ބަޔާން މިއުނިކް

ބަޔާން ބަލިވެ މަގާމު ގެއްލިއްޖެ، ޑޯޓަމުންޑް އެކަކަށް

ޖަރުމަންގެ ބުންޑެސް ލީގާގައި ހާތާ ބާލިން އަތުން 2-0 ގެ ނަތީޖާއަކުން ބަޔާން މިޔުނިކު ބަލިވެ އެޓީމަށް އެއް ވަނަ މާގާމު ގެއްލިއްޖެ އެވެ.

މިއީ ސީޒަންގައި ބަޔާން ބަލިވި ފުރަތަމަ މެޗެވެ. އަމިއްލަ ދަނޑުގައި ކުޅުނު ބާލިން އިން މެޗުގެ ފުތަތަމަ ލަނޑު ކާމިޔާބު ކުރީ ޕެނަލްޓީ އަކުންނެވެ. މެޗުގެ 23 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ ކާމިޔާބު ކުރީ ވެޑާޑް އައިބަ ސެވިކް އެވެ. ބާލިންގެ ދެ ވަނަ ލަނޑު 41 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރިކާޑޯ އޯ ޑޫޑާ އެވެ.

ބަޔާން ބަލިވުމުގެ ފައިދާ ނެގީ ވާދަވެރި ބުރޫޝިއާ ޑޯޓަމުންޑުންނެވެ. ބަޔާން ލެވަކޫސަން އާދެކޮޅަށް ޑޯޓަމުންޑް ކުޅުނު މެޗު ފަހަތުން އަރައި ކާމިޔާބު ކުރީ 4-2 އިންނެވެ.

ލެވަކޫސައިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ޑޯޓަމުންޑުން ހަތަރު ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ލެވަކޫސަންގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ނުވަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ މިކްޓަލް ވެއިޒާ އެވެ. ދެ ވަނަ ލަނޑު 39 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖޮނަތަން ޓާ އެވެ.

ޑޯޓަމުންޑުން ހަތަރު ލަނޑު ޖެހީ މެޗުގެ އެންމެ ފަހު 25 ވަނަ މިނެޓްގަ އެވެ. ޑޯޓަމުންޑުގެ ފުރަތަމަ ލަނޑު 65 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖޭކޮބް ބުރުން ލާސަން އެވެ. ދެ ވަނަ ލަނޑު 69 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މާކޯ ރޫސް އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ޕަކޯ އަލްކާސާ އެވެ.

ޑޯޓަމުންޑް އެއް ވަނައިގައި އޮތީ އެއް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ޑޯޓަމުންޑަށް 13 ޕޮއިންޓެވެ. ބާލިންވެސް ވަނީ އެ އަދަދަށް ޕޮއިންޓް ހޯދާފަ އެވެ. އެ ޓީމު އޮތީ ތިން ވަނައިގަ އެވެ.