ޕީޕިއެމްއިން މާދަމާ ބާއްވާ ކޮންގްރެސްގައި އެޕާޓީގެ ރައީސް އަދި ނައިބް ރައީސްގެ މަގާމަށް ބޭފުޅުން ހޮވުމަށް ނިންމާފައިވާ ކަަމަށް އެޕާޓީން ބުނެފި އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ގައުމީ ޖަލްސާއެއް ބޭއްވުމަށް ކައުންސިލުން ނިންމާފައިވާތީ މާދަމާ އަދި ހޮނިހިރު ދުވަހު މާލޭގައި ގައުމީ ޖަލްސާ ކުރިއަށް ދާނެ ކަމަށް އެޕާޓީން ވަނީ މީގެ ކުރިން ބުނެފަ އެވެ. ގައުމީ ޖަލްސާއެއް ބޭއްވުމަށް އެޕާޓީން ނިންމާފައިމިވަނީ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެ އެ ޕާޓީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ޕީޕީއެމުން ބުނީ، މާދަމާ ފަށާ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށާއި ޕާޓީގެ ހިންގާ ގަވާއިދުތަކަށްވެސް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ޕާޓީގެ ރައީސާއި ނައިބް ރައީސްގެ އިތުރުން ޕާޓީގެ ކައުންސިލާއި ކޮމިޓީތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުންޏެވެ.
ޕީޕީއެމުން މާދަމާ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވާއިރު، ކޮންގްރެސް ބާއްވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، ކޮންގްރެސް ހުއްޓުވައިދިނުމަށް އެދި އީސީއަށް ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. ނަމަވެސް އީސީން ވަނީ ކޮންގްރެސް ހުއްޓުވަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ ކޮންގްރެސް ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފަ އެވެ. ނަމަވެސް އެމައްސަލަ ބަލައިގެންފައިވާކަން ސާފެއް ނުވެ އެވެ.