ހަބަރު

ފްލެޓް ފޯމަށް ދޫކުރި ނަމްބަރުތަކަށް ހިދުމަތް ނުދޭތީ އާންމުން ރުޅިގަދަވެއްޖެ

"ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓަށް ފޯމް ލާން އިއްޔެ ހައުސިން މިނިސްޓްރީ އިން ދޫކުރި ނަމްބަރުތަކަށް މިއަދު ހިދުމަތް ދޭނެ ކަމަށް ބުނި ނަމަވެސް، އެ ނަމްބަރުތަކަށް ހިދުމަތް ނުދީ، ފޯމްތައް ވެސް ބަލައިނުގަތުމުން، އެ މީހުން ރުޅިގަދަވެ އިހުތިޖާޖުކޮށްފި އެވެ.

ހުޅުމާލޭގައި އަޅާ 7000 ހައުސިން ޔުނިޓަށް އެދި ފޯމުލާން ހައުސިން މިނިސްޓްރީއިން މީގެ ތިން މަސް ކުރިން ހުޅުވާލި ފުރުސަތު އިއްޔެއަށް ވަނީ ހަމަވެފަ އެވެ. އެއާއެކު ގިނަ އަދަދެއްގެ ބަޔަކު ފްލެޓަށް ފޯމް ލާން ހައުސިން މިނިސްޓްރީ ކުރިމަތީގައި އިއްޔެ ދިގު ކިޔޫއެއް ދަމާލި އެވެ. ނަމަވެސް މުއްދަތު ހަމަވުމާ ގުޅިގެން އިއްޔެގެ ނިޔަލަށް ވަނީ ފުރުސަތު ބަންދުކޮށްފައެވެ.

ނަމަވެސް ކިޔޫގައި ޖެހިގެން ނަމްބަރު ނެގި މީހުންނަށް ހިދުމަތް ދޭނެ ކަމަށް ހައުސިން މިނިސްޓްރީގެ އޮފިޝަލުން އިއްޔެއާ ހަމަޔަށް ބުނި ކަމަށް މިނިސްޓްރީއަށް މިއަދު އެއްވި މީހުން ބުންޏެވެ. އެ މީހުން ބުނި ގޮތުގައި، އެ ނަމްބަރަށް ހިދުމަތް ހޯދުމަށް މިއަދިު ހައުސިން މިނިސްްޓްރީއަށް ދިޔުމުން އެތައް ގަޑިއިރުތަކެއް މިނިސްޓްރީ ތެރޭގައި ބޭއްތިއްބުމަށްފަހު ވަނީ އިތުރަށް ހިދުމަތް ނުދިނުމަށް ނިންމި ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން އެތަނުގައި ތިބި މީހުން ވަނީ ރުޅިގަދަވެ، މިނިސްޓްރީ ތެރޭ އަޑުގަދަކޮށް ނުރުހުން ފާޅުކޮށްފަ އެވެ.

"އިއްޔެ ހެނދުނު 10:00 ޖެހި އިރު މި ހުރީ ނަމްބަރެއް ނަގައިގެން، އެ މީހުން ކައިރީ އެހިން ނަމްބަރަށް ހިދުމަތް ލިބޭނެހޭ، ބުނީމަަ ބުނި އާންއެކޭ، މިއަދު ހެނދުނު ހިދުމަތް ހޯދަން އައިމަ ވެސް ހިދުމަތް ލިބޭނޭ ކިޔާފަ ކެޓަގަރީތަކަށް ތިން ލައިންއަކަށް މީހުންތައް އެތުރީ ގޮނޑިތަކެއް ޖަހާފަ، އޭގެ ގަޑިއިރެއް ފަހުން މީހަކު އައިސް ބުނީ ޓްވީޓެއްކޮށްފައި އެބައިނޭ ދެން ހިދުމަތެއް ނުލިބޭނޭ،" ފޯމް ލާން ގޮސް ހުރި މީހަކު ބުންޏެވެ.

ހައުސިން މިނިސްޓްރީ ތެރޭ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް އަޑުގަދަ ކުރަން ފެށުމުން އެއްވެސް ޖަވާބެއް ނުދީ ފުލުހުން މެދުވެރިކޮށް އެ މީހުން މިނިސްޓްރީ ތެރެއިން ވަނީ ބޭރުކޮށްފަ އެވެ. ނަމަވެސް ބައެއް މީހުން އަދިވެސް ހައުސިން މިނިސްޓްރީ ދޮރު މަތީގައި ޖަވާބެއް ހޯދުމަށް އެބަތިއްބެވެ.