ޕެޕް ގާޑިއޯލާ

ފުޓްބޯޅަ ބަދަލެއް ނުކުރަން، ޓާގެޓަކީ ރަނގަޅު ކޯޗަކަށްވުން

އިނގިރޭސި ފުޓްބޯޅަ ބަދަލު ކުރަން، އޭނާ މަސައްކަތް ނުކުރާ ކަމަށާއި އޭނާ މަސައްކަތް ކުރަނީ ރަނގަޅު ކޯޗަކަށް ވުމަށް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޖޯސެފް 'ޕެޕް' ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ފުޓްބޯޅަ ބަދަލު ކުރަން ގާޑިއޯލާ މަސައްކަތް ކުރާ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަ އެވެ. ޖޫން، ޖުލައިގައި ރަޝިއާގައި ކުރިއަށް ދިޔަ ވޯލްޑްކަޕުގައި، މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ލެޖެންޑް ޕައުލް ސްކޯލްސް ބުނެފައި ވަނީ އިންގްލެންޑްގެ ޓީމުގެ ސިއްރަކީ ގާޑިއޯލާގެ ރަނގަޅު ނުފޫޒު ކަމަށެވެ.

"[އިނިގިރޭސި ގައުމީ ޓީމު ކޯޗް] ގެރެތު ސައުތުގޭޓް ދިޔަ ޕެޕް [ގާޑިއޯލާ] ގާތަށް އެ ސްޓައިލްގެ ފުޓްބޯޅަ ކުޅުވާގޮތް ދެނެގަންނަން." ޖުލައި މަހު ބީއިން ސްޕޯޓްސްއަށް ދިން އިންޓަވިއުގައި ސްކޯލްސް ބުނެފައި ވެއެވެ.

އޭނާ ބުނީ، އިނގިރޭސި ވިލާތުގައި އެންމެ ރަނގަޅު ފުޓްބޯޅައެއް ކުޅެނީ މެންޗެސްޓާ ސިޓީން ކަމަށެވެ.

މިއަދު ބްރައިޓޮން ހޯވް އެލެބިއޯންއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅޭ މެޗުގެ ކުރިން ނޫސްވެރިޔަކު އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ އިނގިރޭސި ފުޓްބޯޅަ ބަދަލު ކުރަން އޭނާ މަސައްކަތް ނުކުރާ ކަމަށެވެ.

"އަހަރެން މިތަނަށް [އިނގިރޭސި ވިލާތަށް] އައީ އެއްވެސް ކަމެއް ބަދަލު ކުރާކަށް ނޫން،" ނޫސްވެރިޔާ ސުވާލު ކުރުމުން ގާޑިއޯލާ ޖަވާބުގައި ބުންޏެވެ. "ދުނިޔޭގެ އެހެން ކޯޗުންވެސް މަސައްކަތް ކުރާހެން އަހަރެން މަސައްކަތް ކުރަނީ ރަނގަޅު ކޯޗަށް ވާން."