ކުޅިވަރު

ބަހަނާއަކަށް މޮރީނިއޯ ދެއްކީ ރެފްރީ އަދި ވީއޭއާރް

ވެސްޓްހަމް އަތުން 3-1 އިން ބަލިވީ ރެފްރީންގެ ގޯސް ނިމުންތަކާއި ވީޑިއޯ އެސިސްޓެންޓް ރެފްރީ 'ވީއޭއާރް' ޓެކްނޮލަޖީ ނެތުމުން ކަމަށް މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

ވެސްޓްހަމްގެ ފުރަތަމަ ލަނޑު މެޗުގެ ފަސް ވަނަ މިނެޓްގައި ފިލިޕޭ އެންޑަސަން ކާމިޔާބު ކުރީ ވެސްޓްހަމްގެ ޑިފެންޑަރު ޕެބެލޯ ޒަބެލްޓާ ތަނަވަސްކޮށްދިން ހުރަހަކުންނެވެ. މޮރީނިއޯ ބުނީ ވެސްޓްހަމްގެ އެ ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ލީގްކަޕުގައި ޑާބީ ކައުންޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ވީއޭއާރް ބޭނުން ކުރުމުން އެކަހަލަ ލަނޑެއް އެއީ އޮފްސައިޑް ލަނޑެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

"އެއީ އޮފްސައިޑް ގޯލެއް،" ވެސްޓްހަމްއިން ޖެހި ފުރަތަމަ ލަނޑަށް އިޝާރާތްކޮށް މޮރީނިއޯ ބުންޏެވެ. "މިދިޔަ އަންގާރަ ދުވަހު ހަމަ އެކަހަލަ ގޯލެއް ވީއޭއާރުން ވަނީ އެއީ ލަނޑެއް ނޫން ކަމަށް ކަނޑައަޅާފަ، އެކަމަކު މިތާނގަ ވީއޭއާރް ނެތް، އެހެންވީމަ ހަމަ ޔަގީން އެއީ ލައިސްމަންގެ މިސްޓޭކެއް."

ވެސްޓްހަމްގެ ދެ ވަނަ ލަނޑަކީ މެޗުގެ 43 ވަނަ މިނެޓްގައި، އެންޑްރީ ޔާމެލެންކޯ ފޮނުވާލި ބޯޅައެއް ޔުނައިޓަޑްގެ ޑިފެންޑަރު ވިކްޓާ ލިންޑްލޮފް ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

ވެސްޓްހަމްގެ ތިން ވަނަ ލަނޑު ޖެހުމުގެ ކުރިން އެ ޓީމުގެ ޒަބެލްޓާ، ޔުނައިޓަޑްގެ މާކަސް ރެޝްފާޑް އަށް ޗާޖު ކުރުމުން، ރަޝްފާޑަށް ބޯޅަ ގެއްލުނެވެ. ނަމަވެސް، މެޗުގެ ރެފްރީ މައިކަލް އޮލިވާ ނިންމީ ޖެހުމެއް ދޭން ޖެހޭ ވަރުގެ ކަމެއް ނުހިނގާ ކަމަށެވެ. އެކަމާ ބެހޭގޮތުންވެސް މޮރީނިއޯ ވަނީ ވާހަކަ ދައްކާފަ އެވެ.

"ލައިސްމަންގެ ބަދަލުގައި އެއީ ރެފްރީގެ މައްސަލައެއް، މާކަސް ރެޝްފާޑަށް ކުރީ ފައުލެއް، ޒަބެލްޓާގެ ނެތް ބޯޅައާ ކުޅުމުގެ މަގުސަދެއް، ހަމަ ކުޅުންތެރިޔާގެ ފަހަތުން ދަމާލީ،" މޮރީނިއޯ ވާހަކަ ދެއްކި އެވެ. "އަދި އޭގެ ފަހުން ތިން ވަނަ ގޯލުން މުޅި މެޗު ހަލާކުވެއްޖެ، ޓީމުގެ މެންޓަލިޓީ ހަލާކު ވެއްޖެ، އަހަރެމެން ލަނޑު ޖެހިފަހުން ކުޅުންތެރިން ތިބީ ރަނގަޅު މެންޓަލިޓީއެއްގައި ނަމަވެސް އޭގެ ފަހުން މެންޓަލިޓީ ގޯސްވީ."

ޔުނައިޓަޑްގެ ހަމައެކަނި ލަނޑު ލިންޑްލޮފް ނެގި ކޯނަރަކުން ތަނަވަސްވި ބޯޅައިން ކާމިޔާބު ކުރީ ރެޝްފާޑް އެވެ. އެއީ މެޗުގެ 71 ވަނަ މިނެޓް ގައެވެ. ވެސްޓްހަމްގެ ތިން ވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން މާކޯ އަނާޓޮވިޗް ކާމިޔާބު ކުރީ މާކު ނޯބަލް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.