ހަބަރު

ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވަން ޖެހޭ ސަބަބެއް ނެތް: އީސީ

Sep 27, 2018
1

ޕީޕިއެމްއިން މާދަމާ ބާއްވަން މަސައްކަތް ކުރާ ކޮންގްރެސް ހުއްޓުވަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. އެ ކޮންގްރެސް ބާއްވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، ކޮންގްރެސް ހުއްޓުވަން އެ މައްސަލަ އީސީއަށް ހުށަހެޅުއްވީ ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފަށް ނަދީމް ފޮނުވި ސިޓީގައި ވަނީ، ޕީޕީއެމްގެ ގައުމީ ޖަލްސާ މާދަމާ ބާއްވާނޭ ކަމަށް އެޕާޓީއިން އިޢުލާނުކޮށްފައިވީ ނަމަވެސް ޕާޓީއިން ގައުމީ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ.

އެ ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާން އަހުމަދު އަކުރަމް މިރޭ ވިދާޅުވީ، އެ މައްސަލައިގައި އެ ކޮންގްރެސް ހުއްޓުވަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް ކަމަށް މިއަދުގެ ކޮމިޝަންގެ ބައްދަލުވުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރަށް އެ ކޮންގްރެސް ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް، ރައީސް މައުމޫންގެ އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ބަލައިގަތް ނަމަވެސް އެ މައްސަލައިގައި އަދި ސިވިލް ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ. ޔުމްނާ މިރޭ ވެސް ވިދާޅުވީ، ރައީސް ޔާމީން ކުއްލި ގޮތަކަށް ޕީޕީއެމްގެ ކޮންގްރެސް ބާއްވަން އުޅެނީ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެ ޕާޓީގެ މުއައްސިސް ފާރިސް މައުމޫން ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ބައިތިއްބައިގެން އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ.