ހަބަރު

ބްރިޖްގައި "ކޮތަޅު ކޯޓް" ބޭނުން ނުކުރަން އިލްތިމާސްކޮށްފި

Oct 1, 2018
5

މި ދުވަސްވަރަކީ ގަދަ ވަޔާއެކު ވިއްސާރަވާ ދުވަސްވަރަކަށް ވާތީ ސިނަމާލެ ބްރިޖާއި ލިންކްރޯޑްގައި ދުއްވާއިރު ފަސޭހައިން ވައި އެޅޭ ޒާތުގެ ޕްލާސްޓިކް ކޮތަޅު މެޓީރިއަލްގެ ވިއްސާރަ ކޯޓު ބޭނުން ނުކުރަން ޓްރެފިކް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު އެދިފައިވަނީ، ބްރިޖް މަތިން ދަތުރުކުރާނަމަ ޑިސްޕޮސެބަލް ވިއްސާރަ ކޯޓުގެ ބަދަލުގައި ރަނގަޅު ފެންވަރެއްގެ ބޯ ކޯޓު ބޭނުންކުރުމަށެވެ. އެގޮތަށް އަންގާފައިވަނީ، ޑިސްޕޯސެބަލް ކޮތަޅަކީ ވައި އެޅުމުން އަވަހަށް ފަޅައިގެންދާ ކޮތަޅަކަށް ވެފައި، ކޯޓު ފަޅައިގެން ދާ ފަހަރެއްގައި އޭގެ ބައިތަށް ފަހަތުން ދުއްވާފައި އަންނަ މީހުންގެ ގައިގައި ނުވަތަ އުޅަނދުގައި އަޅައިގަނެ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެތީ އެކަމަށް އާންމުން ސަމާލުކުރުމުގެ ގޮތުންނެވެ. ޕްލާސްޓިކް ވާރޭ ކޯޓުތަކާ ގުޅޭ މިފަދަ ބައެއް ޝަކުވާތަށް ލިބެމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

"ވީމާ ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިކަންކަމަށް ސަމާލުވުމަށް ދަންނަވަން،" ޓްރެފިކް ފުލުހުން އެދިފައިވެ އެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވިއްސާރަ ދުވަސްކޮޅެކެވެ. މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުން ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އެވެ. އަދި މި ދުވަސްތަކުގައި ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި އެހެންކަމުން މޫސުމަށް ސަމާލުވެ، ރައްކާތެރިވެ ތިބުމަށް ވެސް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.