ހަބަރު

ކޫއްޑޫ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ހުއްޓުވައިފި

Sep 27, 2018
1

ރިޔާސީ އިންތިހާބަށް ފަހު ކޫއްޑޫ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން މަސައްކަތް ކުރަނިކޮށް އެކަން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން އަންގައިފި އެވެ.

ކޫއްޑޫ ފިޝަރީޒްގެ ރީޖަނަލް މެނޭޖަރު ޝަހީންއަށް އެޑްރެސް ކޮށް އޭސީސީ އިން މިއަދު ފޮނުވި ސިޓީއެއްގައި ބުނީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭނުގައި ހަރަކާތްތެރިވި ކޫއްޑޫ ފިޝަރީޒްގެ މުވައްޒަފުންނަށް މިދުވަސްވަރު
ޕޮރޮމޯޝަންދޭން ނިންމާފައިވާ ކަމަށާއި މި ޕްރޮމޯޝަން ދެމުންދަނީ އެއްވެސް އުސޫލެއްނެތި މުވައްޒަފުންގެ ދަރަޖަވެސް އެތައް ގުނައެއް ކުރިއަށް ޖައްސައިގެން ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ވީމާ، އެއްވެސް މުވައްޒަފަކަށް މިފަހުން މަގާމުގެ ކުރިއެރުމެއް ދީފައިވާނަމަ، ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން މުސާރައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލަށް ނުވަތަ މުވައްޒަފުންނަށް ދީފައިވާ މުސާރައިގެ ކުރިއެރުމަށް އިތުރަށް އަމަލުކުރުން މަޑުޖައްސާލުމަށް އަންގާ ކަމަށް ވެސް ސިޓީގައިވެ އެވެ.

ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގެ ތެރެއިން މުވައްޒަފުންގެ މުސާރަތައް އިންތިހާއަށް ބޮޑުކޮށް އާ މަސައްކަތްތައް ކޮންޓްރެކްޓަށް މީހުންނާ ހަވާލުކުރަމުން ދާ ކަމަށް ބުނެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.