ބޮލީވުޑް

ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބޮލީވުޑްގައި ހޫނުވެއްޖެ

ބޮލީވުޑްގެ އެކްޓަރު ނަނާ ޕަޓޭކަރްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް އެ މައްސަލަ ހޫނުވެއްޖެ އެވެ.

ނަނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފައި ވަނީ ބޮލީވުޑްގެ އެކްޓްރެސް ތަނުޝްރީ ދައްތާ އެވެ. ނަނާގެ މައްޗަށް ތަނުޝްރީ އެ ތުހުމަތުކުރީ ދާދިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އެވެ. އެކަމެއް ހިނގާފައި ވަނީ މީގެ 10 އަހަރު ކުރިން އެމީހުން ކުޅުނު ފިލްމު، "ހޯން 'އޯކޭ' ޕްލީޒް" ގެ ސެޓުގައި ކަމަށް އޭނާ ވަނީ ބުނެފައި އެވެ.

މިހާރު އެމެރިކާގައި ވަޒަންވެރިވެގެން އުޅޭ ތަނުޝްރީ މީގެ ކުރިން އެ ވާހަކަތައް ނުދައްކާ މި ވަގުތު އެ ވާހަކަތައް ކުއްލިއަކަށް ދެއްކުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށްވެސް ވަނީ އަމާޒުވެފައި އެވެ. ތަނުޝްރީ ބުނީ މީގެ ކުރިން އެ ވާހަކަތައް ނުދައްކާ ހުރީ އޭނާގެ އަތުގައި އެކަން ސާބިތުކޮށްދެވޭނެ ވަރުގެ ހެކި ނެތުމުން ކަމަށެވެ.

ތަނުޝްރީ މިހާރު ހުރީ އޭނާގެ އާއިލާއާ ބައްދަލުކުރުމަށް އިންޑިއާގައި އެވެ. ކުއްލިއަކަށް ތަނުޝްރީ މި ވާހަކަދެއްކީ މިހާރު އޮއްސިފައިވާ އޭނާގެ ފިލްމީ ކެރިއަރު އަލުން ނަގައި ކޮޅަށް ޖަހާއި މަޝްހޫރުކަން ހޯދުމަށް ކަމަށްވެސް ބައެއް މީހުން ވަނީ ތުހުމަތުކޮށްފައި އެވެ.

މި މައްސަލަ ހޫނުވެ ބޮލީވުޑްގެ މަޝްހޫރު ގިނަ ސްޓާރުންވެސް މިހާރު އަންނަނީ މިކަމާ ބެހޭގޮތުން ވާހަކަތައް ދައްކަމުންނެވެ. ތަފާތު އިންޓަވިއުތަކުގައި އެކި ސްޓާރުންނާ މީޑިއާއިން ދަނީ ތަކުރާރުކޮށް އެކަމާ ގުޅޭގޮތުން ސުވާލުތައް ކުރަމުންނެވެ. ބައެއް ސްޓާރުން ވަނީ ސޯޝަލް މީޑިއާގައިވެސް ކަންބޮޑުވުން ފާޅުކޮށްފައި އެވެ.

ތަނުޝްރީގެ ތުހުމަތުތަކަށް ނަނާ ވަނީ އިންކާރުކޮށްފައި އެވެ. އަދި އޭނާގެ މައްޗަށް ކޮށްފައި ވަނީ ދޮގު ތުހުމަތެއް ކަމަށް ބުނެ އެނާ މިހާރު ވަނީ ކޯޓު މެދުވެރިކޮށް ތަނުޝްރީއަށް ސިޓީއެއް ފޮނުވަމަށް ތައްޔާރުވެފައި އެވެ. އެ ސިޓީގައި ތަނުޝްރީ ކުރީ ދޮގު ތުހުމަތެއް ކަމަށް އެއްބަސްވެ މާފައަށް އެދުމަށް އެދިފައި ވާނެކަމަށް ނަނާގެ ލޯޔަރު ބުންޏެވެ.