ދިވެހި ޕްރެމިއާ ލީގް

ބައިކޮޅަށް ލަނޑު ވަދެ އީގަލްސް އަތުން ގްރީން ބަލިވެއްޖެ

ގްރީން ސްޓްރީޓް އަތުން ބައިކޮޅަށް ލަނޑު ވެދެ ކުލަބު އީގަލްސް އަތުން 1-0 ން ގްރީން ބަލި ވެއްޖެ އެވެ.

ދިވެހި ޕްރިމިއާ ލީގްގައި މިރޭ ކުޅުނު މެޗުގައި، ގްރީންގެ ކޮޅަށް ލަނޑު ވަނީ މެޗުގެ ފަސް ވަނަ މިނެޓްގައި، އެ ޓީމުގެ ޑިފެންޑަރު ސަމްދޫހް މުހައްމަދު އަތުންނެވެ. އީގަލްސްއިން ނެގި ކޯނެއް ބޮލުން ދިފާއު ކުރަން އުޅުމުގެ ތެރޭގައި އެ ލަނޑު ވަނީ ބައިކޮޅަށެވެ.

ސަމްދޫހް ބޮލުން ބޯޅަ ޖެހުމުން އީގަލްސްގެ ގޯލް ބަލަހައްޓަމުން ދިޔަ އިބްރާހިމް ލަބާން ޝަރީފަށް ވެސް ހުރެވުނީ ސަމާލު ނުވެވި އެވެ. އޭނާވެސް ހުރީ އެ ބޯޅަ ދިފާއު ކުރި ކަމަށް ބަލައިގެންނެވެ. ބޯޅަ ގޯލާ ދިމާލަށް ދިޔައިރު އޭނާ ހަރަކާތް ކުރެވުނީ މާ ލަހުންނެވެ.

މި ސީޒަންގައި، އީގަލްސް އަތުން ގްރީންއަށް މޮޅު ވެވިފައެއް ނުވެ އެވެ. މާލޭ ލީގްގައި ކުޅުނު ދެ މެޗުވެސް ކާމިޔާބު ކުރީ އީގަލްސް އެވެ. މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި، ގްރީން އިން ވަނީ އަރިމަތިން ހުރަސްތަކެއް ނަގައިގެން އީގަލްސްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ބޯޅަތައް ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ.

މެޗުގެ 20 ވަނަ މިނެޓްގައި އީގަލްސްއަށް ވަނީ ލިޑް ފުޅާ ކުރުމަށް ޓަކައި ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެ ޓީމުގެ އަހްމަދު ރިޒްވާން ބޮލުން ފޮނުވާލި ބޯޅަ، ކީޕަރު ލަބާން ވަނީ ހުށިޔާރު ކަމާއެކު ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.

ލީގްގެ މެޗެއް ދެން އޮންނާނީ އަންނަ ހޯމަ ދުވހު ހަވީރު އެވެ. އެ މެޗުގައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓާއި ބ. ފެހެންދޫ އެވެ.