ބޮލީވުޑް

ދި ސްކައި އިޒް ޕިންކްގައި ޕްރިޔަންކާގެ ހަތަރު ސިފައެއް

އަހަރުތަކަކަށްފަހު ޕްރިޔަންކާ ޗޯޕްރާ ފެނިގެންދާނެ ބޮލީވުޑް ފިލްމު، "ދި ސްކައި އިޒް ޕިންކް" ގެ މަސައްކަތައް މިހާރު ވަނީ ފަށާފަ އެވެ. ޕްރިޔަންކާ އެންމެފަހުން ބޮލީވުޑްގެ ފިލްމަކުން ފެނިގެންދިޔައީ މީގެ ތިން އަހަރުކުރިން، ސަންޖޭ ލީލާ ބަންސާލީގެ "ބަޖިރާއޯ މަސްތާނީ" އިންނެވެ.

"ދި ސްކައި އިޒް ޕިންކް" ގެ ޝޫޓިން މިހާރު ކުރިއަށްދާއިރު، އެ ފިލްމުގައި ޕްރިޔަންކާގެ ހަތަރު ސިފައެއް ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ މި ފިލްމުގައި 30 އަހަރުގެ ތެރޭގައި ހިނގައި ތަފާތު ކަންކަން ގެނެސްދޭތީ ކަމަށްވެ އެވެ.

ޕްރިޔަންކާއާއެކު މި ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދާނީ ފަރްހާން އަޚްތަރު އަދި ޒައިރާ ވަސީމް އެވެ.

މި ފިލްމަކީ ވާހަކަދެއްކުންތެރިއެއް އަދި ލިޔުންތެރިއެއް ކަމުގައިވާ އައިޝާ ޗައުދަރީގެ ހަޔާތައް ތައްޔާރުކުރާ ފިލްމެކެވެ. އައިޝާގެ އުމުރުން 13 އަހަރުގައި އޭނާއަށް ފުއްޕާމޭގެ ބައްޔެއް ކަމުގައިވާ ޕަލްމޮނަރީ ފައިބްރޯސިސް ޖެހުނެވެ. އެ ބަލީގައި އުފުލަންޖެހުނު ތަކުލީފުތައް ފޮތެއްގައި ލިޔެ އޭނާ ވަނީ ޝައިއުކޮށްފައި އެވެ.

މި ފިލްމުގައި ޕްރިޔަންކާ ކުޅޭނީ އައިޝާގެ މަންމަގެ ރޯލެވެ. އަދި އައިޝާގެ ރޯލު ކުޅޭނީ ޒައިރާ އެވެ. އައިޝާގެ ބައްޕަގެ ރޯލުން ފެނިގެންދަނީ ފަރްހާން އެވެ.

ސޮނާލީ ބޯސް ޑައިރެކްޓުކުރާ މި ފިލްމު ސިނަމާއަށް ގެންނާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.