ބޮލީވުޑް

އިނގެރޭސިންނާ ދެކޮޅަށް "ތަގްސް" ހަނގުރާމައަށް

"ތަގްސް އޮފް ހިންދުސްތާން" ގެ ޓްރެއިލާ.

މިއަހަރުގެ އެންމެ އިންތިޒާރުކުރެވޭ ބޮލީވުޑް ފިލްމު، "ތަގްސް އޮފް ހިންދުސްތާން" ގެ ޓްރެއިލާ ދޫކޮށްލައިފި އެވެ.

ފިލްމުގެ ޓްރެއިލާ ދޫކޮށްލީ މި ފިލްމުގެ ގެނެސްދޭ ޕްރޮޑަކްޝަން ހައުސް، ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ބާނީ ޔަޝް ޗޯޕްރާގެ އުފަންދުވަހު މުނާސަބަތުގައި އެވެ. މަޝްހޫރު ޑައިރެކްޓަރު ޔަޝް ޗޯޕްރާ ވަނީ 2012 ވަނަ އަހަރު މަރުވެފައި އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ޔަޝްގެ ދަރިފުޅު އަދިތުޔަ ޗޯޕްރާ އެވެ.

މި ފިލްމުގެ ލޯގޯއާއި ޓީޒާތަކެއްވެސް މިދިޔަ ހަފްތާގައި ވަނީ ދޫކޮށްލާފައި އެވެ. މުހަންމު ރޯލުތަކުން މި ފިލްމުގައި ފެނިގެންދާނީ އާމިރް ޚާން، އަމިތާބް ބައްޗަން، ފާތިމަތު ސަނާ ޝެއިހް އަދި ކެޓްރީނާ ކައިފް އެވެ. އަދި މިއީ އާމިރް އާއި އަމީތާބް އެކީގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރުވެސްމެ އެވެ.

ގިނަ އެކްޝަން މަންޒަރުތަކެއް ހިމެނޭ މި ފިލްމުގެ ޓްރެއިލާއިން ހާމަވާގޮތުގައި އާމިރް ފެނިގެންދާނީ ވަރަށް ސަކަ މިޒާޖެއްގެ މީހެއްގެ ރޯލުންނެވެ. އަމީތާބްއާއި ސަނާ ވަރުގަދަ ރޯލަކުން ފެނިގެންދާއިރު، ކެޓްރީނާގެ ކުޅަދާނަ ނެށުންތަކެއްވެސް ފެނިގެންދިޔަ އެވެ.

ކަނޑުމަތީގެ ގިނަ މަންޒަރުތަކެއްވެސް މި ފިލްމުގައި ހިމަނާފައިވާއިރު، ފިލްމުގެ ވީއެފްއެކްސް ނުވަތަ ކޮމްޕިއުޓާ ގްރެފިކްސްއަށް ވަނީ ބޮޑު ހަރަދެއްކޮށްފައި އެވެ. އައިމެކްސް ތްރީޑީ ފޯމެޓުގައި ގެނެސްދޭ މި ފިލްމު ތައްޔާރުކުރީ 2.1 ބިލިއަން ރުޕީސްގެ ބަޖެޓަކުންނެވެ. މިއީ ވައިއާރްއެފްއިން މިހާތަނަށް ގެނެސްދޭ އެންމެ އަގުބޮޑު ފިލްމެވެ.

"ތަގްސް އޮފް ހިންދުސްތާން" އަކީ 1839 ވަނަ އަހަރު ނިކުތް ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އެ ވާހަކަ ބިނާވެފައި އޮންނަނީ އިންޑިއާ އިނގެރޭސިންގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތްއިރު، އިނގެރޭސިންނަށް އެ ގައުމުގައި ހަމަޖެހިގެން އުޅުނިޔަ ނުދިނުމަށްޓަކައި މަސައްކަތްކުރި "ތަގެއް" ނުވަތަ ގޭންގު ސްޓާރުންތަކެއްގެ މައްޗަށެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓުކުރަނީ "ދޫމް 3" ގެ ޑައިރެކްޓުކުރި ވިޖޭ ކްރިޝްނާ އަޗަރިއާ (ވިކްޓާ) އެވެ. ސިނަމާތަކުގައި ފިލްމު އަޅުވާނީ އަންނަ ނޮވެމްބަރު މަހު އަށެއްގައި އެވެ.