އާ ސަރުކާރަށް މަޖިލީހުގެ ތެރެއިން ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދެއްވާނެ ކަމަށް ޕީޕީއެމްގެ މަޖިލިސް މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އާ ސަރުކާރުން ފޮނުވާ ބަޖެޓަށް ރައްޔިތުންގެ ހައްގުގައި ވޯޓް ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ، ދާއިރާގެ ރައްޔިތުން ބޭނުންވަނީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެސަރުކާރަކުން ރައްޔިތުންނަށް ފަހި ގޮތްތަކެއް ކަނޑައަޅާކަމަށްވާނަމަ ނުވަތަ ދައުލަތުގެ ބަޖެޓްތަކުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުން ކަމަށެވެ. އެކަންކަމަށް ދޭން ޖެހޭ ވޯޓް ދޭނެ ކަމަށް ޖަމީލް އުސްމާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޒިންމާއެއް އެއީ މިއަދު ދައުލަތެއް ހިންގުމަށް ބޭނުންވާ ބަޖެޓް ފާސްކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް، އަޅުގަނޑުމެން މެންބަރުންގެ ގޮތުގައި ތިބެ، އެފަދަ ކަންކަމަށް ފުރަގަސްދީ އަޅުގަނޑުމެން އެކަންކަމަށް އިދިކޮޅު ހަދަން މަސައްކަތް ކޮށްގެން ނުވާނެ، އަޅުގަނޑު ގެމަނަފުށީ ދާއިރާގެ މެންބަރެއްގެ ހައިސިއްޔަތުން ކުރިއަށް އޮތް ދައުރުގެ ރައީސް އަދި ނައިބް ރައީސަށް އަރުވާ ޔަގީން ކަމަކީ ގެމަނަފުށީގެ ހަތަރު ރަށުގެ ރައްޔިތުންގެ ހައްގުގައި އަދި މުޅި ގައުމުގެ ހައްގުގައި ކުރެވޭ ކޮންމެ ރަނގަޅު ކަމެއްގައި އަޅުގަނޑުމެން މިތިބީ ތިބޭފުޅުންނާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް،" ޖަމީލް އުސްމާން ވިދާޅުވި އެވެ.
ޖަމީލް އުސްމާން ވިދާޅުވީ، ވެފައިވާ ވައުދުތައް ފުއްދާތޯ ނުވަތަ ނުފުއްދާތޯ ވަރަށް ގާތުން ބަލަމުމް ގެންދާނެ ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުމަށް މަޖިލީހުގެ ކޮމިޓީ އާއި މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޮމިޓީ ބައްދަލުވުމުގައި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) ވިދާޅުވީ، މަޖިލީހުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް އާ ސަރުކާރަށް ދޭން ޖެހޭނެ ކަމަށެވެ. އަދި ހުރިހާ މެންބަރުންވެސް އާ ސަރުކާރަށް އެއްބާރުލުން ދިނުމަށް ސަލީމް ގޮވާލި އެވެ.
ކޮމިޓީ ބައްދަލުވުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އާއި އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ހުރިހާ މެންބަރުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހުރިހާ މެންބަރުންގެ އެއްބާރުލުން ދިނުމަށްވެސް އެދެބޭފުޅުން އެދިވަޑައިގެންފައި ވެއެވެ.