12 މެންބަރުންގެ މައްސަލަ

ގޮނޑީގެ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމަނީ

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑިއާމެދު އުފެދިފައިވާ ދެބަސްވުމާ ގުޅިގެން ވަރަށް އަވަހަށް ހުކުމެއް ކުރާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދުގެ ގޮޮނޑި އިލެކްޝަން ކޮމިޝަނުން ގެއްލިފައިވާ ކަމަށް ކަނޑައެޅުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

އެ ހަތަރު ބޭފުޅުން ވަކިވަކިން އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ދިގު އަޑުއެހުންތަކެއް ސުޕްރީމް ކޯޓްގައި ކުރިއަށް ދިޔަ އެވެ. ހަތަރު ބޭފުޅުންގެ ފަރާތުން ވަކީލުން ޓީމުތައް ސުޕްރީމް ކޯޓަށް ވަޑައިގެން އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމުގެ ގާނޫނީ ސަބަބުތައް ބަޔާންކުރި އެވެ.

ހަމައެހެން، އިލެކްޝަން ކޮމިޝަން ތަމްސީލް ކުރަމުންދިޔަ ބަންޑާރަ ނައިބު އޮފީހުގެ ވަކީލުން ގެންދެވެނީ ހަތަރު ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ވިދާޅުވަމުންނެވެ. ހަތަރު ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބަންޑާރަ ނައިބުގެ ފަރާތުން ބުނަނީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމަށް ރިޔާއަތްކޮށެވެ.

އެ ހުކުމްގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނޫނީ ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. ހަތަރު ބޭފުޅުން ވެސް ޕީޕީއެމްއިން ވަކިވާން އަމިއްލައަށް ސިޓީ ހުށަހެޅުއްވި އެވެ. އެއީ އެ ހުކުމްގެ ކުރިންނެވެ. ނަމަވެސް އެ ބޭފުޅުން ޕާޓީއިން ވަކިކޮށްފައިވާ ކަމަށް ޕީޕީއެމްއިން ސިޓީ އިލެކްޝަން ކޮމިޝަނަށް ފޮނުވީ ހުކުމުގެ ފަހުންނެވެ.

އެ ހަތަރު މައްސަލާގެ އަޑުއެހުންތައް ނިންމާލައި ހުކުމަށް ތައްޔާރުވެފައިވަނިކޮށް ސުޕްރީމް ކޯޓުން އެ މައްސަލަތަކުގެ އިތުރު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް ބުނެ އަމުރެއް ނެރުނެވެ. އެ އަމުރުން އެ ބޭފުޅުން ގޮނޑި ގެއްލިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

ނަމަވެސް، އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި އެވެ. އެ އަމުރު ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަމުރުގެ އެ ބައި ސަސްޕެންޑްކުރި އެވެ. އަދި ބާތިލްކުރަން ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ހަތަރު ބޭފުޅުންގެ މައްސަލާގައި ހުކުމެއް ކުރަންޖެހޭ ކަމެވެ. އެއީ ސުޕްރީމް ކޯޓުގެ ހުކުމަކުން ނިންމަންޖެހޭ ފަދަ މައްސަލަތަކެއް ކަމަށެވެ.

އެގޮތުގެ މަތިން މިއަދު ހެނދުނަށް މެންބަރު ވަހީދުގެ އަޑުއެހުން ތާވަލުކޮށް އެ އަޑުއެހުން ކުރިއަށް ގެންދެވި އެވެ. ފުލް ބެންޗުން ބައްލަވާ އެ މައްސަލާގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އަޑުއެހުމަކީ އިޖުރާއަތު ފުރިހަމަކުރަން ބާއްވާ އަޑުއެހުމެއް ކަމަށެވެ. މީގެކުރިން މައްސަލާގައި ދައްކާފައިވާ ހުރިހާ ވާހަކައަކަށް ހުކުމް ކުރުމުގައި ރިޔާއަތް ކުރައްވާނެ ކަމަށެވެ. އެހެންވެ، އިތުރު ވާހަކައެއް ދައްކަން އޮތްނަމަ އެކަމަށް ފުރުސަތު ދެއްވި އެވެ.

ވަހީދުގެ ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ އިތުރު ވާހަކަތަކެއް ދައްކަން ނެތް ކަމަށާއި އެދެނީ ކުރިން ދެއްކި ވާހަކަތަކަށް ރިޔާއަތްކޮށް، ހުކުމެއް ކޮށް ދެއްވުން ކަމަށެވެ. ބަންޑާރަ ނައިބު އޮފީހުގެ ވަކީލް މައާޝާ ލުތުފީ ވެސް ވިދާޅުވީ އެހެނެވެ.

ވަކިވަކި މުއައްސަސާތަކަށް ކޯޓުތަކުގައި ތަމްސީލްކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ މިއަދު އިލެކްޝަން ކޮމިޝަންގެ ވަކީލުން ވެސް އަޑުއެހުމަށް ވަޑައިގަތެވެ. ނަމަވެސް އިލެކްޝަން ކޮމިޝަންގެ ވަކީލުން ވެސް ވިދާޅުވީ އިތުރު ވާހަކައެއް ދައްކަން ނެތް ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އިތުރު ވާހަކައެއް ނެތުމުން އެ މައްސަލާގައި ހުކުމް އިއްވުމަށް އަވަހަށް އަޑުއެހުމެއް ތާވަލުކޮށް އެކަން އަންގަވާނެ ކަމަށެވެ.

މީގެކުރިން މި މައްސަލަ ބެއްލެވީ ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗުންނެވެ. އެއީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހިމެނިވަޑައިގަންނަވާ ބެންޗެވެ. ނަމަވެސް އެ ދެ ބޭފުޅުން ވަކިކޮށް މިހާރު ބެންޗަށް ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރައްވާފަ އެވެ.

މިއަދު މެންދުރުފަހު ސައުދު ހުސެއިންގެ މައްސަލާގެ އަޑުއެހުން ވެސް ކުރިއަށްދާނެ އެވެ. އެއީ ވެސް ބެންޗަށް ބަދަލު އައިސްފައިވާތީ، އިޖުރާއަތު ފުރިހަމަ ކުރުމުގެ ގޮތުން ބާއްވާ އަޑުއެހުމެކެވެ. އިޖުރާއު ފުރިހަމަ ކުރުމުގެ ގޮތުން މާދަމާ އަމީތާއި ލަތީފުގެ މައްސަލާގެ އަޑުއެހުން ވެސް ކުރިއަށް ގެންދާނެ އެވެ.