ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސްކަމުން ސެޕް ބްލެޓާ މިދިޔަ މަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުން އާ ރައީސަކު ހޮވުމަށް ނަގާ ވޯޓް މި އަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބީބީސީ އިން ބުނެފި އެވެ.
ބީބީސީ އިން އިތުބާރުހުރި ފަރާތްތަތަކާ ހަވާލާދީ ބުނެފައި ވަނީ ރައީސަކު ހޮވުމަށް ފީފާގެ ކުއްލި ބައްދަލުވުމެއް ސްވިޓްޒަލެންޑްގެ ޒިއުރިކްގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. ފީފާގެ 209 މެމްބަރު ގައުމަށް ދައުވަތުދީގެން ކުރިއަށް ގެންދާ މި ވޯޓްގެ ރަސްމީ ތާރީހެއް ފީފާ އިން އިއުލާނުކުރާނެ ކަމަށް ބެލެވެނީ ޖުލައި މަހަށް ފަހު އެވެ.
އުމުރުން 79 އަހަރުގެ ބްލެޓާ އިސްތިއުފާ ދެއްވީ ފަސް ވަނަ ދައުރަކަށް ހޮވިވަޑައިގެންނެވިތާ ހަތަރު ދުވަސް ފަހުންނެވެ.
މި އިސްތިއުފާއެއް އައީ ކޮރަޕްޝަންގެ މައްސަލަތަކެއްގައި ފީފާގެ އިސް އޮފިޝަލުންތަކެއް ހައްޔަރުކޮށް އެފްބީއައި އިން ބްލެޓާގެ މައްސަލައެއް ބަލަމުން ދަނިކޮށެވެ.
ފީފާގެ ކޮރަޕްޝަންގެ މައްސަލަތަކަށް ކުރެވޭ ތުހުމަތުތަކަށް ފީފާ އާއި ބްލެޓާ ވެސް ދެކޮޅުހައްދަވަ އެވެ. މައްސަލަ ބޮޑަށް ހޫނުވެގެން ދިޔައީ ފީފާގެ އޮޑިޓް ރިޕޯޓެއްގައި ކޮރަޕްޝަން ފާހަގަކޮށްފައި ވަނިކޮށް އެ ރިޕޯޓްގެ އެއްބައި ފީފާ އިން އާންމުކޮށް އޮޅުވާލުމާ ގުޅިގެންނެވެ.
ކޮރަޕްޝަންގެ މި ސްކެންޑަލްއާ ގުޅިގެން، ރަޝިއާގައި ކުރިއަށް އޮތް ވޯލްޑް ކަޕާއި ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް މުބާރާތަށް ވާނެ ގޮތެއް ވެސް އަދި ނޭނގެ އެވެ. ބައެއް ފަރާތްތަކުން ބުނަމުން ދަނީ އެ ބިޑްތައް ކާމިޔާބުކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ސާބިތުވެއްޖެ ނަމަ ރަޝިއާ އާއި ގަތަރު ވެސް ވޯލްޑް ކަޕެއް ނޯންނާނެ ކަމަށެވެ.