ހަބަރު

ދައުލަތަށް ގެއްލުން ވާނެތީ ޓާޓާއާއެކު އާ އެއްބަސްވުމެއް ހަދަނީ

Sep 30, 2018
9

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފްލެޓު އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން މި ސަރުކާރުން އުވާލި މައްސަލާގައި ބަދަލުގެ ގޮތުގައި ދިވެހި ދައުލަތުން 250 މިލިއަން ޑޮލަރު ދައްކަން ޖެހިދާނެތީ، ސަރުކާރުން ޓާޓާ އެކު ފްލެޓް އަޅަން އާ އެއްބަސްވުން ގާއިމްކޮށްފި އެވެ.

ކުރީގެ މުވައްޒަފުންގެ ނާދީ ހުރި ބިމާއި މަޖީދީ މަގު އޯޑިއޯން ބިމުގައި ފްލެޓް އަޅަން ނަޝީދު ސަރުކާރުން ޓާޓާއާއެކު ހަދާފައިވާ އެއްބަސްވުން ރައީސް ޔާމީންގެ ސަރުކާރުން އުވާލާފައިވަނީ މި އަހަރު އެވެ. އެނގިފައިވާ ގޮތުގައި ޓާޓާ އެއްބަސްވުމުގެ މައްސަލާގައި ބަދަލުގެ ގޮތުގައި ސަރުކާރުން ވަނީ ކުރިން މާލޭ ކުނިކޮށި ހުރި ބިން ދޭން ނިންމައިފަ އެވެ. ނަމަވެސް މި އެއްބަސްވުން އޮތް ގޮތުން ފްލެޓް އެޅުމުގެ އިތުރުން ލަގްޒަރީ ވިލާ އަޅަން ރަށެއް ދޭން ޖެހެ އެވެ. ޓާޓާ ކުންފުންޏަށް ދޭން ނިންމާފައި އޮތީ ޅ. ޅޮއްސަލަފުށީ ގަ އެވެ.

މި މައްސަލާގައި ދިވެހ ސަރުކާރާއެކު ޓާޓާ ކުންފުނިން އެއްބަސްވުމަކަށް އާދެވުނު ނަމަވެސް ވިލާ އަޅަން ރަށެއް ދިނުމުގެ މައްސަލާގައި އަދި ގޮތެއް ވަނީ ނުނިމި އެވެ. އެ މައްސަލާގައި އެގްރިމަންޓް އޮންނަ ގޮތުން، ޓާޓާ ކުންފުނިން ވަނީ އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް ގޮސްފަ އެވެ. އަދި އެ ކުންފުނިން ބަދަލެއްގެ ގޮތުގައި 250 މިލިއަން ޑޮލަރު ހޯދަން ވަނީ އެދިފަ އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލާގައި ދިވެހި ސަރުކާރުން ފައިސާ ދައްކަން ޖެހެނީ މިއަދުގެ ނިޔަލަށެވެ. ރައީސް ޔާމީންގެ މި ސަރުކާރުން ބައިނަލްއަގުވާމީ ދެ އާބިޓްރޭޝަން ވަނީ ނާކާމިޔާބުވެފަ އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރާ އެކު ހެދި އެއްބަސްވުމުން އުވާލުމުން ދައްކަން ޖެހުނު 271 މިލިއަން ޑޮލަރާއި ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރަން މެލޭޝިއާގެ ނެކްސްބިޒް އެއްބަސްވުން އުވާލުމުން 15 މިލިއަން ޑޮލަރު ދައްކަން
ޖެހުމެވެ.