ހަބަރު

ބޮޑެތި ކުށް ކުރާ ކުޑަކުދިން މަދެއް ނުވޭ: ޖެންޑާ

Sep 28, 2018
4

މާރާމާރީއާއި ވައްކަން ފަދަ ބޮޑެތި ކުށްތަކުގައި ކުޑަކުދިން ހިމެނިގެން މިދިޔަ ދެ މަހުގެ ތެރޭގައި 28 މައްސަލަ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ އެން ފެމިލީ އިން ބުނެފި އެވެ.

މިނިސްޓްރީއިން ހާމަކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން މި ދިޔަ ދެ މަހުގެ ތެރޭގައި ކުޑަކުދިންގެ ބައިވެރިވުން ހިމެނޭ މާރާމާރީގެ ހަ މައްސަލައާއި ވައްކަމުގެ ހަ މައްސަލައާއި ތަންތަނާއި ތަކެއްޗަށް ގެއްލުން ދިނުމުގެ ތިން މައްސަލަ އަދި ތޫނު އެއްޗެހި ގެންގުޅުނު ކަމުގެ ތިން މައްސަލަ ޖެންޑާއަށް ރިޕޯޓްކޮށްފައިވެ އެވެ. މި ފަހަކަށް އައިސް މާރާމާރީ އާއި ވައްކަންތަކުގައި 18 އަހަރުން ދަށުގެ ކުޑަކުދިން ހިމެނިގެން ރިޕޯޓްކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.

ޖެންޑަ މިނިސްޓްރީގެ ތަފާސް ހިސާބުގައި، ކުދިންގެ އަހުލާގީ ގިނަ މައްސަލަތަކެއްވެސް ރިޕޯޓްކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ޖުލައިމަހު ކުދިންގެ އަހުލާގާ ގުޅުން ހުރި 18 މައްސަލައެއް ހުށަހަޅާފައިވާއިރު އޮގަސްޓު މަހުގެ ތެރޭގައިވެސް އެފަދަ 13 މައްސަލައެއް ހުށަހަޅާފައިވެ އެވެ. މީގެ ތެރޭގައި ބުލީކުރުމާއި ސައިބާ ބުލީކުރުން ފަދަ މައްސަލަތައް ވެސް ހިމެނެ އެވެ.

ކުށްތަކުގައި ކުޑަކުދިންގެ ބައިވެރިވުން އިތުރުވަމުން އަންނަކަން ޖެންޑާގެ ތަފާސްހިސާބުން ދައްކާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ކޮންމެވެސް ވަރަކަށް މަދުވެފައިވާކަން ވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ މިދިޔަ މަހުގެ އަދަދުތަކަށް ބަލާއިރު، އަނިޔާގެ 89 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. ޖެންޑާ އަށް އޮގަސްޓު މަހުވެސް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކެވެ. ނަމަވެސް މިއީ ނިމުނު ޖުލައި މަހާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.

އޮގަސްޓު މަހު ރިޕޯޓްކޮސްފައިވާ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކުގެ ތެރޭގައި ޖިންސީ އަނިޔާ ކުރުމުގެ 46 މައްސަލައެއް ހިމެނެ އެވެ. އަދި އިހުމާލުވުމުގެ 18 މައްސަލައާއި ނަފްސާނީ ހާނީއްކައިގެ އަށް މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ހަ މައްސަލައެއްގެ އިތުރުން އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ ހަތަރު މައްސަލައެއް ހިމެނެ އެވެ.

އަދި ކިޔެވުމުން ކުދިން މަހުރޫމްކޮށްގެން ދެ މައްސަލައެއްވެސް އޮގަސްޓު މަހުގެ ތެރޭގައި ވަނީ ރިޕޯޓުކޮށްފަ އެވެ.