ގުޅީފަޅުން ފްލެޓު ގަތް ފަރާތްތަކާއި އަރަބިއްޔާ އާއި ގާކޮށީ ފްލެޓުތަކަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް "ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ 300 ފްލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގުޅީފަޅުގައި ތަރައްގީ ކުރި ފްލެޓުތަކަށް ގިނަ ބަޔަކު ފައިސާ ދައްކާފައި ވަނިކޮށް މި ސަރުކާރުން ވަނީ އެ މަޝްރޫއު ހުއްޓުވާ، އެ މީހުންނަށް ހުޅުމާލެއިން ފްލެޓު ދިނުމަށް ވައުދުވެފަ އެވެ. އަދި ޓާޓާ ކުންފުނިން މާލޭގައި އިމާރާތް ކުރި ކުރިން އަރަބިއްޔާ އަދި ގާކޮށި ހުރި ދެ ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ވެސް ލިބުނު ފަރާތްތަކުގެ ތެރެއިން ފައިސާ ދެއްކުމުގެ ގާބިލުކަން ނެތް ފަރާތްތަކަށް ވެސް ހިޔާ މަޝްރޫއުގެ ތެރެއިން ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ރާވައިފަ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަމުން އަންނަ 7000 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފައިވާ އިރު ހައުސިން މިނިސްޓްރީ އިން އިއްޔެ ވަނީ ޓާޓާ އާއި ގުޅީފަޅުން ފްލެޓު ނުލިބޭ މީހުންނަށް ހާއްސަކޮށް ކަނޑައަޅާފައިވާ 300 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފަ އެވެ. އެއީ ހިޔާ މަޝްރޫއުގެ H18 ކެޓަގަރީ އެވެ. އެ ލިސްޓު ގެޒެޓާއި އަދި ހައުސިން މިނިސްޓްރީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓުތައް ބަހާލާފައިވާ އިރު އާ ސަރުކާރުން އެ ފްލެޓު ބެހި ގޮތް ބަލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި އެެކަމުގައި ގޯހެއް އުޅޭނަމަ އެކަން ބަދަލު ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓުތަކުގެ މަސައްކަތް އަދި ނުނިމެ އެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ ފްލެޓުތަކުގެ މަސައްކަތް އަންނަ އަހަރު ޖޫން ނުވަތަ ޖުލައި ހިސާބުގައި ނިމޭނެ ކަމަށެވެ.