ހަބަރު

96،000 މީހުންނަށް އިހުތިރާމް ކުރަން އާ ސަރުކާރުން ދަސްކުރާތި: ޕީޕީއެމް

Sep 30, 2018
17

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންއަށްް ވޯޓު ދިން 96،000 މީހުންނަށް ވެސް އިހުތިރާމް ކުރަން އާ ސަރުކާރުން ދަސް ކުރަން ޖެހޭ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ޕީޕީއެމް އިން އިދިކޮޅުގައި ތިބީ 96،000 ރައްޔިތުންގެ ތާއީދާއެކުގައި ކަމަށެވެ. އެއީ ކުޑަ އަދަދެއް ނޫން ކަމަށާއި އެ އަދަދަށް އިހުތިރާމް ކުރުމަށް އާ ސަރުކާރުން ދަސް ކުރަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ. އިދިކޮޅު ޕާޓީތައް ވެރިކަމަށް ވަޑައިގަތީ ތަފާތު ނުކުރުމަށާއި ވަކި ޕާޓީއަކަށް ނިސްބަތްވުމަކުން ވަޒީފާގެ ބިރު ނުދައްކާނެ ކަމަށް ވަައުދުވެގެން ކަަމަށާއި އެގޮތުގައި ދެމި ހުރުމަށް އިލްތިމާސް ކުރާ ކަމަށް ނިހާން ވިދާޅުވި އެވެ.

"ރައްޔިތުންގެ ތެރެއިން 96.7 ހާސް މީހުންގެ ތާއީދާ އެކުގައި އަޅުގަނޑުމެން މިތިބީ، އެ އަދަދަށް އިހުތިރާމް ކުރަން އާ ސަރުކާރުން ދަސް ކުރައްވަން ޖެހޭ އެ އަދަދަށް އިހުތިރާމް ކުރައްވަން ރާއްޖޭގައި ދެން ތިއްބެވި ސިޔާސީ ޕާޓީތަކަށް އަޅުގަނޑުމެން އިހުލާސްތެރިކަމާއެކު ދަންނަވަން،" ނިހާން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނާތީ މިހާރު ވެސް ބައެއް ރަށްރަށުގައި ހިންގާފައި ހުރި އުމްރާނީ މަސައްކަތްތައް ހަލާކު ކުރަމުންދާ ކަމަށް ނިހާން ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ނިހާން ވިދާޅުވީ ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ކޯޒްވޭ އެރަށުގެ ރައްޔިތުންތަކެއް ނުކުމެ ކަނޑާލި ވާހަކަ އެވެ.

"މިއީ އުސޫލެއް ނޫން މިއީ ހަމަތަކެއް ނޫން މިދަނީ ވަރަށް ނުރައްކާތެރި ލެވަލްއަކަށް ބަޔަކު ވަރަށް ނުރައްކާތެރި ކަންތައްތަކެއް ރާވާ ފެންވަރު ވާހަކަ،" ނިހާން ވިދާޅުވި އެވެ.

ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ޖަލަށް ދާން ޖެހޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާނަމަ އެ ވަނީ އެ ފަރާތްތަކުން އެންމެ ފުރަތަމަ ކުރި ވައުދާ ހިލާފު ކަމަށެވެ. ރައީސް ޔާމީންއަކީ ކުށެއް ނުކުރާ މީހެއް ކަމަށާއި އެމަނިކުފާނު ޖަލަށް ގެންދާ ކަމަށް ވަނީނަމަ 96،000 މީހުން ލެވޭ ވަރުގެ ޖަލެއް އެޅުމަށް އާ ސަރުކާރަށް ގޮވާލާ ކަމަށް ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު ވެސް މިނިވަންކަން މި ރާއްޖެއިން ނެތިދާ ކަމުގެ އިހުސާސް މިވީ ތިން ހަތަރު ދުވަސް ތެރޭ ކުރެވިއްޖެ، އެއްވެސް ގާނޫނެއް ގަވައިދެއް ނެތްކަން އެނގެން ފަށައިފި، މިއީ ވެސް އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބުގައިވީ ވައުދުތައް ހަނދާން ނެތެން ފަށާފައިވާ ކަމުގެ ހެއްކެއް،" ފަލާހު ވިދާޅުވި އެވެ.