(27 ސެޕްޓެމްބަރ 2018 އާ ގުޅޭ) -- "ވައި ޑިޑް ޔޫ ޑޫ ދެޓް ކީފާ؟... ކުރިން ވެސް އަހަރެން އައީ ބުނަމުން.... އައި އޭމް ސޮރީ ސްކާލެޓް، އަހަރެން ހުރިހާކަމެއް ހައްލުކުރާނަން، ދެން އިރާދަކުރެއްވިއްޔާ ނިމް ދެރަވާވަރުކަމެއް ދިމައެއްނުވާނެ، އަހަރެން އަބަދުވެސް ހުންނާނަން، އެނގޭ އަހަރެންގެ ޚަބަރެއް ނުވީމަ ހިތްހަމަނުޖެހިފަކަން ތި ހުރީ، އެކަމަކު އައި ކާންޓް އެކްސްޕްލެއިން އިޓް، ދޮގުތަކެއް ހަދާކަށް ބޭނުމެއްނޫން، ޕްލީޒް ޖަސްޓް ޓްރަސްޓް މީ" އަރްސަލް އިސްއުފުލާލީ އެލެވޭޓާގެ ދޮރު ހުޅުވުނު އަޑަށެވެ.
ގެއަށް ދިއުމުގެ ކުރީން ކާރުގައި އިނދެފައި އަރްސަލް ފޯނު ނަގައި ކީފާއަށް ގުޅިއެވެ. އޭރު އަދި ހޮޓެލްއާ މާދުރަކަށް އޭނާއަކަށް ނުދެވެއެވެ. ބްލޫޓޫތު އިއާޕީސް އަރްސަލްގެ ކަންފަތައް ޖަހާލިއިރު ކީފާ ފޯނުކޯލު ނަގައިފިއެވެ. ވަގުތުން ކީފާގެ ހާލު އަރްސަލް އޮޅުންފިލުވިއެވެ. ކައިގެންތޯ ހުރީއާއި އެއްވެސް އެހީތެރިކަމަކަށް ބޭނުންވޭތޯ އަރްސަލް އެހިއެވެ.
"އަހަރެން ބޭނުންވަނީ އެކަނިވެލަން" ކީފާ ބުންޏެވެ. އެގޮތް އަރްސަލްއަށް ކަމަކުނުދިޔައެވެ.
"އެކަމާ ދެން ނުވިސްނާ، އިންސާނަކަށްވީތީ ހެދުނު ގޯހެއްކަމުގައި ހީކޮށްލާ، އެންމެ ރަނގަޅުވާނީ ހުރިހާ ކަމެއްގެ މަތިން ދެން ހަނދާންނައްތާލީއާ، އެއީ ކީފާއަށް ވެސް އެންމެ ރަނގަޅުވާނޭ ގޮތް، ކީފާ އެދުނީތީ، މީހެއް ގާތު އަހަރެން އެ ވާހަކައެއް ނުދައްކާނަން، ހުރިހާ ކަމެއް ސިއްރުކޮށްދޭނަން، އެކަމަކު ދެވަނަ ފަހަރަށް ރޭގައި ވީ ކަހަލަ ކަމެއްވާތަން ދުށުމަކަށް އަހަރެން ނުހުންނާނަން" އަރްސަލްގެ ހިތުގައިވާ ގޮތަށް އޭނާ ހާމަކުރިއެވެ.
"ސޮރީ..." ކީފާ މަޑުމަޑުން ބުނެލިއެވެ.
"ކީފާ ސޮރީވާނަމަ ދެން ވެސް ވިސްނައިގެން އުޅެންވީ، ލާން ފްރޮމް ޔޯ މިސްޓޭކްސް" އަރްސަލް ބުނެލިއެވެ.
"އަރްސަލް، އާދެވިދާނެތަ؟ މިގަޑީގައި... އަހަރެން... އަހަރެންނާއެކު މަޑުކޮށްލަން" ކީފާގެ އަޑުގައިވި ޖެހިލުންވުން އަރްސަލްއަށް ނަގައިގަނެވުނެވެ.
"މިގަޑީގަ ދެވޭކަށްނެތް، އިރުއޮއްސެންވާއިރަށް ގެއަށް އަންނަން ބައްޕަ ބުނެފައި އޮތީމަ މިދަނީ ގެއާ ދިމާއަށް، އެކަމަކު ވަގުތެއް ހޯދައިގެން މިރޭ ދާނަން" އަރްސަލްގެ ވާހަކަ ހުރިގޮތުން ކީފާ ހިތްހަމަޖެހުނެވެ.
"ތޭންކްސް" ކީފާގެ ޝުކުރާއެކު އަރްސަލް ފޯނުކޯލު ކުރުކޮށްލީއެވެ. އޭނާ ފޯނުކޯލު ކަނޑާލައި މަގުމައްޗަށް ހުރިހާ ސަމާލުކަމެއް ހުއްޓާލިއެވެ.
* * * * *
އެންމެ ފަހުވަގުތާ ހަމައަށް ވެސް ނިމްރާ ކުރަމުން އައި އުންމީދު ކަނިވިޔަކަ ނުދިނެވެ. އެހެންނަމަވެސް ފޯނަށް އައި ވީޑިއޯއާއި އަރްސަލްގެ ފަރާތުން ފެނުނު ޖެހިލުންވުމާއި ބަސްމަދުކަން ނިމްރާގެ އުންމީދުތައް ވިއްސިވިހާލި ކޮށްލައިފިއެވެ. ލޯ ހުޅުވައިގެން ހުއްޓަސް ދެ ލޯ މަރާލިޔަސް ނިމްރާއަށް ސިފަވަނީ އަރްސަލްއާއެކު ކީފާއެވެ. ވީޑިއޯގައި ގެއެއްގެ ސިޓިންރޫމުގައި ކީފާއާއެކު އަރްސަލް ހުރިއިރު އޭނާގެ މޭގައި ކީފާ ގެނެސްވަނީ ފޮރުވާލެވިފައެވެ. ކީފާއާ ދުރަށް ޖެހިލައި ގިނައިރެއްނުވެ ފުރަގަސްދީގެން ހުރި އަރްސަލް ލައިގެން ހުރި ގަމީސް ބާލަން އުޅުމުން ކީފާ އިޝާރާތްކުރީ ސިޓިންރޫމުގައި ފެންނަން ހުރި ދޮރަކާ ދިމާއަށެވެ. އަރްސަލްގެ އަތުގައި ހިފައި ދަމާލުމާއެކު އޭނާގެ ހާމަވެފައި އޮތް ދެކޮނޑު ފޮރުވާލައި ގަމީސް ރަނގަޅުކޮށްލަމުން ކީފާއާއެކު ގޮސް އެ ކޮޓަރިއަށް އެ ދެ މީހުން އެކުގައި ވަނީއެވެ. އެ ހުރިހާ ކަމެއްގެ ތެރޭގައި ކީފާގެ މޫނު ރީތިކޮށް ފެންނަ ވަރެއްނުވިއެވެ. އެހެންނަމަވެސް އެއީ ކީފާކަން ބުނާކަށް ނިމްރާއަށް އުނދަގުލެއްނުވިއެވެ. މޫނުން ބައެއް ފެނުނަސް އެއީ ކީފާކަން ބުނަން ނިމްރާއަށް މިހާރު އެނގޭނެއެވެ. އެ ހަށިގަނޑުގެ ބައްޓަމާއި ލާއުޅޭ ހެދުމާއި ހަރަކާތްތައް ހުންނަ ގޮތް މާ ކުރީން ވެސް ނިމްރާއަށް ވަނީ ފާހަގަކުރެވެން ފަށާފައެވެ. ފެށުނީއްސުރެން އަރްސަލްއާއި ނިމްރާގެ ދެމެދަށް ވަންނަން ކީފާ މަސައްކަތްކުރާކަން ނިމްރާއަށް އެނގެއެވެ. އެކަން އޭނާ ކާމިޔާބުކުރީކަން އަރްސަލްގެ ޢަމަލުތައް ހުރި ގޮތުން ނިމްރާއަށް ޤަބޫލުކުރެވިއްޖެއެވެ.
ދޮރުފަތުގައި ލެނގިލައިގެން ހުރި ނިމްރާ ސިއްސައިގެން ދިޔައީ ގުގުރާލި އަޑަށެވެ. ބަނަ ވިލާތަކުން ދުނިޔެމަތި ބައްދާލައިފިކަން އެނގުނީ ދެނެވެ. ކުރިއަށް ނަގަނަގައި ހުރި ފިޔަވަޅު ހަމަނުކުރެވިގެން އުޅެނިކޮށް އަނެއްކާ ވެސް ގުގުރާލައިފިއެވެ. އަންނަން އުޅެނީ ވަރުގަދަ ތޫފާނެއްކަމުގެ ބިރު ނިމްރާގެ ހިތަށް ވަނެވެ. އިމާރާތުގެ އުސްކަމާއެކު ގުގުރާލައި އަޑު ވެސް އިވެނީ އެހާމެ ބާރަށެވެ. ނިމްރާ އަވަސް އަވަހަށް ބިއްލޫރިތައް ފަރުދާކޮށްފިއެވެ. ބޭރު ނުފެންނާނޭހެންނެވެ. އަދި ސޯފާގައި އިށީނދެ ދެފައި ނަގައި ކުޑަވެލައިގެން އިނެވެ.
* * * * *
ބޯކޮށް ވާރޭ ވެހެމުންދިޔައެއް ކަމަކު ރޭގަނޑުގެ ކެއުމަށްފަހު އަރްސަލް ގެއިން ނުކުތީ ކާރުގައެވެ. ރާދިން ގެންގޮސް ޝިހާނާމެންގެއަށް ލައިދޭން އޭނާ އެދުމުން އަރްސަލް އެކަން ކޮށްދިނެވެ. ކައިވެނި ޙަފުލާއަށް ތައްޔާރުވާން ޖެހިފައި އޮތް އިރު އެކަމާ މަޝްވަރާކުރަން ނިމްރާ ގެއަށް ގެންނަން ވެސް ބިލާލު ވަނީ އެދިފައެވެ. ނިމްރާގެ މައިންބަފައިން ނެތްއިރު ކައިވެނި ޙަފުލާއަށް ތައްޔާރުވުމުގައި އޭނާއަށް އެހީވާން ޝަރުމީނު ބޭނުންވެ އެކަން އަރްސަލްއަށް ހާމަކުރިއެވެ. އެ ހުރިހާ ކަމަކާ ނިމްރާއާ މަޝްވަރާކުރަން އަރްސަލް ހުރީ ނިންމައިގެންނެވެ. ނަމަވެސް އޭނާ ހޮޓެލާ ހަމައަށް ނުފޯރަނީސް ކީފާ ގުޅައިފިއެވެ. އޭނާގެ ގާތުގައި ވަގުތެއް ހޯދައިގެން ދާނަމޭ ބުނި ހަނދާން އަރްސަލް ވީ ދެނެވެ. އެހެންވެ އޭނާ ގަސްދުކުރީ ފުރަތަމަ ކީފާގެ ގާތަށް ދާށެވެ. ނިމްރާގެ ގާތަށް ދިއުމަށް ވަކިވަގުތެއް އޭނާއަށް ނޯންނާނޭކަން އަރްސަލް ޤަބޫލުކުރެއެވެ. ހަމައެއާއެކު ނިމްރާ ވެސް ޝަކުވާނުކުރާނޭކަން އެނގެއެވެ. ކާރުގެ މިސްރާބު އަރްސަލް ބަދަލުކޮށްލީ ހުޅުމާލެއަށެވެ. ކީފާގެ ގާތަށް ދާށެވެ.
ނުވައެއް ނުޖަހަނީސް ކީފާއާއި އޭނާގެ ބައްޕަ އުޅޭ އެޕާޓްމެންޓާ ހަމައަށް އަރްސަލް އަރައި ބެލް އަޅާލިއެވެ. އެއާއެކު ދޮރުހުޅުވީ ކީފާގެ ބައްޕައެވެ. އަރްސަލް ފެނުމުން ހިނިތުންވުމެއް ބަދަލުކޮށްލާ ސަލާމްކޮށްލިއެވެ. ހާލު އޮޅުންފިލުވާލުމަށްފަހު ކީފާ ކޮޓަރީގައި އެބައުޅޭކަމުގައި ބުންޏެވެ. އެތެރެއަށް ވަދެގެން ގޮސް ގޮވާލުމުގެ ހުއްދަ ވެސް ކީފާގެ ބައްޕަ ދިނެވެ. އެހެންވެ އަރްސަލް އައިސް ކީފާގެ ކޮޓަރީގައި ޓަކިދިނެވެ.
"އަރްސަލް... ތި އައީ ދޯ" ކީފާ ހިނިތުންވެލިއެވެ. އަދި ކޮޓަރީގެ ދޮރު ތަންކޮޅެއް ބޮޑަށް ހުޅުވާލައި އެތެރެއަށް ވަންނަން އަރްސަލްގެ ގާތުން އެދުނެވެ.
"ބައްޕަ އޭނދީ ސިޓިންރޫމުގައި، ކޮޓަރިނޫންތަނެއްގައި މަޑުކޮށްލަންވީނު" އަރްސަލް ވާހަކަދެއްކީ ވަރަށް މަޑުންނެވެ.
"ބެލްކަނި އޯކޭތަ؟" ކީފާ އިޝާރާތާއެކު ބުނެލިއެވެ. އަރްސަލް ބޯޖަހާލުމުން އޭނާގެ ކުރިއަށް ނުކުމެ ކީފާ ބެލްކަންޏާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު ކީފާގެ ބައްޕަ އަރްސަލްއަށް އެއްޗެއް ދީފައި ނޫނީ ފޮނުވާނުލާން ބުނެލިއެވެ.
"ކޯއްޗެއް ގެނެސްދޭންވީ؟ މިހާއިރު އަންނާނީ ކައިގެންކަން އެނގޭ... ޑްރިންކެއް ގެނެސްދެންތަ؟ ކޯކް ވެސް އެބަހުރި، ކޮފީ ވެސް ހުންނާނެ" ބެލްކަންޏަށް ނުކުމެވުމާއެކު ކީފާ އަހާލިއެވެ.
"އެއްވެސް އެއްޗެއް ބޭނުމެއްނޫން، އަހަރެން ވަރަށް ފުލް... ތޭންކްސް" އަރްސަލް ބުނެލިއެވެ.
"ތޭންކްސް އިނގޭ އައިސްދިނީމަ، ރޭގަ ވެސް އަރްސަލްއަށް އެހާވަރުން ގުޅުނީ އަހަންނަށް ކަމެއްދިމާވާ ވަގުތެއްގައި އައި ކޭން ކައުންޓް އޮން ޔޫ ކަން އެނގޭތީ" އަރްސަލްގެ ގާތުގައި ބެލްކަނީގެ ރެއިލިންގައި ހިފަހައްޓާލައިގެން ހުރެ ކީފާ ވާހަކަދެއްކިއެވެ.
"މިޢުވާނު ކޮބާ؟" އަރްސަލް ކުރި ސުވާލުން ކީފާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ.
"ނޭނގެ، އަދި ޚަބަރެއްނުވޭ... އޭނާގެ ފޯނަކަށް ވެސް ނުގުޅޭ" ކީފާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ.
ކީފާއާއި ވާހަކަދައްކަން އަރްސަލް މަޑުކޮށްލައިގެން ހުރިއިރު އޭނާ ދޭތެރެއަކުން ކީފާގެ މޫނަށް ވަރަށް ރަނގަޅަށް ބަލާލައެވެ. ކަމެއް ދެނެގަންނަން އުޅޭ ކަހަލައެވެ.
"ދެން ނުވާނެ އޭނާއާ ވާހަކަދައްކައިގެން، ތި ދެމެދުގައި އޮތް ގުޅުން ރަނގަޅުނޫންކަން މިހާރު ކީފާއަށް ވިސްނެންވެއްޖެ" އަރްސަލް އިރުކޮޅަކު ހުރެފައި ބުނެލިއެވެ. ކީފާ އެއްވެސް އެއްޗެއް ރައްދުގައި ނުބުންޏެވެ.
އަރްސަލްއާއެކު ކުޑަކުޑަ ވަގުތުކޮޅެއް ހޭދަކޮށްލެވުމަކީ ވެސް ކީފާއަށް ބަޔާންކުރަން ނޭނގޭހާ ހިތްހަމަޖެހުން ލިބޭ އުފާވެރި ވަގުތުކޮޅެކެވެ. އެހެންވެ އެ ބައްދަލުވުން އެހާ އަވަހަށް ނިންމާލާކަށް ކީފާ ބޭނުމެއްނޫނެވެ. އަރްސަލް ގަޑިއަށް ބަލާކަން އެނގިހުރެ ވެސް އެކަން ފާހަގަނުވާކަމަށް ކީފާ ހެދުނެވެ. ގަޑިއެއްގެ އިރު ވުމުން އަރްސަލް ބެލްކަނީގެ ރެއިލިންގް އިން އަތްނަގައި ހަށިގަނޑު ސީދާކޮށްލައި ކީފާއާ ކުރިމަތިލިއެވެ.
"އައި ހޭވް ޓު ގޯ... ނިމް ހުންނާނީ އަހަރެން އަންނާނެކަމަށް މަޑުކޮށްގެން، މެރީކުރަން ޑޭޓް ފިކްސްކޮށްފައި އޮތްއިރު އަދި ބައިވަރު ކަންކަން ނިންމަން އެބަހުރި" އަރްސަލް ހަޤީޤަތް ހާމަކުރިއެވެ. އެއްވެސް އަސަރެއް ފާޅުނުކޮށް ހިމޭންވެފައި ކީފާ ހުރެފައި ކުއްލިއަކަށް އަރްސަލްގެ ގައިގާ ބައްދާލިއެވެ.
"ކީފާ، ޔޫ ޝުޑުންޓް ޑޫ ދެޓް، އައި ކާންޓް ކޮމްފޯޓް ޔޫ ލައިކް ދެޓް، އެކަން އެނގެއެއްނު.... އައި އޭމް ހިއާ އޭޒް އަ ފްރެންޑް، ޔޫ ޓޭކް ކެއާ... ގުޑްނައިޓް" މަޑުމަޑުން ކީފާގެ ދެކޮނޑުގައި ހިފައި ގަޔާ ދުރަށް ލަމުން އަރްސަލް ބުނެލިއެވެ.
"މަޑުކޮށްނުލެވޭނެތަ؟ ފްރެންޑްސް... އެކަމަކު މެރިއޭޖްގައި އަހަރެން ބައިވެރިއެއް ނުކުރަމެންނު" އަރްސަލްގެ ކަނާއަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ހުރެ ކީފާ ބުންޏެވެ.
"މިޢުވާނާ ދުރަށްނުދާހާ ހިނދަކު އަހަންނަށް ހުއްދައެއްނުދެވޭނެ، ނިމްރާގެ ހިތްހަމަޖެހުން އަހަންނަށް އެއްވެސް ކަމަކަށްވުރެ ވެސް މުހިންމު، ޝީ އިޒް މައި ފިއުޗަރ، ޝީ އިޒް މައި އެވްރިތިންގް، ސޮރީ... އައި ހޭވް ޓު ގޯ" އަރްސަލްގެ އަތުން ކީފާގެ އަތް ދުރަށްލިއެވެ. އަދި ކީފާ އުޅޭ އެޕާޓްމެންޓުން ނުކުންނަން އައެވެ.
ސްކާލެޓް ގޮމަ ހޮޓެލްގެ ޕްރައިވެޓް އެލެވޭޓާ ހުއްޓި ދެފަރާތަށް ދޮރު ހުޅުވުމާއެކު އަރްސަލް ނުކުތެވެ. މަޑު ހިނގުމުގައި އައިސް ޕެންޓް ހައުސް އެޕާޓްމެންޓުގެ ދޮރުގައިވާ ލޮކްކޯޑު ޖަހައި ހުޅުވާލިއެވެ. އެތެރެއަށް ވަކި ވަރަކަށް ވަދެވުނު ވަގުތު ސޯފާގައި ޒިވަން އިންތަން ފެނުމުން އަރްސަލްއަށް ލިބުނީ ހައިރާންކަމެވެ. ސޯފާގެ އަނެއްކޮޅުގައި އިން ނިމްރާއަށް އަރްސަލް ބަލާލިއެވެ. އޭނާ އިނީ ފޯނަށް ސަމާލުކަން ދީގެންނެވެ. އެހެން އިނދެފައި ފޫހި ގޮތަކަށް ކޮފީ މޭޒުމަތީ ފޯނު ބާއްވައިފިއެވެ.
"އަރްސަލް" ޒިވަން ގޮވާލިއެވެ.
"ޒޭވިއާ... މިއޮއްވިއްސާރަ ރޭގައި މި އެޕާޓްމެންޓުގައި ކީއްކުރަނީ" އަރްސަލް އައިސް ޒިވަންއާއި ނިމްރާއާ ދެ މީހުންގެ މެދުގައި އިށީނެވެ. އަދި ނިމްރާއާ ގާތަށް ޖެހިލިއެވެ.
"ނިމް ކާން ހެދީ ކޯޗެއްތޯ ބަލަން އައީ، އެ އައި ގޮތަށް މަޑުކޮށްލެވުނީ... އަނެއްހެން ކަމެއް ވެސް މިރޭ ނެތީމަ" ރިމޯޓު އަތަށް ލައިގެން އިނދެ ޒިވަން ވާހަކަދެއްކިއެވެ.
"ހޭ ބޭބީ... ފޯނުދެކެ ފޫހިވީތަ؟ އާ ފޯނެއް ގެނެސްދެންތަ؟" އަރްސަލް ހިނިތުންވެލައި ނިމްރާގެ އިސްތަށިގަނޑާ ކުޅެލިއެވެ. އަދި ކަރުދޮށުގައި ބޮސްދޭން އުޅޭން ފެށުމުން ނިކަން އަވަހަށް ނިމްރާ ދުރުވެލައި އަރްސަލްގެ މޭގައި އަތްއަޅައި ކޮށްޕާލިއެވެ.
"ކޮންތާކުން ތިއައީ؟" ފޯނަށް ބަލާލައިފައި ކިރިޔާ އަރްސަލްއަށް އިވޭ ވަރަށް ނިމްރާ އަހާލިއެވެ.
"ކިހިނެއްވީ؟" އަރްސަލް ވެސް ކުރީ ސުވާލެކެވެ.
"ގެއިންތަ ތިއައީ" ނިމްރާ އަހާލިއެވެ. އެއާއެކު އަރްސަލް އިރުކޮޅަކު އޭނާއަށް ބަލަން އިނދެފައި ހޫން ލައްވާލިއެވެ. އިތުރަށް ނިމްރާ ވާހަކަނުދައްކާ ޓީވީއަށް ނަޒަރު ސީދާކޮށްލީއެވެ. އޭނާއަށް ބަލަން އިނދެފައި އަރްސަލް ސޯފާއިން ތެދުވީ ނިމްރާގެ އަތުގައި ހިފައިގެންނެވެ.
"ކޮންތާކަށް؟" ނިމްރާ ވަގުތުން ސުވާލުކުރިއެވެ.
"ކޮޓަރިއަށް... ހިނގާބަލަ..." އަރްސަލް ބުނެލިއެވެ.
"އޭތް! މަ މިތާ އިންދަ ދެ މީހުން ކޮޓަރިއަށް ދަނީ ކީއްކުރަން" ޒިވަން ބުނެލިއެވެ.
"އެއީ ތެދެއް... ޒިވަން އިނަސް އަރްސަލްއަށް ވާހަކަދެއްކިދާނެއެއްނު" ނިކަން އަވަހަށް އަރްސަލްގެ އަތުން އަތްދަމައިގަންނަމުން ނިމްރާ އައިސް ސޯފާގައި އިށީނެވެ. އެއާއެކު އަރްސަލް ލޯ އަޅާލީ ޒިވަންއަށެވެ. އަދި ބޮލުން އިޝާރާތްކޮށްލީ އެތަނުން ދާށޭ ބުނާ ފަދައަކުންނެވެ. ނަމަވެސް ޒިވަން ޖަހާލީ ބާރު ހިނިގަނޑެކެވެ.
"އިޓްސް ހާ ޗޮއިސް، ވައި ޝުޑް އައި ލީވް" ޒިވަން ހެމުން ބުނެލިއެވެ.
އަރްސަލް އައިސް ނިމްރާގެ ގާތުގައި އިށީނެވެ. އޭނާ ކައިވެނީގެ ވާހަކަ ފެށިއެވެ. ކައިވެނި ޙަފުލައި ބިލާލުއާއި ޝަރުމީނު ރާވާފައި އޮތް ގޮތް ނިމްރާއަށް އަރްސަލް އޮޅުން ފިލުވައިދިނެވެ. ނިމްރާގެ ޚިޔާލު އެ މީހުން ބޭނުންވާކަމާއި އެހެންވެ އަރްސަލްމެން ގެއަށް ނިމްރާ ދާންޖެހޭނޭކަން އަރްސަލް ބުންޏެވެ. ނިމްރާ އެއިން އެއްވެސް ކަމަކާ ޝައުގުވެރިނުވާހެން އަރްސަލްއަށް ހީވިއެވެ. ކައިވެންޏާ މެދު ނިމްރާގެ ޚިޔާލެއް ފާޅުނުކުރާތީއެވެ. ނިމްރާ އެދޭ ގޮތެއް އޭނާ ބޭނުންވާކަމެއް ހާމައެއްނުކުރެއެވެ. އަނެއްކޮޅުން ޒިވަން އިނުމުން އަރްސަލް ބޭނުންހާ ގޮތަކަށް ނިމްރާއާ މެދު ޢަމަލުތަކެއް ނުބުހެއްޓެއެވެ. ނިމްރާ ވެސް ޒިވަން ފޮނުވާލުމުގެ ބަދަލުގައި އޭނާ މަޑުކުރަން ބާރުދޭތީ އެކަމާ ވެސް އަރްސަލް ހައިރާންވިއެވެ. ލޯބިން ސަމާސާއެއް ކޮށްލަން އަރްސަލް ބޭނުންވިޔަސް ނިމްރާ އެކަމަކުން އަވަހަށް މަނާވެގަނެވެ.
"މާދަމާ ވަގުތެއް ހަމަޖައްސާފައި އަރްސަލް ބުނޭ، އަހަރެން ރެޑީވެގެން ހުންނާނަން... މިހާރު ވަރަށް ލަސްވެއްޖެ، ޒިވަންއާ ދެ މީހުން ދެން ގެއަށްދާން އަހަންނަށް ފެންނަނީ، އަހަރެން ވެސް ނިދަން މިދަނީ" ނިމްރާ ބުނެލިއެވެ. އަދި ސޯފާއިން ތެދުވިއެވެ.
"ޔޫގެ ސްކާލެޓް އެ އެންގީ އަހަރެމެންނަށް ނުކުންނަން، ދެން މި ޖެހުނީ ދާކައްނު" ސޯފާގައި އިނދެފައި އުޅާހަށް ދެމިލާ ފަދައިން ހަތަރެސްފައި ދަމާލަމުން ޒިވަން ބުނެލިއެވެ. އަދި އޭނާ ތެދުވަމުން އަރްސަލްގެ ކޮނޑުގައި ޖަހާލިއެވެ. އަރްސަލް ވަކި އެއްޗެއް ނުބުނެ ތެދުވީއެވެ. ޒިވަންއާއެކު ދޮރާ ދިމާއަށް ހިނގައިގަނެފައި ވެސް އަރްސަލް ހުއްޓުނީ އެ މީހުންގެ ފަހަތުން ނިމްރާ ނާންނަކަން އެނގިގެންނެވެ.
"ދޮރާ ހަމައަށް ނާންނާނަންތަ؟" އަރްސަލް ބުނެލިއެވެ. ނިމްރާ ހިނގައިގަތީ ދެނެވެ. އަރްސަލްގެ ފަހަތުން ނިމްރާ އައެވެ. ޒިވަން ނުކުތުމުން އަރްސަލް ކުއްލިއަކަށް ދޮރުލައްޕާލައި ނިމްރާ ގެނެސް ދޮރުފަތުގައި ޖައްސާލިއެވެ. ނުވިސްނާ ހުރި ނިމްރާއަށް ހަރަކާތެއްނުކުރެވިގެން އުޅެނިކޮށް އަރްސަލްގެ ނޭވާގެ ހޫނުކަން އިޚްސާސް ކުރެވުނެވެ.
"ގުޑްނައިޓް މައި ސްކާލެޓް" ދުރަށް ޖެހިލައި އަރްސަލް ބުނެލިއެވެ. ލިބުނު ކާމިޔާބުން އޭނާގެ ތުންފަތަށް ވަނީ ހިނިތުންވުމެއް ވެރިވެފައެވެ. ދޮރުހުޅުވާލައި ނުކުމެގެން ދިއުމުގެ ކުރީން ނިމްރާއަށް ބަލާލައި އެއްލޯ މަރާލިއެވެ. އަދި ލުއިގޮތަށް ހީނލިއެވެ. އަރްސަލްގެ ގިރުވާނުގައި ފަހަތުން ހިފައި ޒިވަން ދަމާލީ އެވަގުތުއެވެ. އަދި އޭނާ ގޮވައިގެން ހުޅުވުނު އެލެވޭޓާގެ ތެރެއަށް ޒިވަން ވަނެވެ.
* * * * *
ދެ ދުވަސް ހޭދަވެގެން ދިޔައިރު ކައިވެނީގެ ކަންކަމުގައި ކުރަންޖެހޭ ހުރިހާކަމެއްގައި ނިމްރާ ބައިވެރިވަމުންދިޔައެވެ. މީހުންގެ ތެރޭ ހިނިތުންވެއެވެ. ނަމަވެސް އޭނާގެ ނަފްސު އައީ މަޑުމަޑުން ހިމޭންވަމުންނެވެ. ކައިވެނިކުރެވެން އުޅޭއިރު ވާން އުޅޭ ފިރިމީހާގެ މައްޗަށް ނިމްރާގެ ހިތުގައިވަނީ ޝައްކެވެ. އަނެއްކޮޅުން ނިމްރާގެ ހަޔާތުގެ ހުރިހާ ހަޤީޤަތެއް އޭނާ އަރްސަލްއަށް ހާމަކޮށްފައެއްނުވެއެވެ. ކައިވެންޏަކީ ދޮގާއި އޮޅުވާލުމުގެ މައްޗަށް ކުރެވޭނޭ ގުޅުމެއްނޫނެވެ.
"ދަރިފުޅު ކީއްވެތަ އެއްވެސް ކަމަކަށް ބަހެއް ނުކިޔަނީ؟ އާނާއާއި ރާދުގެ ކައިވެންޏަށް އާނާ ވަރަށް ގޮތްކިޔައިފި" ސްޓަޑީގައި ހުރި ދިގު ވަށް މޭޒުގެ ދޮށުގައި ޚިޔާލަކަށް ގެއްލިފައި އެކަނިމާ އެކަނި އިން ނިމްރާ ފެނުމުން ބިލާލު އައިސް އޭނާގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އޭރު މޭޒުމަތީގައި ކައިވެނި ކާޑުގެ ސާމްޕަލްތަކައި ކައިވެނި ޙަފުލާ ބާއްވާނޭ ތަންތަނުގެ ޕްރިންޓުތައް ހުއްޓެވެ. ނިމްރާއާ އެންމެ ކައިރީގައި ކައިވެނި ހެދުންތަކުގެ ތަފާތު ފަރުމާތަކުގެ ކަރުދާސްތައް ހުއްޓެވެ. ނަމަވެސް އޭނާގެ ސަމާލުކަން އެއިން އެއްވެސް ކަމަކަށް ނުވާކަން ބިލާލަށް އެނގުނެވެ.
"އަރްސަލްއާއި ބައްޕަމެންނަށް ކަމުދާ ކޮންމެ ގޮތެއް އަޅުގަނޑަށް ރަނގަޅުވާނެ" ނިމްރާ ހިނިތުންވުމެއް ދެމުން ބުނެލިއެވެ.
"ބައްޕަ ބޭނުންވަނީ ނިމް ވެސް ބޭނުންވާ ގޮތަށް މިކައިވެނި ކުރިއަށްދާން" ބިލާލު ބުންޏެވެ.
"އަޅުގަނޑަށް އޯކޭ މިހާތަނަށް ރާވާފައި އޮތް ގޮތް" ނިމްރާ ޔަގީންކަން ދިނެވެ.
"ބައްޕަ ވާހަކައެއް އަހާލަންތަ؟" އިރުކޮޅަކު އިނދެފައި ބިލާލު ސުވާލުކޮށްލިއެވެ. ޖެހިލުންވެފައި އިނދެ ވެސް ނިމްރާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
"ބައްޕަގެ އަރްސަލްއާ ނިމްރާ ދިމާވީ ކިހިނެއް؟ ހަލަފްގެ ފަރާތުން އެނގުނު އަރްސަލްއާއި ރާދިންއާއެކު ހުޅުމާލޭގައި ހުރި ގޭގައި ނިމް ވެސް އުޅުނުކަން... ނިމްރާއާ ބެހޭގޮތުން އަރްސަލް މާ ގިނަ ވާހަކައެއްނުދައްކާ، އެކަމަކު ބައްޕައަށް އެނގޭ ތި ދެކުދީންނަށް އެކަކުއަނެކަކު ވަރަށް ކަމުދާކަން، މި ކައިވެންޏަށް ބައްޕަ ޤަބޫލު، ބައްޕަގެ ރުހުން ވޭ ނިމްރާއާއެކު... ފަހަރެއްގައި ވެސް މީ ނިމްރާއާ މެދު ހިތުގައި އެއްޗެއް އޮވެގެން ދައްކާ ވާހަކައެއްނޫން އިނގޭ، އަރްސަލްއަށް ނިމްރާއަކީ ވަރަށް ޚާއްޞަކުއްޖެއްކަން އެނގޭ އޭނާ އުޅޭގޮތުން، އެކަމަކު ބައްޕަ ގާތުގައި ނިމްރާއާ ބެހޭގޮތުން އެއްވެސް އެއްޗެކޭ ނުކިޔާ، އެހެންވެ އެނގެން ބޭނުންވަނީ ތި ދެކުދީން ދިމާވި ގޮތެއް، ނިމްރާއަށް ޖެހުނުފަހުންހެން ހީވަނީ އަރްސަލްއަށް ބޮޑެތި ބަދަލުތަކެއް އައީ" ބިލާލު ކުޑަކޮށް ހިނިއައިސްފައި އިނދެ ބުނެލިއެވެ.
"އަރްސަލް އެއްވެސް ވާހަކައެއް ކިޔައިނުދޭތަ؟ އަޅުގަނޑާއި އަރްސަލް ބައްދަލުވި ގޮތާއި އަޅުގަނޑު އަރްސަލްގެ ދިރިއުޅުމަށް އަންނަން ޖެހުނީ ކީއްވެކަން ނުބުނޭތަ؟" ނިމްރާގެ މޫނުގައިވި ހައިރާންކަން ބިލާލަށް ވެސް ފާހަގަވިއެވެ.
"އެއްވެސް ވާހަކައެއް ނުބުނޭ" ބިލާލު މަޑުމަޑުން ބުނެލިއެވެ. އެހިނދު ނިމްރާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"އަރްސަލް ނުބުނާނަމަ އަޅުގަނޑު އެ ވާހަކަތައް ދެއްކުމުގެ މާނައެއްނެތް، ބައްޕަ ސުވާލުކުރަންވީ އަރްސަލްއާ" ނިމްރާ ބުނެލިއެވެ. އަދި ގިނައިރެއްނުވެ އޭނާ އިންތަނުން ތެދުވިއެވެ. ހެދުން ފަރުމާކުރާ މީހާއާ ބައްދަލުކުރަން ދާން ބުނެފައި އޮތްކަން ހަނދާންވީކަމުގައި ބުނެ ދިއުމުގެ ހުއްދައަކަށް ބިލާލުގެ ގާތުން އެދުނެވެ.
"އަރްސަލް ވެއްޖެ ރާދިންގެ ކޮޓަރީގައި" ނިމްރާ ނުކުންނަން ދަނިކޮށް ބިލާލު ބުނެލިއެވެ.
ނިމްރާ ނުކުމެގެން ދިޔަކަމެއް އެކަކަށް ވެސް ނޭނގެއެވެ. ބަދިގޭގައި އުޅުނު ޝަރުމީނުގެ ގާތަށް ބިލާލު އައިސް މަޑުކޮށްލައިގެން އިނީ ވާހަކައިގައެވެ. އެވަގުތު އެތަނަށް އަރްސަލްއާއި ރާދިން އައިސް ވަނެވެ.
"ކޮބާ ނިމް" އަރްސަލް އަހާލީ ބިލާލުއާއި ޝަރުމީނަށް ބަލާލަމުންނެވެ.
"ދަރިފުޅު ގާތަށް ނުދޭތަ؟ ހެދުން ފަހާ މީހާ ގާތަށް ދާންވެފައޭ އޮތީ ކިޔާފައި ސްޓަޑީއިން ނުކުތީ، ބައްޕަ ބުނިން ރާދިންގެ ކޮޓަރީގައޭ އަރްސަލް ވީ، ބައްޕަ ހީކޮށްގެން މި ހުރީ ދެ ކުދީން ދިޔައީއޭ" ބިލާލު ބުނެލިއެވެ. އަރްސަލް އެންމެ ސިކުންތަކަށް ވެސް އެތަނުގައި މަޑެއް ނުކުރިއެވެ. ނިމްރާގެ ފޯނަށް ޑައިލް ކުރަމުން ކާރަށް އަރަން ދިޔައެވެ.
* * * * *
އެކަނިމާއެކަނި ހިނގަމުން އައި ނިމްރާގެ ސިކުނޑީގައިވީ ކީފާ ފޮނުވި ފޮޓޯއެވެ. އަތުގައިވާ އަނގޮއްޓިއާއެކު ނަގާފައި ފޮޓޯއާއެކު ލިޔެފައިވާ މެސެޖެވެ. އެ މެސެޖުގައި އޮތީ އަރްސަލްއާއި ވަކިވާންޖެހޭ ދުވަސް ކައިރިވެއްޖެކަމުގައެވެ. ނިމްރާގެ ބޭނުން އަރްސަލްއަށް ކެނޑިއްޖެކަމެވެ. ލަދެއްގައި ނުބެދެނީސް އަމިއްލައަށް ކައިވެނިން ބޯދަމައިގަނެ އަރްސަލްއާ ދުރަށްދާން ކީފާ ބުނެފައި އޮތެވެ. އެކަމުގެ އިތުރުން ނިމްރާއަށް ވިސްނެމުންދިޔައީ ބިލާލު ދެއްކި ވާހަކައާ މެދުއެވެ. އަރްސަލް ބުނެފައިވަނީ ބިލާލުއަށް ހުރިހާކަމެއް އެނގޭނެކަމަށެވެ. ނިމްރާ ހުރީ އެކަން އެގޮތަށް ޤަބޫލުކޮށްގެންނެވެ. ނަމަވެސް ނިމްރާގެ ހަޤީޤަތް ބިލާލުއަށް ނޭނގޭކަން އޭނާގެ ވާހަކަތަކުން ނިމްރާއަށް ޔަގީންވެއްޖެއެވެ. ކައިވެންޏަށް ފަހު ނިމްރާގެ ހަޤީޤަތް އެނގޭކަން ޚުދު އޭނާ ވެސް ބޭނުމެއްނޫނެވެ. އޭގެ ކުރީން ހުރިހާ ކަމެއް ޢާއިލާއަށް އޮޅުންފިލުވައިދޭން އަރްސަލްގެ ގާތުގައި ނިމްރާ އެދުނީ އެހެންވެއެވެ. ލޫންގެ މަރާއި އޭނާއާ ގުޅިފައިވާވަރު ފަހުން އެނގުމުން ބިލާލު ރުހުންދީފާނެކަމާ މެދު ނިމްރާ ސުވާލު އުފެދެއެވެ. ހުރިހާކަމެއް ގުޅިފައިވަނީ އަރްސަލްއާއެވެ. އެ ހުރިހާ ކަމަކާމެދު ވިސްނަމުންދިޔަ ވަރަކަށް ނިމްރާގެ ސިކުނޑީގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ.
ރިއްސަމުންދިޔަ ބޮލުގައި ނިމްރާ މަޑުމަޑުން ފިރުމާލިއެވެ. އަދި ހިނގަމުންދިޔަ މަގަށް ބަލާލައިފައި އުޑުމައްޗަށް ބަލާލިއެވެ. ބަނަކޮށް އުޑުމަތި އޮތްއިރު އާދައިގެ ވަރަށްވުރެ ވައިބާރުވެފައި ވެއެވެ. ނިމްރާގެ ވިސްނުމުގައި ހުރީ މީހަކަށް އުނދަގުލެއް ކުރުމެއްނެތި ހޮޓެލަށް ދާށެވެ. ނަމަވެސް އެކަން ކަމިޔާބުނުވީ އަރިއަށް އަޅާލައިފައި އޮތް ދިގު ވާގަނޑުލީ އަތްދަބަހުގެ ތެރެއިން ފޯނު ރިންގުވާ އަޑު އިވުނީމައެވެ.
"ކޮންތާކު؟" ގުޅަނީ އަރްސަލްކަން އެނގި ފޯނުކޯލު ނެގި ހިނދު އޭނާ ފުރަތަމަ ވެސް ކުރީ ސުވާލެވެ.
"މި ދަނީ ހޮޓެލަށް" ނިމްރާ ބުނެލިއެވެ.
"އަހަރެން ނާހަމެންނު ދަނީ ކޮންތާކައްތޯ، ތި ހުރި ތަނެއް ބުނާށޭ މިބުނީ" އަރްސަލްގެ އަޑުގަވަނީ ހަރުކަށިކަމެވެ. ނިމްރާ ދެވަނަ ފަހަރަށް މަގަށް ބަލާލުމަށްފަހު އަރްސަލްއަށް އޭނާ ހުރި ހިސާބު ކިޔައިދިނެވެ.
"ތި ހުރިތާ މަޑުކުރޭ، އަހަރެން މިދަނީ" އަރްސަލް މިހެން ބުނުމާއެކު ކޯލު ކަނޑާލައިފިއެވެ. ކަންބޮޑުވެފައި ނިމްރާ ދުވާރުމަތީ މަޑުކޮށްލީއެވެ. ދަބަހުގައި ހިފަހައްޓާލައިގެން އިސްޖެހިފައި ހުއްޓާ މަގުގެ އަނެއްފަރާތުން ނިމްރާގެ ކުރިމަތިން މީހަކު ގޮވާލިހެން ހީވެގެން އިސްއުފުލައި ބަލާލިއެވެ. (ނުނިމޭ)