ދިވެހި ސިނަމާ

މާމުއިގެ ޝޫޓިން ނިމުމާ ގާތަށް

ޑާކް ރެއިން އެންޓަޓެއިންމަންޓުން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ކޮމެޑީ ފިލްމު "މާމުއި" ގެ ޝޫޓިންތައް ފޯރީގައި ކުރިއަށްދާއިރު، ފިލްމުގެ ބޮޑުބައި މިހާރު ވަނީ ޝޫޓުކޮށް ނިންމާފައި އެވެ.

މި ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ ޝޫޓިންގެ 80 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. ބާރު ސްޕީޑެއްގައި ޝޫޓިންތައް ކުރިއަށްދާކަން ފާހަގަކުރަމުން މޮގާ ބުނީ އަންނަ މަހު މެދެއްހާ ހިސާބުގައި ޝޫޓިންތައް އެއްކޮށް ނިންމާލެވޭނެ އެވެ.

ޝޫޓިންގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ޑާކް ރެއިން އިން އަންނަނީ ސޯޝަލް މީޑިއާގައިވެސް ހިއްސާކުރަމުންނެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމު، މޮގާއާއިއެކު ޕްރޮޑިއުސްކުރަނީ އައިޝަތު ފުއާދު ތައުފީގު އެވެ. ޑައިރެކްޓުކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ސްކްރީންޕްލޭ ތައްޔާރުކުރީ އައިޝަތު އާއި އަހްމަދު ތޮލާލް އެވެ. އަދި ސިނެމަޓޯގްރާފީގެ މަސައްކަތްކުރަނީ ޗިއްޕެއާއެކު އަހްމަދު ޝިނާން އެވެ.

#އޭޕްރީލްފޫލްސްޑޭ ގެ ނަމުގައި ޕްރޮމޯޓްކުރަމުން އަންނަ މި ފިލްމު ސިނަމާގައި އަޅުވާނީ އަންނަ އަހަރު އޭޕްރީލް މަހު އެކެއްގައި އެވެ.