ހަބަރު

އާދިއްތައިން ފެށިގެން ފްލެޓް ފޯމްތައް ބަލައިގަންނަން ފަށަނީ

މި ސަރުކާރުން ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓަށް އެދޭ ފޯމްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަލައިގަންނަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން ބުނީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ފޯމް ބަލައިގަތުމުގެ ކަންކަން ދަރުބާރުގޭގައި ކުރިއަށް ދާނީ، ހެނދުނު 10:30 އިން 1:30 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަަށް ކަމަށެވެ. އަދި ފޯމް ލުމަށް "ކިއުބީ އެޕް" މެދުވެރިކޮށް އޮންލައިންކޮށް ނަމްބަރު ނެގޭނެ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ. އަދި މިކަމުގެ ސަބަބުން ދިގު ކިޔޫތައް ހަދަން ނުޖެހޭނެ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

ހުޅުމާލޭގައި މި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 7000 ފްލެޓް އިމާރާތް ކުރަން ވަނީ ނިންމައިފަ އެވެ. އެ ޕްރޮގްރާމަށް ކުރިމަތިލާން ފޯމް ދޫކުރަން ފެށީ މޭ ހަވަނަ ދުވަހު އެވެ. އެކްސްޕޯއެއް ގޮތަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން، 40،096 ފޯމް ވަނީ ނަގައިފަ އެވެ. އަދި އަންނަ މަހުގެ ނިޔަލަށް ވެސް ދަރުބާރުގެއިން ފޯމް ލިބޭނެ އެވެ. އަދި އޮންލައިންކޮށް ވެސް ފޯމް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.