ރައީސް މައުމޫން އަބްދުލްގައްޔޫމް

ރައީސް މައުމޫން މިއަދު ހައިކޯޓަށް ގެންދަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްތިއުނާފު މައްސަލައެއް ކުއްލިއަކަށް މިއަދު ހަވީރަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

ރައީސް މައުމޫންގެ އިސްތިއުނާފު މައްސަލަ ތާވަލުކޮށްފައިވަނީ މިއަދު ހަވީރު 4:30 އަށެވެ. ވަކީލުން ވިދާޅުވި ގޮތުގައި ހަވީރު ބާއްވަނީ ރައީސް މައުމޫންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިިވާ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުމެކެވެ.

ނަމަވެސް އެ އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައިވަނީ ސިއްރުން ކަމަށް ހައިކޯޓުން ބުންޏެވެ.

ރައީސް މައުމޫންގެ އިތުރުން މިއަދު އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ހައިކޯޓަށް ހާޒިރުކޮށްފަ އެވެ. އޭނާ ހައިކޯޓަށް ހާޒިރުކުރީ ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުމަށެވެ. މިއަދު އެ މައްސަލާގެ ޝަރީއަތް ފެށިއިރު މި ހަފުތާގެ ތެރޭގައި ހުކުމް އިއްވާނެ ފަނޑިޔާރުންގެ ބެންޗުން އިއުލާންކުރި އެވެ.

ފާރިސްގެ ހުކުމް، ތަންފީޒުކުރުން ފަސްކުރުމަށް ވެސް މިއަދު އެދިފައިވެ އެވެ. އެކަމާ ގުޅޭ ގޮތުން ހައިކޯޓުން މިއަދު ގޮތެއް ނިންމާނެ ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު މިހާތަނަށް އެކަމާ ގުޅޭ ގޮތެއް ނިންމި ކަމެއް އެނގިފައެއް ނުވެ އެވެ.