ސަތާރަ ނޮވެމްބަރު 2018 އިން ފެށިގެން ޕީޕީއެމް ހަރަކާތްތެރިވާނީ ރާއްޖޭގެ ކަންކަން ހަމަމަގަށް އަޅުވައި އާ ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވެފައި އޮންނަ ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކަމަށް މިއަދު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްއިން ނިންމައި އެ ނިންމުން ފާސްކޮށްފި އެވެ.
ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮތުމަށް، ޕީޕީއެމުން މިރޭ ގަރާރެއް ފާސްކޮށްފައިވަނީ އެ ޕާޓީގެ ކޮންގްރެސްގައި މިރޭ ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މިއަދު މެންދުރު ފަހު 2:30 ހާއިރު ފެށި ޕީޕީއެމްގެ ކޮންގްރެސް ނިންމާލުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ނައިބުކަމުގެ މަގާމަށް އަލަށް ހޮވިވަޑައިގެންނެވި، މިހާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ވިދާޅުވީ، މިއަދު ފާސްކުރި ގަރާރާރުގެ ބޭނުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ރާއްޖެއަށް ގެނެސްފައިވާ ހަމަޖެހުމާއި ތަރައްގީ އެގޮތުގައި ދެމެހެއްޓުމަށް ބިނާކުރަނިވި ސިޔާސީ މަސައްކަތްތަކެއް ކުރުމުގައި ދެމި ތިބުމެވެ.
މި ގަރާރުގެ ދަށުން ޕާޓީއިން ކުރާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ކުރިމަގު ބައްޓަންކޮށް ދިވެހި ރައްޔިތުންގެ ކުރިއެރުމާއި މުސްތަގްބަލްގެ މިސްރާބު ކަނޑައަޅައި، ދިވެހި ގައުމުގެ ދުވެލި ރަނގަޅު މިސްރާބަކަށް އަލުން ގެންދެވޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ. އާޒިމާ ވިދާޅުވި ގޮތުގައި، ޕީޕީއެމް އުފެދިގެން މިއަދާ ހަމައަށް ޕާޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ޕާޓީގެ މެންބަރުން ނުގުޑާފަދަ އަޒުމެއްގައި ތިބެގެން ހޯދާފައިވާ ކާމީޔާބީތަކެކެވެ.
އެ ގަރާރުގައި ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ގާނޫނު އަސާސީގެ 107 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެފައިވާ ގޮތުގެ މަތިން 17 ނޮވެމްބަރު 2013 ވަނަ ދުވަހު ފެށުނު ރިޔާސީ ދައުރު ހަމަވެ، 17 ނޮވެމްބަރު 2018ގައި އާ ރިޔާސީ ދައުރެއް ފެށޭއިރު، އަދި އެ ދުވަހުން ފެށިގެން ޕީޕީއެމްއަކީ ރަސްމީ އިދިކޮޅު ޕާޓީއެއް ކަމުގައި ހަމަޖެހި، ޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަކީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި އެންމެ ފުރިހަމައަށް ވަކާލާތުކުރައްވާނޭ ލީޑަރުގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން، ވެރިކަމާ ހަވާލުވުމަށްފަހު ދިވެހި ގައުމަށް ކުޑަވެސް މިންވަރެއްގެ ގެއްލުމެއް ވިޔަ ނުދީ ގައުމުގެ ކަންކަން ރާވާ ހިންގުމަށް، 17 ނޮވެމްބަރު 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް އިންތިހާބުވެފައިވާ އިބްރާހިމް މުހައްމަދު ސޯލިހަށާއި އޭނާގެ އިންތިހާބީ ބައިވެރިޔާ ފައިސަލް ނަސީމަށް، އެ ގަރާރުގައި އިލްތިމާސްކޮށްފައިވެ އެވެ.
"...ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ހާއްސަ ގޮތެއްގައި ޕާޓީގެ ފިކުރަށް ތާއީދުކުރެއްވި 96 ހާހަށްވުރެ ގިނަ ރައްޔިތުންގެ ހައްގުގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެމ ސަރުކާރު ޒިންމާދާރުކަމާއެކު ހިނގާކަން ކަށަވަރުކުރުމަށްޓަކައި މި ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަރިހުގައި މި ޕާޓީގެ އެންމެ މެންބަރުން ތިބިކަން ފާހަގަކޮށް، މި އަމާޒުގައި މި ޕާޓީން މަސައްކަތްކުރުމަށް ނިންމައި، މިއަދު، 18 މުހައްރަމް 1440، 28 ސެޕްޓެމްބަރު 2018 ވީ ހުކުރު ދުވަހުގެ ރޭ، ރާއްޖޭގެ ވެރިރަށް މާލޭގައި މި ބޭއްވޭ މި ޕާޓީގެ ހާއްސަ ގޮތުން ބާއްވާ މި ޕާޓީގެ ގައުމީ ޖަލްސާގައި ބައިވެރިވާ އެންމެ މެންބަރުންގެ އިއްތިފާގުން ކަނޑައަޅައި، މިކަންކަން މިގޮތުގެ މަތިން ހިންގާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މި ޕާޓީގެ ރައީސް އާއި އަދި ކައުންސިލްގެ މެންބަރުންނަށް ހަވާލުކޮށްފީމެވެ،" ޕީޕީއެމްގެ ގަރާރުގައި ބުނެފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އެކި ރޮނގުރޮނގުން މަންފާކުރުވަނިވި ކަންތައްތަކެއް . ފުރިހަމަކޮށްދީފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އަދި 96،000 އަށް ވުރެ ގިނަ ރައްޔިތުން އެކަންތައްތައް ބަލައިގެން ކަމަށާއި ޕީޕީއެމްގެ ސިޔާސަތުތަކަށް އާ އެކޭ ބުނެފައިވާތީ އެކަންކަން ދިފާއުކުރަން ޕީޕީއެމްއިން ޒިންމާދާރު މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.