ނިއުރޭޑިއަންޓްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ތާވަލުގެ އެއް ވަނައިގައި ޓީސީން ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ޓީސީއާ އެންމެ ގާތުން ވާދަ ކުރަމުން ދިޔައީ އެންމެ ފަހުގެ ޗެމްޕިއަން ނިއު އެވެ. ނަމަވެސް ނިއު ބަލިވުމުން މިހާރު ޓީސީއާ ދެމެދު ބޮޑު ފަރެއްގެ އެބައޮތެވެ. ޖުލައި މަހު ލީގް މެދު ކަނޑަލި ފަހުން ނިއު އަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. ނިއުގެ ކޯޗުގެ މަގާމުގައި ހުރި ސްޕެއިންގެ އޮސްކާ ބުރުޒުން ބަރޭރަސް ވަނީ ނިއު ދޫކޮށް ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސްގެ ކޯޗު ކަމާ ހަވާލުވެފަ އެވެ.
އާ ކޯޗު ސޮބާހް މުހައްމަދު ނިއު އާ ހަވާލުވެގެން ޕްރެކްޓިސް ކޮށްފައި ވަނީ ތިން ދުވަހު އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ސޮބާ ބުނީ، ކުރީގެ ކޯޗް ބުރުޒޮން ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފައި އެބައޮތް ކަމަށެވެ. ނަމަވެސް ކޯޗު ބަދަލުވެގެން އެ ހޭދަވި މުއްދަތުގައި ޕްރެކްޓިސް ނުކުރުމުން ކުޅުންތެރިންގެ ފިޓްނަސް ދަށް ވެފައިވާކަން ސޮބާ ފާހަގަ ކުރި އެވެ.
ނަމަވެސް ނިއުގެ ކުޅުންތެރިން ވަނީ ދެ ވަނަ ހާފުގެ ފަހު ކޮޅުގައި ވަރަށް ރަނގަޅަށް ކުޅެފަ އެވެ. ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ތިން ފުރުސަތެއްވެސް ނިއު އިން ތަނަވަސް ކުރި އެވެ. އޭގެ ތެރެއިން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، ނިއުގެ ޒުވާން ކުޅުންތެރިޔާ އިބްރާހިމް އަތީގް ހަސަން އަށެވެ.
ކައުންޓަ އެޓޭކުގައި މުހައްމަދު އުމޭރުއަށް ލިބުނު ފުރުސަތެއްގައި، ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ޓީސީގެ ނޭޕާލްގެ ގައުމީ ޓީމު ކީޕަރު ކިރަން ކުމާރު ލިމްބޫ ނައްޓާލުމަށް ފަހު އުމޭރު ބޯޅަ ތަނަވަސް ކޮށްދިނީ އަތީގް އަށެވެ. އަތީގް ފޮނުވާލި ބޯޅަ އެރީ ގޯލްގެ ހުރަސް ދަނޑި މައްޗަށެވެ.
މެޗުގައި ޓީސީގެ ހަމަ އެކަނި ލަނޑު މެޗުގެ 44 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިޝާން އިބްރާހިމް 'ސައްޓު' އެވެ. ޓީސީގެ އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' ނިއުގެ ކުޅުންތެރިޔެއް އަތުން ކަޓުވާލުމަށްފަހު ހޯދި ބޯޅަ ހަބޭސް އިއްބެ ދިނީ ސައްޓު އޮފްސައިޑުން މަޅިން ސަލާމަތް ވެގެން ބޯޅަ ހޯދޭ ހިސާބުގައި ހުރުމުންނެވެ. ސައްޓު ބޯޅައަށް އަރާނެ ކަމަށް ނިއުގެ ޑިފެންޑަރުން ވެސް ތިބީ ސަމާލުވެގެންނެއް ނޫނެވެ. ނަމަވެސް އޭނާ ވަނީ ބޯޅަ އަށް އަރައި ނިއުގެ ކީޕަރު މުހައްމަދު ފައިސަލް ހުރި ދިމާލަށް ބޯޅަ ވައްދާލާފަ އެވެ.
މެޗުގައި، ޓީސީގެ ކީޕަރު ކިރަން ވަނީ، ނިއުގެ ގިނަ ހަމަލާތަކެއް ހުއްޓުވާފަ އެވެ. ޓީސީން ލަނޑު ޖެހި ފަހުންވެސް ނިއުގެ ބިދޭސީ ކުޅުންތެރިޔާ ކިޕްސަންއަށް ލިބުނު ބޯޅަވެސް ދިފާއު ކުރީ ކިރަން އެވެ. ދެ ވަނަ ހާފުގައި ނިއު އަށް ލިބުނު ހިލޭ ޖެހުން އަލީ ފާސިރު 'ސެންޓޭ' ފޮނުވާލުމުން އަމާޒުވީ ގޯލް ދަނޑިއަށެވެ. ރީ ބައުންސް ވެގެން ނިކުތް ބޯޅަ ނިއުއިން ފޮނުވާލުމުން އެ ބޯޅަ ވެސް ދިފާއު ކުރީ ކިރަން އެވެ.
މެޗަށް ފަހު ވާޙަކަ ދައްކަމުން ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ، ބޮޑު ބްރޭކަކަށް ފަހު ފުރަތަމަ ކުޅުނު މެޗުން މޮޅުވެ ބޮޑު ލިޑެއް ލިބުމަކީ ކުރިއަށް ހުރި މެޗުތަކަށް ނިކުންނައިރު ލިބޭ ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.