ބޮލީވުޑް

"ސައްތޭ ޕެ ސައްތާ"ގެ ރީމޭކަށް ކެޓްރީނާ

ފިލްމު "ސައްތޭ ޕެ ސައްތާ" ގެ ރީމޭކެއް އުފައްދަން ނިންމާފައި ވަނިކޮށް އެ ފިލްމުގައި ލީޑް ރޯލުން ފެންނާނީ ރިތިކް ރޯޝަން ކަމަށް ވަނީ ބުނެފަ އެވެ. ރިތިކް ކުޅެން ހަމަޖެހިފައިވަނީ 1982 ގައި ނެރުނު ފިލްމުގައި އަމީތާބު ކުޅުނު ޑަބަލް ރޯލަށް ވާއިރު ރިތިކާއެކު މި ފިލްމުގައި ދެން ފެންނާނީ ކެޓްރީނާ ކަމަށް ބޮލީވުޑް ހަބަރުތަކުން ބުނެފި އެވެ.
ކެޓްރީނާ އަށް މި ފިލްމުގައި ދީފައި ވަނީ ހެމާ މާލިނީ ކުޅެފައިވާ ރޯލެވެ.

ފިލްމުގެ ރޯލުތައް އަދިވެސް ޔަގީން ނުކުރާ އިރު އެކިފަހަރު މަތިން ވަނީ ކާސްޓުންނަަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން، ލީޑް އަންހެން ތަރީގެ ރޯލު ދީޕިކާ ޕަޑުކޯން އަަށްވެސް ހުށަހެޅި ކަމަށާއި ބޮލީވުޑްގެ އޭ ލިސްޓު އެހެން ފަންނާނުންނަށް ހުށަހެޅި ކަމަށްވެސް ބުނެ އެވެ. އެންމެ ފަހުން މި ރޯލު ދީފައިވަނީ ކެޓްރީނާ އަށެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި، ކާސްޓުން ފައިނަލް ކުރަން އަދިވެސް ދުވަސް ނަގާނެ ކަމަށް އެމީހުންނަށް ހަބަރުދޭ މީހުން ބުނެ އެވެ. އަދި ޔަގީން ވުމުން ރަސްމީކޮށް އިއުލާން ކުރާނެ އެވެ.

އަމީތާބާއި ހެމާގެ މި ފިލްމަކީ އެ ޖޯޑުގެ އެންމެ މަގުބޫލު ފިލްމުތަކުން ފާހަގަ ކޮށްލެވޭ ފިލްމެކެވެ. ހަތް ބެއިންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކެއް ދައްކުވައިދޭ މި ފިލްމުގައި އަމީތާބު ކުޅެނީ އެންމެ ދޮށީ ބޭބެގެ ރޯލެވެ. ހެމާ އަކީ އަމީތާބުގެ އަންހެނުންނެވެ.

ފިލްމުގެ ރީމޭކް ޕްރޮޑިއުސް ކުރަނީ ރޯހިތު ޝެޓީ އެވެ. އަދި ޑައިރެކްޓަރަކަށް ހުރީ ފަރާ ޚާން އެވެ.