ލ ގަމުގެ ސިނާއީ ސަރަހައްދުން ގަވާއިދާ ހިލާފަށް ބައެއް ގޯތި ވިއްކައި، ލިބުނު ފައިސާ ބޭނުންކޮށްފައިވާ މައްސަލައެއްގައި އެރަށު ކައުންސިލްގެ ސީނިއާ މުނިސިޕަލް ސާވިސް އޮފިސަރާއި ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް އޭސީސީއިން ފޮނުވައިފި އެވެ.
އޭސީސީއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ގަމުން ގަވާއިދާ ހިލާފަށް ގޯތި ވިއްކި މައްސަލައިގައި ކޮމިޝަނުން ކުރި ތަހުގީގުން، އެރަށު ސިނާއީ ސަރަހައްދުން ސައްހަނޫން ގޮތުގައި 12 ގޯއެއްޗެއްގެ ރަޖިސްޓްރީއެއް ދޫކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެ ރަޖިސްޓްރީތަކަކީ 1989 ވަނަ އަހަރު ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސްއިން ސެލެކްޓެޑް އައިލެންޑް ޑިވެލޮޕްލަމަންޓް ޕްރޮޖެކްޓު ހިންގި ދުވަސްވަރު ގޯތި ދޫކުރުމަށްފަހު ރަޖިސްޓްރީނުކޮށް ހުރި ގޯތިތަކެއްކަން ލ އަތޮޅު ކައުންސިލްގެ ލިޔެކިޔުންތަކުން އެނގިފައިވާ ކަމަށާއި ނަމަވެސް އެ ގޯތިތައް ލިބުނު މީހުންނަކީ އެއްވެސް ދުވަސްވަރެއްގައި ގަމުން ގޯއްޗެއް ލިބިފައިވާ ބައެއްއްނޫންކަން ވެސް އެ ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭސީސީއިން ބުންޏެވެ.
އެ މައްސަލާގައި އޭސީސީއިން ބުނީ، ސިނާއީ ސަރަހައްދަށް ނިސްބަތްވާ ގޯތިތަކެއްގެ ފޭކު ރަޖިސްޓްރީ ހެދުމަށްފަހު ގޯތި ވިއްކި ކަމަށް ތުހުމަތުކުރެވޭ ކައުންސިލްގެ ރައީސާއި މުނިސިޕަލް އޮފިސަރު ތުހުމަތުތަކަށް އިންކާރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ފޭކު ރަޖިސްޓްރީތަކުގައި ޗެކްކުރިކަމަށް ކޮށްފައިވާ ސޮޔާއި އެ ރަޖިސްޓްރީތަކަށް ހުއްދަ ދިންކަމަށް ކައުންސިލްގެ އޭރުގެ ރައީސް ކޮށްފައިވާ ސޮއި ތަހުލީލުކުރުމަށްފަހު ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެ ސޮއި ތުހުމަތު ކުރެވޭ ދެމީހުންގެ ސޮޔާއި އެއްގޮތްކަމަށް ،ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ. އޭގެ އިތުރުން އެ ދެ މީހުންގެ އެކައުންޓަށް ބޮޑެތި އަދަދުން އަމިއްލަ ފަރާތަކުން ފައިސާ ޖަމާކޮށްފައިވާކަން، ބޭންކް އޮފް މޯލްޑިވްސްއިން ހޯދާފައިވާ އެދެފަރާތުގެ ބޭންކް އެކައުންޓުގެ ތަފްސީލްތަކުން ވެސް ހޯދިފައިވާތީ އެ ދެމީހުން މަގާމާއި ނުފޫޒު ބޭނުންކޮށްގެން ނުހައްގު މަންފާތަކެއް ލިބިގަނެފައިވާކަމަށް އޭސީސީގެ ތަހުގީގަށް ގަބޫލުކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ލ ގަމު ސިނާއީ ސަރަޙައްދަށް ނިސްބަތްވާ ގޯތިތަކެއްގެ ސައްހަނޫން ރަޖިސްޓްރީތަކެއް ހެދުމަށްފަހު ގޯތިވިއްކައި، ނާޖާއިޒް ފައިދާ ހޯދައިދިންކަމާއި، އަދި ރަޖިސްޓްރީތައް ވިއްކައިގެން އެދެފަރާތުން ނާޖާއިޒް ފައިދާ ހޯދާފައިވާކަން ބަޔާންކުރެވުނު ހެކިތަކުން އެނގެން އޮތުމުން، ލ ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް އާއި އެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރގެ މައްޗަށް ގާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިޔުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ،" އޭސީސީއިން ބުންޏެވެ.