބަހައްޓާލުމާއެކު މޭޒުގައި ބުޑުޖައްސާލައިގެން މަޑުކޮށްލިއެވެ. ސިކުނޑިއަށް ލިބިފައި ހުރި ހާސްކަމުގައި ގަޑިން ވީއިރެއް ވެސް ބަލާލަން ނިމްރާ ހަނދާނެއްނެތެވެ. ކެބިންގެ ފާރުގައި ހުރި ގަޑި ނިމްރާގެ ލޮލުގައި އަޅައިގަތީ ދެނެވެ. އީވާ އަންނާނީ އަށެއް ޖަހާއިރަށެވެ. އޭރު އަދި ގަޑިން ހަތްގަޑި ބައިވީއެވެ. ދެފަރާތަށް ބޯހޫރުވާލެވުމާއެކު ނިތްކުރީގައި ނިމްރާއަށް ފިރުމާލެވުނެވެ. ހަށިފުރާލީ ނޭވާއާއެކު މޭޒުކައިރިން ދުރަށް ޖެހިލިއެވެ. އަދި ކެބިންއިން ނުކުތެވެ. އެނބުރި އައީ ރެސްޓޯރެންޓުން ކޮފީއެއް ހިފައިގެންނެވެ. މޭޒުދޮށުގައި އިށީނދެ ލެޕްޓޮޕް ހުޅުވާލިއެއް ކަމަކު މަސައްކަތެއް ކުރާކަށް ނިމްރާގެ ސިކުނޑި ފުރުޞަތެއް ނުދިނެވެ. ނެގިމަޑުވެފައި އިންހެން ކޮފީތަށީގައި ދެއަތްތިލަ ވަށައިލައިގެން އިނދެ އެތި ފޮދު ލަސްލަހުން ބޮމުންދިޔައެވެ.
"ގުޑް މޯނިންގް" ކެބިންގެ ދޮރު ހުޅުވި އެތެރެއަށް ވަން އީވާ ބުނެލިއެވެ. ޚިޔާލުތަކުގެ ތެރޭގައި ބަނދެވިފައި އިންވަރުން ވަގުތު ދިޔަގޮތެއް ވެސް ނިމްރާއަށް ނޭނގުނެވެ. އީވާއަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ގަޑިއަށް ބަލާލިއެވެ. އަރްސަލްގެ ނަންބަރަށް ޑައިލްކޮށްލިއެވެ. އޭނާ ފޯނަށް ޖަވާބެއް ނުދިނުމުން ރާދިން އޮފީހަށް އައީތޯ ބެލުމަށް އޭނާއަށް ނިމްރާ ގުޅިއެވެ.
"މި ވަންނަނީ ކެބިންއަށް" ނިމްރާގެ ސުވާލަށް ރާދިން ބުނެލިއެވެ. އެއާއެކު ނިމްރާ ފޯނުކޯލު ކަނޑާލީއެވެ. އަދި މޭޒު ދޮށުން ތެދުވެ ހަލުވިކޮށް ރާދިންގެ ގާތަށް އައުމަށް ހިނގައިގަތެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން އީވާ އިނެވެ. ނިމްރާ ކަމަކާ ކަންބޮޑުވެފައި ހުރިހެން އީވާއަށް ވެސް ހީވިއެވެ. ނަމަވެސް އޭނާ އެއްޗެކޭ ބުނާނޭ ފުރުޞަތެއް ނިމްރާ ނުދެއެވެ. އެހެންވެ ނިމްރާ ހަމަޖެހިލަންދެން އީވާ މަޑުކުރީއެވެ.
"ގުޑް މޯނިންގް ޑާލިންގް" ރާދިންގެ ކެބިންއަށް ނިމްރާ ވަންތަން ފެނި އޭނާ ބުނެލިއެވެ. ނިމްރާގެ ނަޒަރު ދަތުރުކުރީ އަރްސަލް އިންނަ މޭޒަށެވެ. އެ މޭޒުދޮށުގައި އަރްސަލްއެއް ނެތެވެ.
"ނިދާފަ އޮތީ، ދިހައެއްޖަހާކަން ހާއިރު އަންނާނަމޭ ބުނި، ރޭގައި އޭނާ ޑާލިންގް ގާތަށް އައީ ދޯ، ގެއަށް އައި އިރެއް ވެސް ނޭނގެ، ބައްޕަ ބުނެގެން އަހަރެން ގުޅީމަ ފޯނަށް ވެސް ޖަވާބެއް ނުދިން، އަހަންނަށް އެނގުނު ނިމް ގާތަށް އައީކަން" ހިނިއައިސްފައި އިނދެ ރާދިން ބުނެލިއެވެ.
"ރޭގަ އަރްސަލް ގެއަށް ދިޔައީ ކިހާއިރަކު" ނިމްރާ އަހާލިއެވެ.
"ނޭނގެ، އެކެއް ޖެހިއިރު ގައިމު ވެސް ނާދޭ، ނިމް ގާތުން އޭނާ ބޭރުކޮށްލީމަ ދޯ ގެއަށް އެ ދިޔައީ... އަހަރެން ބުނެފީމޭ މެރީކުރަން އެހާ ކައިރިވެފައި އޮތްއިރު ސްޕޭސްއެއް ދޭށޭ ނިމްއަށް، އެކަމަކު މީހަކު ބުނާ އެއްޗެއް އޭނާ އަޑުއަހާނެތަ، ޑެވިލް ވިއްޔަ ދޯ" ރާދިންގެ ބުންޏެވެ. އޭނާ ކިތަންމެ ހަމަޖެހިފައި އިންހެން ހީވިޔަސް ނިމްރާއަށް ހަމަޖެހުމެއްނުލިބުނެވެ.
"އަރްސަލް ކޮންތާކަށްތަ އެ ދިޔައީ؟ ރާދު ގާތުގައި ވެސް ދިޔައީ ކޮންތާކަށްކަމެއް ނުބުނީ ކީއްވެބާ؟ އަހަރެން ގާތަށް އަންނާނަމޭ ބުނި، އެކަމަކު ރޭގައި އަހަންނަށް ވެސް އަރްސަލްގެ ފޯނަކަށް ނުގުޅުނު، އޭނާ ފޯނަށް ޖަވާބު ނުދީއެއް ނުހުންނާނެ، ރޭ އެކެއްޖެހިއިރު ވެސް އަރްސަލް ގެއަށް ނާންނަންވީ ކީއްވެ؟... އަރްސަލް ނުބުނާހާ ހިނދަކު އޭނާ ރޭގައި ދިޔަތަނަކާއި ކުރިކަމަކާއި ގެއަށް އައި ވަގުތެއް ނޭނގޭނެ، އެކަމަކު އޭނާ ބުނަންދެން އަހަންނަށް މަޑެއް ނުކުރެވޭނެ" ނިމްރާ އަމިއްލަ ނަފްސަށް ހިތުގެ އަޑު އިއްވަމުންދިޔައެވެ.
"ޑާލިންގް، ކޮން ޚިޔާލެއްގައި... ސައިބޮއެފިންތަ؟" ރާދިން ފުއްޓަތްކެއް ޖަހާލަމުން ނިމްރާއަށް ގޮވާލައި ބުނެލިއެވެ. އެއާއެކު ހިނިތުންވުމެއް ދެމުން ނިމްރާ ބޯޖަހާލިއެވެ.
"އަރްސަލް ފޯނު ނިއްވާލާފައި އޮތީ، ހެނދުނު މިކޮޅަށް އަންނާނޭކަމަށް މިއައީ" ނިމްރާ ބުނެލިއެވެ.
"އޭނާ ފޯނު ނިވުނީހެން ހީވަނީ، ޗާޖަށް ޖަހާފައި އޮއްވާ ފެނުނު، ދެ ލޯ ހުޅުވޭވަރުވީމަ ނިމްއަށް ގުޅާނެ، ހާސްނުވޭ، އަދި މޯނިންގް ނުވާތީ ޚަބަރެއްނުވެގެން އެ އުޅެނީ" ރާދިން ބުނެލިއެވެ. ނިމްރާ ހިނިތުންވެލަމުން އެ ކެބިންއިން ނުކުތެވެ. ނަމަވެސް ރާދިންއަށް ފުރަގަސްދިން ވަގުތާއެކު ނިމްރާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިފިއެވެ.
"ނިމް، ކަމެއްވީތަ؟ މިއަދު ފެންނަނީ ވަރަށް ތަފާތުކޮށް" ކެބިންއަށް ވަދެ ނިމްރާ މޭޒުދޮށުގައި ޖެހިލިތަން ފެނުމުން އީވާ ވާހަކަދެއްކިއެވެ. ނިމްރާ ނިކަން އަވަހަށް ދެފަރާތަށް ބޯހޫރާލިއެވެ. އިތުރު ސުވާލެއް އީވާ ކުރިއަސް ނިމްރާ ޖަވާބު ނުދޭކަން އޭނާގެ އެ ހަރަކާތުން އީވާ ދެނެގަތެވެ. އެހެންވެ ދުވަހުގެ މަސައްކަތަށް އެނބުރިލިއެވެ. ނިމްރާއާ މަޝްވަރާކޮށް ނިންމަން ހުރި ރަސްމީ ކަންތައްތަކުގެ ވާހަކަ އޭނާ ފެށިއެވެ.
އަރްސަލް ގުޅާފާނޭ ކަމަށް ފޯނު މޭޒުމަތީ ބައްވައިގެން ނިމްރާ މަސައްކަތްތައް ކުރަމުންދިޔައެވެ. ހެނދުނު ދިހައެއް ވެސް ޖަހައިފިއެވެ. އަރްސަލްއެއް ނުގުޅިއެވެ. ނޮޓިފިކޭޝަން ރިންގުގެ އަޑު އިވުމުން އަވަސް އަވަހަށް ނިމްރާ ފޯނަށް ބަލާލިއެވެ. އިސްކުރީނު އޮންކޮށްލި ހިނދު ވައިބާ މެސެޖެއް އައިސްފައި އޮއްވާ ފެނުނެވެ. ހިތުގެ ހިނގުން ނޭނގޭ މިންބަރަށް ބާރުވެގެންދިއުމާއެކު މޭގައި ރިހުމެއް ވެސް އުފެދުނެވެ. ވައިބާއަށް އައިސްފައިވާ ވީޑިއޯ ޕްލޭކުރަން ނިމްރާ ޖެހިލުންވިއެވެ. ހަމައެއާއެކު އެ ވީޑިއޯ ބަލަން ވެސް އޭނާ ބޭނުންވެފައެވެ. ކަންބޮޑުވެފައި އެއްފަހަރު އީވާއަށް އަނެއްފަހަރު ފޯނުގެ އިސްކުރީނަށް ނިމްރާގެ ނަޒަރު ހިންގާލެވުނެވެ. އިރުކޮޅަކު ހަދާނޭ ގޮތެއް ނޭނގި ފޯނަށް ބަލަން އިނުމަށްފަހު ވީޑިއޯ ލޯޑްކުރިއެވެ. ފެންނަމުންދިޔަ މަންޒަރުން ނިމްރާގެ މޫނު ހުދުވެ އަނގަހިކި ދެތުންފަތް ހުޅުވުނެވެ. ހިންދިރުވާލުން ވެސް ބޮޑުކަމަކަށް ވިއެވެ. ފޯނުގައި ދެއަތުން ބާރަށް ހިފަހައްޓާލެވުނެވެ. ހިފެހެއްޓިފައި ހުރި ނޭވާ ދޫކޮށްލައި ހަމަނޭވާލާން ނިމްރާއަށް ވަގުތު ބޭނުންވިއެވެ.
"ހުރިހާ ކަމެއް އެނގިހުރެ ނޭނގޭކަމަށް ހަދާ އަންހެނަކު ތި ނޫނީ ނޫޅޭނެ، އަރްސަލްއާ އިންނަން އެހާ ވެސް ޑެސްޕަރޭޓްވެފަ ދޯ ހުރީ... އިނދެގެން ވެސް އުޅޭނީ ތިހެން ދޯ، އޭނާ އެހެން އަންހެނުން ގާތަށް ދިޔަޔަސް ވަރިހަމަވެގެން ދޯ" ނިމްރާ ވީޑިއޯ ބަލައިފިކަން އެނގުމުން އޭނާއަށް ދެން ލިބުނީ މެސެޖެކެވެ. ތުންފިއްތާލުމަށްފަހު ނިމްރާ އަލުން އެ ވީޑިއޯ ބަލައިފިއެވެ. އެގޮތަށް ދެތިން ފަހަރަށް އެ ވީޑިއޯ ބެލުމަށްފަހު މޭޒުމަތީ ފޯނު ބޭއްވިއެވެ. ފެންނަ މަންޒަރު ބަދަލުނުވާނޭކަން ނިމްރާއަށް ޔަގީންވީއެވެ.
މަސައްކަތަށް އެނބުރި ސަމާލުވެވޭތޯ ނިމްރާ މަސައްކަތްކުރިއެވެ. ނަމަވެސް އެންމެ ތަންފުކެއް ވެސް ކުރިއަކަށް ނުދިޔައެވެ. އޭނާގެ ދެއަތުގައި މަޑު ތުރުތުރެއް އުފެދިފައިވާ ކަހަލައެވެ. އިރުއިރުކޮޅުން ދެއަތް ޖޯޑުކޮށްލާ ބާރުކޮށްލަނީ އެހެންވެއެވެ. މަސައްކަތް ނުކުރެވޭނޭކަން އެނގި ނިމްރާ ގޮނޑިން ތެދުވަން އުޅުނެވެ. ނަމަވެސް ފައިގައި ވަރުނެތިގެން ކޮޅަކަށް ނުތެވެވުނެވެ. ގޮނޑީގެ އަތްގަނޑުގައި ދެއަތުން ހިފަހައްޓާލައިގެން ދެ ފަޔަށް ބަލަން ނިމްރާ އިނދެފައި ކަކުލުގައި ފިރުމާލިއެވެ. އޭނާއަށް ވާގޮތެއް ޚުދު އޭނާއަށް ވެސް ދެނަގަންނަން އުނދަގޫވިއެވެ. މޭގައި ކަނާއަތް ޖައްސާލެވުނީ ހިތުގެ ތެޅުން ހަމައަކަށް ނޭޅިގެންނެވެ. އެގޮތުގައި ވެސް އޭނާ އިރުގަނޑަކު އިނެވެ. މަޑުމަޑުން ކޮޅަށް ތެދުވެ ނިމްރާ އަތްދަބަސް ނެގިއެވެ.
"ދަނީތަ؟" ނިމްރާ ހުރި ގޮތުން އީވާ އަހާލިއެވެ.
"ވަރަށް މުހިންމުކަމެއް އޮތިއްޔާ ރާދިންއަށް ގުޅާލައި" ނިމްރާ ބުނެލިއެވެ. އަދި މަޑުމަޑުން އަތްދަބަސް އެއްއަތުން ހިފައިގެން އަނެއްއަތުން ފޯނު ހިފައިގެން ހުރެ ކެބިންއިން ނުކުމެއްޖެއެވެ.
އެޕާޓްމެންޓަށް ވަދެވުނު ގޮތެއް އަދި ނިދާކޮޓަރިއާ ހަމައަށް އާދެވުނު ގޮތެއް ވެސް ނިމްރާއަށް އިޙްސާސް ނުވިއެވެ. ހުރި ދިމާ ތިރިއަށް ދަބަސް ދޫކޮށްލުމާއެކު އެނދުމައްޗަށް ބަންޑުން ނިމްރާ ވެއްޓިގަތީއެވެ. ހަރަކާތެއްކޮށްނުލާ އޭނާ އެނދުގައި އޮތެވެ. އޭރު ވެސް ފޯނު އޮތީ އަތުގައެވެ.
ހަރަކާތެއްނެތް ބުދެއްހެން ނިމްރާ އެނދުގައި އޮތީއެވެ. ތެދުވުމުގެ ޚިޔާލެއް އޭނާގެ ނެތެވެ. އެހެން އޮއްވާ ކޮޓަރީގެ ދޮރު ކަހާލިހެން ނިމްރާއަށް ހީވިއެވެ.
"ސޮރީ" އަރްސަލްގެ އަޑު ނިމްރާއަށް އިވުނެވެ. އެހެންނަމަވެސް އޭނާ އޮތްގޮތަށް އޮތީއެވެ.
"ސްކާލެޓް... އައި އޭމް ރިއަލީ ސޮރީ، ޕްލީޒް... ސޭ ސަމްތިންގް" ނިމްރާ މޫނުލައިގެން އޮތް ފަރާތަށް އައިސް ހުއްޓެމުން އަރްސަލް ބުނެލިއެވެ. ނިމްރާގެ ނަޒަރު އަރްސަލްއަށް ހުއްޓާލިއެވެ. ހޭވިފައިވާ އިސްތަށިގަނޑު ރީތިކުރުމެއްނެތި ނިމްރާ މަޑުމަޑުން ތެދުވެ އެނދުގެ އަރިމަތީ އިށީނެވެ.
"ސޮރީވާންޖެހޭވަރުކަމެއް އަރްސަލް ކުރިންތަ؟" ނިމްރާ އިނީ ސީދާ އަރްސަލްގެ ލޮލަށް ނަޒަރު ހުއްޓާލައިގެންނެވެ. އަރްސަލް އިރުކޮޅަކު ނިމްރާއަށް ބަލަން ހުރެފައި ނަޒަރު ވަކިކޮށްލިއެވެ. އަދި އައިސް ނިމްރާގެ ގާތުގައި އިށީނދެއްޖެއެވެ. އޭނާގެ ކޮނޑުގައި ހިފައި ގާތްކޮށްލުމާއެކު ނިތްކުރީގައި އަރްސަލް ބޮސްދީފިއެވެ.
"އަހަންނަށް ނާދެވުނީ، ގުޅަން ހުރީ... ފޯނު ނިވުނީ، މިކޮޅަށް އައިތަނާ މީޓިންއަކަށް ވަންނަންޖެހުނީ" އަރްސަލް ބުނެލިއެވެ. ނިމްރާ އިތުރު އެއްޗެއް ނުބުންޏެވެ. އެ ދެމެދަށް ހިމޭންކަން ވެރިވެފައި އޮތުމަށްފަހު ވާހަކަދެއްކީ އަރްސަލްއެވެ.
"ހެދުން ބަދަލުނުކުރަންތަ؟" އަރްސަލް ބުނެލިއެވެ. އެއާއެކު ނިމްރާ އިންތަނުން ތެދުވި ގޮތަށް އޮފީސް ހެދުން ބަދަލުކުރަން ފާޚާނާއަށް ގޮސް ވަނެވެ. ނިމްރާ ނިކުތްއިރު ކޮޓަރިއަކު އަރްސަލްއެއް ނެތެވެ. އެހެންވެ ކޮޓަރިން ނުކުމެގެން ތިރިއަށް އައީ ސިޓިންރޫމުގައި އަރްސަލް އިންނާނޭކަމަށެވެ. ނިމްރާއަށް އަރްސަލް ފެނުނީ ބެލްކަންޏަށް ނުކުމެ ހުއްޓައެވެ. ދެއަތްތިލަ ފަޓުލޫނުގެ އަރިމަތީ ޖީބަށް ކޮއްޕާލައިގެން ހުރިއިރު އަރްސަލް ކޮންމެވެސް ކަމަކާ ވިސްނަނީހެން ނިމްރާއަށް ހީވިއެވެ. ދޮރުކަނީގައި ޖެހިލައިގެން ނިމްރާ ހުރީ އަރްސަލްއަށް ބަލާށެވެ. އޭނާ އެނބުރިލީ ނިމްރާ އެތަނުގައި ހުންނަތާ އިރުކޮޅެއް ވީފަހުންނެވެ. ނިމްރާ ފެނުމުން އަރްސަލް ހިނިތުންވެލިއެވެ. ނަމަވެސް އެ ހިނިތުންވުން ތަފާތުހެން ނިމްރާއަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ.
ހަވީރުގެ ސައިބޯން އަރްސަލް ބޭނުންވުމުން ނިމްރާ ސައިތައްޔާރުކުރަން އުޅުނެވެ. އަރްސަލް ބަސްމަދުވެފައި ހުރިކަން ނިމްރާއަށް ފާހަގަވިއެވެ. އޭނާ ނިމްރާއަށް ބަލާއިރު އެ ބެލުމުގައިވަނީ ޙަމްދަރުދީހެން ވެސް ހީވިއެވެ. ހަމައެއާއެކު ނިމްރާއާ ހަތަރުކަޅި ހަމަކުރަން އަރްސަލްއަށް އުނދަގޫވާންވީ ސަބަބެއް ވެސް ނިމްރާއަކަށް ނުވިސްނުނެވެ. ކޮފީމޭޒު އަރްސަލް ދަމާލުމުން ސައިތަބަށް އޭގެ މަތީ ނިމްރާ ބެހެއްޓިއެވެ. އަދި އަރްސަލްއަށް ގެނައި ކޮފީތަށި އޭނާއަށް ދިއްކޮށްލިއެވެ. ސައިބޮއެ ނިމުނީ ވެސް ހިމޭންކަމުގައެވެ.
"ރޭގައި ކޮންތާކަށް ދިޔައީ" ނާހާ ކެތްނުވާނެތީ ހިތަށް ލުއިވެދާނޭކަމަށް ނިމްރާ އެހިއެވެ.
"ފްރެންޑެއް ގާތަށް" ކޮފީތަށްޓަށް ބަލަން އިނދެ އަރްސަލް ބުނެލިއެވެ.
"ރާދު ބުނި ރޭގައި ވަރަށް ލަހުންނޭ ގެއަށް އައީ" ނިމްރާ ވާހަކަދެއްކީ އަރްސަލްއަށް ވަމުންދާގޮތް ބަލަން އިނދެއެވެ.
"އާން! ލަސްވީ... ކަމެއްޖެހިގެން... ސްކާލެޓް، ފެންތަށްޓެއް ގެނެސްދީބާ، ފެންފުޅިއެއް ނުގެންނަމުން" ވާހަކަދައްކަން އުނދަގޫވެގެން އުޅޭހެން އަރްސަލް އުޅުނެވެ. އަދި އޭނާ ވާހަކައިގެ މިސްރާބު ގަސްދުގައި ބަދަލުކޮށްލީކަން ނިމްރާ ދެނެގަތެވެ. އައިސްއަލަމާރިން ފެންފުޅިއެއް ނަގައިގެން ބިއްލޫރި ތަށްޓެއް ހިފައިގެން އައިސް ކޮފީމޭޒުމަތީ ނިމްރާއަށް ބެހެއްޓުނީ ތަންކޮޅެއް ބާރަށެވެ.
"ސްކާލެޓް، އާދެބަލަ" ނިމްރާގެ އަތަށް އަރްސަލް ދަމާލިއެވެ. އަދި އަނެއް އަތުގައި އޮތް ކޮފީ ހުސްކުރި ތަށި މޭޒުމަތީ ބަހެއްޓިއެވެ. ނިމްރާ ގެނެސް ސޯފާގައި ބެއިންދީ އަރްސަލްގެ އުނގަށްވާގޮތަށެވެ. ނިމްރާގެ އުނަގަނޑުގައި ދެއަތް ވަށާލައި އޭނާގެ ކޯތާފަތުގައި އަރްސަލް މޫނު ޖައްސާލިއެވެ. ކުދިކުދި ބޮސްދިނުންތަކަށްފަހު އަރްސަލް ވާހަކަދައްކަން ފެށިއެވެ.
"އިރުއޮއްސި ނަމާދަށް ގޮވަންވާއިރަށް އައުމަށް ބައްޕަ އޮތީ ބުނެފައި، ހީވަނީ މުހިންމު ވާހަކައެއް ދައްކަންހެން، އަހަރެން ދިޔައެއްކަމަކު ފަހުން އަންނާނަން، ޕްރޮމިސް... ކޮންމެތާކަށް ދިޔަނަމަވެސް އެނބުރި އަންނާނީ ސްކާލެޓްގެ ގާތަށް، އެކަން ޤަބޫލުކުރައްޗޭ، ޔޫ އާ ސްޕެޝަލް، ކޮންމެގޮތަކަށް ކޮންމެކަމެއް ހުއްޓަސް އަހަރެން ސްކާލެޓް ދުލެއްނުކޮށްލާނަން އިނގޭ" އަރްސަލް ބުނެލިއެވެ.
"ފްރެންޑެއް ގުޅާލާއިރަށް ދެން ނުދާނަންތަ؟ އެއީ ކޮންފްރެންޑެއްތަ؟" ނިމްރާ އެހިއެވެ. އަރްސަލް ޖަވާބެއް ނުދިނުމުން އޭނާއާ ދިމާއަށް ނިމްރާ ބަލާލިއެވެ.
"އައި ހޭވް ޓު ގޯ" ހިނިތުންވުމަކާއެކު ނިމްރާގެ ކޯތާފަތުގައި ފިރުމާލަމުން އަރްސަލް ބުނެލިއެވެ. އަދި ނިމްރާ ދުރުކޮށްލަމުން ކޮޅަށް ތެދުވިއެވެ. ނިމްރާގެ އަތުގައި ހިފައިގެން އެޕާޓްމެންޓުގެ ދޮރާ ދިމާއަށް އައެވެ.
"ފޯނަށް ގުޅޭނެ ހުރިހާ ވަގުތަކު، ޖަސްޓް ކޯލް މީ އިނގޭ، ފަހުން އަންނާނަން" ދޮރުން ނުކުތުމުގެ ކުރީން އަރްސަލް ބުނެލިއެވެ.
"އެ ފްރެންޑަކީ ކީފާވީމަތަ ނުބުނީ، ތި ދެމެދުގައި ގުޅުމެއްނެތްކަން އަމިއްލަ ނަފްސަށް އަހަރެން ހާދަވަރަކަށް ވިސްނައިދީފީމޭ، ދެން ވެސް ޤަބޫލުކުރަންވީ އެހެންތަ؟ ތި ލޮލުގައިވަނީ ގިލްޓް... އަހަރެންގެ ސުވާލުތަކަށް ކީއްވެ އަރްސަލްއަށް ޖަވާބު ނުދެވެންވީ، އަހަރެން މި ހުރީ އަރްސަލްއާ އިންނަން ރަންކިޔަފައި، އަހަންނަކީ އަރްސަލްގެ މިލްކެކޭ ބުނާއިރު ކީއްވެ އަހަރެންގެ މިލްކަކަށް އަރްސަލްއަށް ނުވެވެންވީ، ކިހާ ވަރަކަށް އަރްސަލް އަހަންނަށް އޮޅުވާލަންތަ ގަސްދުކުރަނީ" ހިތުގައިވި ހުރިހާ އެއްޗެއް ކުރިމަތީ ހުރި އަރްސަލްއަށް ގޮވާލަން ނިމްރާ ބޭނުންވިއެވެ. ނަމަވެސް ބަހެއްނުބުނެވި ބަލަން ހުއްޓާ އަރްސަލް ގޮސް އެލެވޭޓާއަށް އަރައިފިއެވެ.
އެލެވޭޓާގެ ދޮރުލެއްޕުމާއެކު ފުންނޭވާއެއް ދޫކޮށްލައި އަރްސަލް ނިތްކުރީގައި އަތްތިލަ ހިންގާލިއެވެ. އަދި މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލިއެވެ. އޭނާގެ ސިކުނޑީގައިވަނީ ރޭގައި ހިނގައިދިޔަ ކަންތައްތަކެވެ. ނިމްރާ ގާތު ހަޤީޤަތް ހާމަކުރަން ބޭނުންނުވަނީ އެކަމުން އޭނާއަށް ވާނޭގޮތެއް އަރްސަލްއަށް ނޭނގޭތީއެވެ. އަނެއްކޮޅުން ކީފާ ވެސް ވަނީ އާދޭސްކޮށްފައި ނިމްރާއަށް ހަޤީޤަތް ހާމަނުކުރުމަށް އަރްސަލް ގާތުން އެދިފައެވެ. ރޭގައި ހިނގައިދިޔަ ކަންތަކުގެ އެއްވެސް ކަމެއް އެކަކަށް ވެސް އެނގެން ކީފާ ބޭނުންނުވާކަމުގައި ބުނެފައެވެ.
"ވައި ޑިޑް ޔޫ ޑޫ ދެޓް ކީފާ؟... ކުރިން ވެސް އަހަރެން އައީ ބުނަމުން.... އައި އޭމް ސޮރީ ސްކާލެޓް، އަހަރެން ހުރިހާކަމެއް ހައްލުކުރާނަން، ދެން އިރާދަކުރެއްވިއްޔާ ނިމް ދެރަވާވަރުކަމެއް ދިމައެއްނުވާނެ، އަހަރެން އަބަދުވެސް ހުންނާނަން، އެނގޭ އަހަރެންގެ ޚަބަރެއް ނުވީމަ ހިތްހަމަނުޖެހިފަކަން ތި ހުރީ، އެކަމަކު އައި ކާންޓް އެކްސްޕްލެއިން އިޓް، ދޮގުތަކެއް ހަދާކަށް ބޭނުމެއްނޫން، ޕްލީޒް ޖަސްޓް ޓްރަސްޓް މީ" އަރްސަލް އިސްއުފުލާލީ އެލެވޭޓާގެ ދޮރު ހުޅުވުނު އަޑަށެވެ. (ނުނިމޭ)